Advertisement

އުރީދޫ ދިވެހި ޕްރިމިއާ ލީގު: އީގަލްސް އިން މާޒިޔާ ބަލިކޮށްފި

7 އޭޕްރީލް 2022 - 23:55 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

އީގަލްސްގެ ހަންނަ (ވ) މާޒިޔާގެ ޑުންގާ ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އުރީދޫ ދިވެހި ޕްރިމިއާ ލީގު: އީގަލްސް އިން މާޒިޔާ ބަލިކޮށްފި

7 އޭޕްރީލް 2022 - 23:55 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން 1-0 އިން ކްލަބް އީގަލްސް އަތްދަށުވެ، ލީގުގައި ފުރަތަމަ ފަހަރަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވެއްޖެ އެވެ.

މިއީ މާޒިޔާގެ ކޯޗު ކަމާ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ސާބިއާގެ މަޔޮޑްރަގް ޖެސިކް ހަވާލުވި ފަހުން އެ ޓީމް ބަލިވި ފުރަތަމަ މެޗެވެ. ޖެސިކް، ފެށީ ހަތް މޮޅާ އެކު އެވެ. މާޒިޔާ އިން މީގެ ކުރިން ޖެހިޖެހިގެން ހަތް މޮޅާ އެކު ލީގު ސީޒަނެއް ފެށި އެވެ. އެއީ 2017. ވަނަ އަހަރުގެ މާލޭ ލީގެވެ. އެ ފަހަރު މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި ކުޅުނު މާޒިޔާ ބަލިވީ ވިކްޓްރީ އަތުންނެވެ. އޭރު ވިކްޓްރީގެ ކޯޗަކަށް ހުރީ އަލީ ސުޒޭން އެވެ.

މިރޭގެ މެޗުން ބަލިވި ނަމަވެސް މާޒިޔާ އޮތީ ލީގުގެ އެއް ވަނައިގައި އަށް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް އިންވަނީ މާޒިޔާ އާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކައިރިކޮށްފަ އެވެ. އީގަލްސް އަށް ވަނީ އަށް މެޗުން 19 ޕޮއިންޓް ލިބިފަ އެވެ.

މި މެޗަށް ދެ ޓީމުން ނެރުނު ފުރަތަމަ އެގާރައަށް ބަލާއިރު، އީގަލްސް އިން ފުރުސަތު ދީނީ ޒުވާން ކީޕަރު ހަސަން އަލީފް އަށެވެ. އެ ޓީމުން ވަނީ ސީޒަން ފެށި އިރު ޓީމުގައި ހުރި ލެބަނަންގެ ކީޕަރު މުހައްމަދު ތަހާ ދޫކޮށްލާފަ އެވެ. ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން ގާތް ގަނޑަކަށް ދެ މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު އީގަލްސްގެ ފޯވާޑް ޒައިން ޒަފަރު ވެސް މި މެޗުގެ ފުރަތަމަ އެގާރައިގައި ވަނީ ކުޅެފަ އެވެ. އެކަމަކު، އަނިޔާގެ ސަބަބުން އީގަލްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އަހުމަދު ރިޒްވާން (ރިޒޭ) މި މެޗުގައި ނުކުޅެ އެވެ.

މާޒިޔާ އިން މި މެޗު ފެށީ ބިދޭސީ މިޑްފިލްޑަރު ޓަނާގެ ބަދަލުގައި އަކުރަމް އަބްދުލް ގަނީ (އަކޫ) މިޑްފީލްޑް ލައިނުގައި ހިމަނައިގެންނެވެ. އަނިޔާއިން ރަނގަޅުވެ، މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) މި މެޗުގައި ކުޅުނެވެ.

މެޗު ދެ ޓީމުން ވެސް ފެށީ އަވަސް ކުޅުމަކާ އެކުގަ އެވެ. މި ގޮތުން ދެ ޓީމުން ވެސް ބޯޅަ ގެއްލުމާ އެކު ކުރިން ޕްރެސް ކޮށްގެން ބޯޅަ ހޯދަން މަސައްކަތްކުރި އެވެ. ގޯލް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ފުރަތަމަ ވެސް ލިބުނީ އީގަލްސް އަށެވެ. މާޒިޔާގެ އޭރިއާ ތެރެއަށް އައި ބޯޅައެއް ސާބިއާގެ ޑިފެންޑަރު ނިމަންޔާ ކާޓަލް އަށް ދިފާއުނުކުރެވިގެން އުޅެނިކޮށް ލިބުނީ އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އަށެވެ. އޭނާ ތިރިތިރިން ނަގައިދިން ބޯޅަ އެ ޓީމުގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން މާޒިޔާގެ ނޭޕާލް ކީޕަރު ކިރަން ކުމާރު ލިމްބޫ ވަނީ ހޯދައިފަ އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނުރައްކާތެރި ބޯޅައެއް ގޯލަށް ފޮނުވާލި އެވެ. އޭރިއާބޭރުން ކަނާ ދިމާލުން ބޭރުގައި ހުރެފައި ހަންނަ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

އީގަލްސްގެ ސަމިއްޓެ (ވ) އަތުން ބޯޅަ ހޯދަން މާޒިޔާގެ ދާދު މަސައްކަތްކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މެޗުގެ ހަމައެކަނި ގޯލް އީގަލްސް އިން ޖެހީ މެޗުގެ 32 ވަނަ މިނެޓުގަ އެވެ. މެދު ރޮނގު ކައިރިން ލިބުނު ޒައިން އަށް ލިބުނު ބޯޅަ ޑިފެންޑަރު ސަމޫހު އަލީގެ ބޯ މަތިން އޭނާ ދިނީ ހަންނަ އަށެވެ. މާޒިޔާގެ ޑިފެންޑަރު ހަސަން ޝިފާޒަށް (ޑުންގާ) ވުރެ ކުރިއަށް ޖެހިލައި، ހަންނަ ވަނީ އެ ބޯޅަ ހޯދަން ކުރިއަށް ކުތް ކީޕަރު ކިރަން އަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އީގަލްސް އިން ގޯލް ޖެހިތާ ދެ މިނެޓު ފަހުން ނަތީޖާ ހަމަހަމަކުރަން މާޒިޔާ އަށް ފުރުސަތު ލިބުނެވެ. އީގަލްސްގެ ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ) ދިފާއުކުރަން މަސައްކަތްކުރި ބޯޅަ އޭރިއާ ބޭރުން ހޯދީ މާޒިޔާގެ އިބްރާހިމް އައިސަމް އެވެ. އޭނާ އެ ބޯޅަ ޖައްސާލީ އޭރިއާ ތެރޭގައި ހުރި ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ. ހަމްޕު އެއް ފަހަރުން ގޯލްގެ ކަނަށް އަމާޒުކޮށް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް އެ ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގައި މާޒިޔާ އިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ އަކީ ނާއިޒް ހަސަން (ދާދު) ފޮނުވާލި ބޯޅަ އެވެ. އޭރިއާގެ އަރިމަތިން ވަދެ ދާދު ފޮނުވާލި ބާރު ބޯޅަ ގޯލު ކުރިމަތިން ހުރަސް ވެގެންދިޔައީ ކީޕަރު އަލީފް އަތުގައި ޖެހިފަ އެވެ.

މާޒިޔާ އިން ދެ ވަނަ ހާފަށް ނުކުތީ އަކޫގެ ބަދަލުގައި ޓަނާ ކުޅެން އަރުވައިގެންނެވެ. މި ހާފުގެ ފެށިގެން މާޒިޔާ އިން އެޓޭކިން ލައިނުގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާ އަށް ލިބުނު ކޯނަރަކުން ޓަނާ ނަގައިދިން ބޯޅަ ކެޕްޓަން އިރޭ ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މާޒިޔާ އިން ދިޔައީ މަޑު މަޑުން އީގަލްސްގެ ފަހަތަށް ބާރު ބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ. މި ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) އަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ހަމްޒާ ދިން ބޯޅަ އެއް ކޮންޓްރޯލް ކުރުމަށް ފަހު ކައިރީގައި ހުރި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ އެވެ. އޭގެ ފަހުން އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ޓަނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 76 ވަނަ މިނެޓުގައި މާޒިޔާގެ އިރޭއަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަރިމަތިން ހައިޝަމް ހަަސަން (ބިޑި) ނަގައިދިން ހުރަސް ޖަހަން އިރޭ މަސައްކަތްކުރި ނަމަވެސް ކީޕަރު އަލީފް އަތުގައި ޖެހިފައި އެ ބޯޅަ އިރޭގެ ފަޔަށް އަރާ ގޮތެއް ނުވި އެވެ. ދެން އެ ބޯޅަ ލިބެން ދިޔައީ ކޯނޭ އަށެވެ. ކޯނޭ އަށް އެ ބޯޅަ ލިބުމުގެ ކުރިން ފަހަތަށް ފައިބައި އެ ބޯޅަ ދިފާއުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސައިފުﷲ އިބްރާހިމް އެވެ.

މެޗުގެ ފަހު ދިހަ މިނެޓުގައި ދެ ޓީމުން ވެސް ގިނަ ފައުލްތަކެއް ކުރިއިރު، ދެ ޓީމަށްވެ ސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނެވެ. އަދި މެޗުގެ ފޯރީގައި ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ވެސް ހިތްހަމަނުޖެހުންތަކެއް ދިޔަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ކުލަބު ވެލެންސިއާ ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.