Advertisement

ސިޓީގައި "އިންޑިއާ އައުޓް" ސްޓޭމްޕް އިނުމުން ދީނީ ދަރުހަށް ހުއްދައެއް ނުދިން: ޝުޖާއު

7 އޭޕްރީލް 2022 - 22:42 2

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި؛ އޭނާ ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅުވައިގެން ދީނީ ދަރުހަށް މިނިސްޓްރީން ހުއްދަ ނުދިންކަމަށް. ފޮޓޯ: ޕީޕީއެމް


ސިޓީގައި "އިންޑިއާ އައުޓް" ސްޓޭމްޕް އިނުމުން ދީނީ ދަރުހަށް ހުއްދައެއް ނުދިން: ޝުޖާއު

7 އޭޕްރީލް 2022 - 22:42 2

ރޯދަ މަހާ ގުޅުވައިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވަން އުޅުނު ދީނީ ދަރުސް ސަލްމާން މިސްކިތުގައި ބޭއްވުމަށް ހުއްދަ ހޯދަން ފޮނުވި ސިޓީގައި "އިންޑިއާ އައުޓް" ސްޓޭމްޕް ޖަހާފައި ހުރުމުން އިސްލާމިކް މިނިސްޓްރީން އެ ދަރުހަށް ހުއްދަދޭން އިންކާރު ކޮށްފިކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުގައި ހިމެނޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރަައީސް އިބްރާހިމް ޝުޖާއު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ދަރުހަށް ހުއްދަ ހޯދަން ސިޓީ ފޮނުވުމުން ސްޓޭމްޕާ ހެދި މިނިސްޓްރީން ހުއްދަދޭން އިންކާރުކުރި ކަމަށެވެ.

"އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ އަޅުގަނޑުމެން ފޮނުވާފައިވާ ސިޓީއަކީ ސިޓީ ފޮނުވުމުގެ އާންމު އުސޫލާ ހިލާފަށް ފޮނުވާފަވާ ސިޓީއެކޭ،" ޝުޖާއު ވިދާޅުވި އެވެ.

މިނިސްޓަރު ކައިރިން ސިޓީގައި އޮތީ ކޮން މައްސަލައެއްތޯ އެހުމުން އެ ސުވާލަށް ޖަވާބުދެއްވަން އުނދަގޫވެވަޑައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަހުން އެއީ "އިންޑިއާ އައުޓް" ސްޓޭމްޕް ސިޓީގެ މަތީގައި ޖަހާފައި އިނުމުން ކަމަށް މިނިސްޓަރާ ހަވާލާދެއްވައި ޝުޖާއު ވިދާޅުވި އެވެ.

"ދެން މިނިސްޓަރު ވިދާޅުވި އޭގަ ވަކި ސްޓޭމްޕެއް ޖަހާފަ އިނީމައޭ، ދެން އަޅުގަނޑު ދެންނެވިން އިންޑިއާ އައުޓް ސްޓޭމްޕް ސިޓީގަ އިނީމަތޯއޭ ތި ވިދާޅުވީ މި އުސޫލާ ހިލާފްވިއޭ. ވިދާޅުވި އާދޭހޭ. ދެން އަޅުގަނޑު ދެންނެވިން މިނިސްޓަރޭ، އެއީ މިނިސްޓަރާ ބެހޭކަމެއް ނޫނޭ ސިޓީގަ އިންޑިއާ އައުޓް އިނުމަކީ، މިނިސްޓަރަކީ ތިއީ އަޅުގަނޑުމެންގެ ބަލަދުވެރި ފަރާތެއް ނޫނޭ،" ޝުޖާއު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޝުޖާއު މި ނޫހަށް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ހުރިހާ މުއައްސަސާއަކަށް ވެސް ސިޓީ ފޮނުވަނީ އެ ސްޓޭމްޕް ޖެހުމަށްފަހު ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތުގެ ގޮތުގައި އޮންނަ އިލެކްޝަންސް ކޮމިޝަނުން ވެސް މައްސަލަ ނުޖައްސާ ކަމެއްގައި އިސްލާމިކް މިނިސްޓްރީން މައްސަލަ ޖައްސަންވީ ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އެކަމަށް ޖަވާބެއް ނުދެއްވި މިނިސްޓަރު، ދެން ވިދާޅުވީ މިހާރު ސިޔާސީ ޕާޓީތަކަށް ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒު ވެސް ނުދޭ ގޮތަށް ނިންމާފައިވާ ކަމަށް، އެކަހަލަ ދީނި ދަރުސް ދިނުމަށް، އެހެން މިސްކިތްތައް ދިނަސް އެއްވެސް ލޯގޯއެއް ބޭނުންނުކުރެވޭނެ ކަމަށް،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މިނިސްޓްރީން އެގޮތަށް އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ސިޔާސީ ޕާޓީއަކަށް ދަރުސް ދޭން ދީފިނަމަ ޕީޕީއެމުން އެކަން ހުއްޓުވާނެ ކަމަށެވެ. އަދި އެކަން މިނިސްޓަރަށް ވެސް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެކަމާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ލިޔުމުން ޖަވާބު ދިނުމަށް އެދުމުން އެކަމަށް ވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ. އަދި އޭގެ ފަހުން އީމެއިލް މެދުވެރިކޮށް ވެސް އެއްވެސް ގޮތަކުން ޖަވާބެއް ދެއްވާފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މިނިސްޓްރީން ޕީޕީއެމްގެ ދަރުހަށް ހުރަސްއެޅިޔަސް، އެޕާޓީން ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ ހާއްސަ އިހްޔާ ފޯރަމް އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުރިޔަށްދާނެ ކަމަށެވެ.

ޕީޕީއެމް އޮފީހުގައި އެރޭ 10:00 ގައި ކުރިޔަށް ގެންދަން ނިންމާފައިވާ އެ އިހްޔާ ފޯރަމް ހޯސްޓުކުރައްވާނީ ކުރީގެ އިސްލާމިކް މިނިސްޓަރު، ދީނީ އިލްމުވެރިޔާ އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަބްދުލް ސައީދުކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެ ދަރުހުގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީއަށް މި ނޫހުގެ ފަރާތުން ގުޅުމުން އެ މިނިސްޓްރީން އެކަމަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.