Advertisement

ރޫނީ ދެއްކި ވާހަކަ ރޮނާލްޑޯ އަށް ކަމަކުނުދިޔަ

7 އޭޕްރީލް 2022 - 21:57 0

ޑާބީގެ ކޯޗަކަށް ހުރި ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ (ވ) އާއި ޔުނައިޓެޑްގެ މިހާރުގެ ތަރި ރޮނާލްޑޯ.


ރޫނީ ދެއްކި ވާހަކަ ރޮނާލްޑޯ އަށް ކަމަކުނުދިޔަ

7 އޭޕްރީލް 2022 - 21:57 0

ލަންޑަން (އޭޕްރީލް 7) - ސްކައިސްޕޯޓްސްގެ "މަންޑޭ ނައިޓް ފުޓްބޯލް" (އެމްއެންއެފް) ޝޯގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އަދި ޑާބީ ކައުންޓީގެ މިހާރުގެ ކޯޗު ވޭން ރޫނީ ދެއްކި ބައެއް ވާހަކަތަކާ މެދު ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުރުހުންވެއްޖެ އެވެ.

އެމްއެންްއެފްގެ ހޯސްޓް، ޑޭވިޑް ޖޯންސް ވަނީ ޝޯގެ ތެރެއިން ޔުނައިޓެޑްގެ މި ވަގުތުގެ ހާލަތާއި ރޮނާލްޑޯގެ އެނބުރި އައުމާ ބެހޭގޮތުން ރޫނީ ދެކޭގޮތެއް ހިއްސާކުރަން ބުނެފަ އެވެ.

ޖަވާބުގައި ރޫނީ ވަނީ ޔުނައިޓެޑްގެ މި ވަގުތު ހާލަތާއި މުސްތަގުބަލުގައި ޓީމު ރަނގަޅު މިސްރާބަށް ގެންދާނަމަ ކުރަން ޖެހޭ ކަންތައްތަކެއް ކިޔައިދީފަ އެވެ.

"ރަނގަޅަށް ވިސްނާފައި ބުނާނަމަ ކްލަބަށް އެންމެ ރަނގަޅު ގޮތަކަށް ނޫން އެކަން (ރޮނާލްޑޯ އެނބުރިއައުން) މި އޮތީ. އޭނަ (ރޮނާލްޑޯ) ވަރަށް މުހިންމު ގޯލުތަކެއް ޖަހައިފި ޗެމްޕިއަންސް ލީގުގައި ދެން، ޕްރިމިއާ ލީގުގައި ޓޮޓެންހަމް ކޮޅަށް ހެޓްރިކެއް ހަދައިފި،" ރޫނީ ބުންޏެވެ.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ.--- ފޮޓޯ: އޭއެފްޕީ


"އެކަމަކު، އަހަރެންގެ ނަޒަރުގައި ކްލަބްގެ މުސްތަގުބަލަށް ވިސްނާ ކަމަށްވާ ނަމަ ޖެހޭނީ، ޒުވާން، ކާމިޔާބު ހޯދަން ފެންބޮވައިގަނެފައި ހުރި ކަހަލަ މަސައްކަތްކުރާ ކުޅުންތެރިންނާ އެކު ކުރިއަށްދާން އެއީ ކުރިއަށް އޮތް ދެ ތިން އަހަރު ތެރޭ ޔުނައިޓެޑް ކުރިއަރާނެ ގޮތަކީ. ގަބޫލުކުރަން ޖެހޭނެ ކަަމަކީ ރޮނާލްޑޯ އެ ހުރީ އޭނާގެ އުމުރުން 20 އަހަރުގެ ތެރޭގައި ކުޅުނު ލެވަލްގައެއް ނޫންކަން،"

ރޫނީ ބުނީ ރޮނާލްޑޯ އަކީ ލަނޑު ޖެހުމަށް ބަލާއިރު ކޮންމެ ޓީމަކަށް ވެސް ވަރަށް ބޭނުންތެރި، އިދިކޮޅު ޓީމަށް ނުރައްކާ ބޮޑު ކުޅުންތެރިއެއް ކަމަށެވެ. އެކަމަކު، ޔުނައިޓެޑް މި ވަގުތު އޮތް ހިސާބުން ކުރިއަށްގެންދާނަމަ ބޭނުންވަނީ ޒުވާން ކުޅުންތެރިން ލައިގެން މަސައްކަތް ކުރުން ކަމަށް ރޫނީ ވަނީ ބުނެފަ އެވެ.

ޝޯގައި އެހެން ސުވާލަކަށް ޖަވާބު ދެމުން ރޫނީ ވަނީ ޔުނައިޓެޑުން ޕައުލް ޕޮގްބާގެ ކޮންޓްރެކްޓް އާ ނުކުރުމަކީ ވެސް ރަނގަޅު ނިންމުމެއް ކަމަށް ބުނެފަ އެވެ.

ރޫނީ ކޮށްފައިވާ ޕޯސްޓަށް ރޮނާލްޑޯ ކޮށްފައިވާ ކޮމެންޓް.


އެމްއެންއެފްގެ ޝޯގެ ތެރެއިން ރޫނީ އާއި ހޯސްޓް ޑޭވިޑް އަދި އެނަލިސްޓް، ޖޭމީ ކެރެގާ އެކުގައި ނަގާފައިވާ ފޮޓޯއެއް ރޫނީ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯ އަށް ރޮނާލްޑޯ ވަނީ ކޮމެންޓްކޮށްފަ އެވެ. ރޮނާލްޑޯ ލިޔެފައިވަނީ "ޓޫ ޖެލަސް" މިހެނެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ހުރީ ރޫނީ ޝޯގައި ދެއްކި ވާހަކަތަކާ މެދު ހިތްހަމަނުޖެހިފަ އެވެ. އަދި ރޮނާލްޑޯގެ އެ ކޮމެންޓަކީ ރޫނީ އެ ޝޯގައި ދެއްކި ވާހަކަތަކާ މެދު ނުރުހުންވެގެން ކޮށްފައިވާ ކަމެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ރޮނާލްޑޯ، އިންސްޓަގްރާމްގައި ކުރި ކޮމެންޓާ ބެހޭގޮތުން މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރޫނީއާ ސުވާލުުކުރުމުން ދިނީ މަޖާޒީ ޖަވާބުތަކެކެވެ.

ރޫނީ ބުނީ ލިއޮނަލް މެސީ ފިޔަވައި ރޮނާލްޑޯ ދެކެ "ޖެލަސް" ނުވާނެ ކުޅުންތެރިއަކު ހުންނާނެހެން ހީނުވާ ކަމަށެވެ. އެއީ ރޮނާލްޑޯ އަތުގައި އޮތް ރެކޯޑްތަކާއި ހޯދާފައިވާ ތަށިތަކާއި އެވޯޑްތަކުގެ އިތުރުން ރޮނާލްޑޯގެ ހަށިގަނޑު ހުރީ މާ ފުރިހަމަކޮށް ކަމަށްވާތީ އެވެ.

2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާއި ޕޯޗުގަލް ކުޅުނު މެޗުގެ ތެރެއިން.


ރޫނީ އާއި ރޮނާލްޑޯ އެއްކޮށް ޔުނައިޓެޑަށް ކުޅުނުއިރުގައި ވެސް މައްސަލަ ޖެހުނެވެ. އެއީ ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލް އާއި އިންގްލެންޑް ކުޅުނު މެޗުގައި ރޫނީ އަށް ރަތް ކާޑު ދެއްކުމުގައި ރޮނާލްޑޯގެ ދައުރު އޮތުމުންނެވެ.

އެ މެޗުގައި ރޫނީ އާއި ޕޯޗުގަލްގެ ރިކާޑޯ ކަވާލިއޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ރޫނީ ފައިން ކަވާލިއޯ ފައިވަޅު ކައިރިއަށް އެރުނެވެ. ފައުލު ހިނގިތަނަށް އައިސް ތަނަށް އައިސް ރޮނާލްޑޯ ވަނީ ރޫނީ އަށް ކާޑު ދައްކަން ޖެހޭ ކަމަށް ރެެފްރީ ކައިރީގައި އެޕީލްކޮށްފަ އެވެ. ދެ ޓީމުގެ ކުޅުންތެރިން ބޮނޑިވެފައި އޮތް ވަގުތުގައި ރޫނީ އައިސް ރޮނާލްޑޯ މެއިގައި އަތްއަޅުވާލުމަށް ފަހު ކޮށްޕައިލަ އެވެ. ފަހުން ރެފްރީ ވަނީ ރޫނީ އަށް ރަތް ކާޑެއް ދައްކައިފަ އެވެ. އެ ފަހަރު ރޫނީ އާއި ރޮނާލްޑޯގެ ދެމެދުގައި މައްސަލަ ހައްލުކުރީ އޭރު ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަަސަން އެވެ. އެއީ އިނގިރޭސި މީޑިއާގައި ރޫނީ އާއި ރޮނާލްޑޯ ދެން އެއް ޓީމަކުން ނުފެންނާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވިފައިވަނިކޮށެވެ.