Advertisement

ވިޔަރެއާލް އަތުން ބަލިވުމަކީ ބަޔާނަށް ހައްގު ނަތީޖާއެއް: ނާގަލްސްމަން

7 އޭޕްރީލް 2022 - 22:09 0


ވިޔަރެއާލް އަތުން ބަލިވުމަކީ ބަޔާނަށް ހައްގު ނަތީޖާއެއް: ނާގަލްސްމަން

7 އޭޕްރީލް 2022 - 22:09 0

ވިޔަރެއާލް (އޭޕްރީލް 7) – ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ވިޔަރެއާލް އަތުން 1-0 އިން ބަޔާން މިއުނިކް ބަލިވިއިރު، މިއީ ބަޔާނަށް އެ މެޗުން ހައްގުވި ނަތީޖާ ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

މެޗުގެ ކުރީކޮޅު ވިޔަރެއާލަށް ލަނޑު ޖަހައިދިނީ ނެދަލެންޑްސްގެ ފޯވާޑް އާނައޮޓް ޑަންޖޫމާ އެވެ. ވިޔަރެއާލަށް ނަތީޖާގެ ފަރަތު ބޮޑުކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް ފޯވަޑް ޖެރާޑް މޮރޭނޯ އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެ އެވެ. ވިޔަރެއާލްގެ ފްރަންސިސް ކޮކަލިން ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ބަޔާންގެ ކޯޗު ނާގަލްސްމަން ބުނީ މެޗުގައި ބަޔާންގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެންނަނީ ކަމަށާއި މެޗުން ލިބުނީ ބަޔާނަށް "ހައްގު ނަތީޖާއެއް" ކަމަށެވެ.

"މިއީ މި މެޗުން ބަޔާނަށް ހައްގުވި ނަތީޖާ. މި މެޗުގައި ބަޔާނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު،" ނާގަލްސްމަން ބުންޏެވެ. "ފުރަތަމަ ހާފުގައި ބަޔާންގެ ފަރާތުން ޖޯރެއް ނުފެނުނު. ބަޔާނަށް ޗާންސްތަކެއް އުފެއްދޭ ގޮތެއްނުވި. އަދި މެޗުގެ ކޮންޓުރޯލް ގެއްލުވާލީ،"

ބަޔާން މި މެޗުން މި ބަލިވީ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ބަލިނުވެ ޖެހިޖެހިގެން 22 މެޗު ހަމަކޮށްފައިވަނިކޮށެވެ. ބަޔާން ޗެމްޕިއަންސް ލީގުގެ އަވޭ މެޗަކުން އެންމެ ފަހުން ބަލިވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ބަޔާންގެ ފޯވަޑް ތޯމަސް މުލާ ބުނީ މެޗުގެ ދިޔަ ގޮތަށް ބަލާއިރު، 1-0 ގެ ނަތީޖާ ބަލައިގަންނަންޖެހޭ ކަމަށެވެ.

"މިއަށްވުރެ ގޯސްކޮށް މެޗު ދިޔަނަމަ، ފަރަތު ބޮޑުވާނެ. އެހެންވީމަ މި ނަތީޖާ ބަލައިގަންނަންޖެހޭނީ. ދެވަނަ ލެގަށް ވަރަށް ރަނގަޅު ތައްޔާރުވެ، ބަދަލު ހިފަންޖެހޭ،" މުލާ ބުންޏެވެ.

އުނާއި އެމެރީގެ ކޯޗުކަމުގައި ކުޅެމުން އަންނަ ވިޔަރެއާލުން މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިިއަންކަން ހޯދިއިރު، މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުމަކީ ވެސް ކާމިޔާބެކެވެ. ފަހަކަށް އައިސް ސްޕެނިޝް ލީގުގައި ވިޔަރެއާލްގެ ނަތީޖާތަށް ދަށް ނަމަވެސް ޗެމްޕިއަންސް ލީގުގައި ބަޔާން އަތުން މި ލިބުނު މޮޅާ އެކު ސީޒަންގެ ފަހު ބައިގައި އެ ޓީމުގެ އިތުބާރު ރަނގަޅުވާނެ ކަމަށް އެމެރީ ވަނީ ބުނެފަ އެވެ.