Advertisement

ފާޑުކިއުންތެރިންނަށް ޓުޗެލް ރައްދު ދީފި

20 އޭޕްރީލް 2024 - 11:25 0


ފާޑުކިއުންތެރިންނަށް ޓުޗެލް ރައްދު ދީފި

20 އޭޕްރީލް 2024 - 11:25 0

މިއުނިކް (އޭޕްރީލް 20) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ސެމީ ފައިނަލްގެ ޖާގަ ބަޔާން މިއުނިކް އިން ހޯދުމާ އެކު، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ފާޑުކިއުންތެރިންނަށް ރައްދު ދީފިއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ބަޔާން ދަތުރުކުރީ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން 1-0 އިން މޮޅުވެގެނެވެ.

މި ސީޒަންގައި ބަޔާނަށް ވަނީ ޖަރުމަން ލީގު ގެއްލިފައެވެ. ފާއިތުވި 11 އަހަރުވެސް ލީގު ޗެމްޕިއަންކަން ހޯދި ބަޔާން ފަހަތަށް ޖައްސާލުމަށްފަހު ލީގު ކާމިޔާބުކުރީ ބަޔާ ލޭވަކޫސަންއެވެ. މި ސީޒަންްގައި ބަޔާނަށް ތައްޓެއް ހޯދަން އޮތް ހަމައެކަނި ފުރުސަތަކީ ޗެމްޕިއަންސް ލީގެވެ.

މި ސީޒަނަށްފަހު ބަޔާންގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާ ޓުޗެލް އަށް މި ސީޒަންގައި ގިނަ ފާޑުކިއުންތަކެއް އަމާޒުވިއެވެ. ބަޔާނަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދިނުމަށްފަހު، ޓުޗެލް ވަނީ ރޭ ނޫސްވެރިންނާ ވާހަކަދައްކަމުން ފާޑުކިއުންތެރިންނަށް ރައްދުދީފައެވެ.

"ކޮން ބައެއް ފާޑުކިއުންތައް އަމާޒުކުރީ؟ މީޑިއާ އިން ކުރީ. ދެން މިއަދު ތި އަހަނީ (ސެމީ ފައިނަލްގެ ޖާގައެއް ލިބުނީމަ) އުފަލެއް ލިބުނުހޭ،" ޓުޗެލް ބުންޏެވެ. "އަހަރެން އެންމެ ފުރަތަމަ ދުވަހުން ފެށިގެެންވެސް އަހަންނަށް ކުރެވެން އޮތް މަސައްކަތެއްކުރަން. އެންމެ ފަހު ދުވަހާ ހަމައަށްވެސް ހުންނާނީ މިހެން."

ޓުޗެލް އަކީ ތަފާތު ތިން ގައުމެއްގެ ތިން ކްލަބު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިން ފުރަތަމަ ކޯޗެވެ. ޗެލްސީގެ ކޯޗެއްގެ ގޮތުގައި 2021 ވަނަ އަހަރު ޓުޗެލް ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، 2020 ވަނަ އަަހަރު ޓުޗެލްގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ފައިނަލަށް ދަތުރުކުރިއެވެ.

ސެމީ ފައިނަލްގައި ބަޔާންއާ ދެކޮޅަށް ނުކުންނާނީ ރެއާލް މެޑްރިޑެވެ.