Advertisement

ހާއްސަ އަމާޒަކާ އެކު ނަސްރު 80 ވަނަ މެރަތަން އަށް

6 އޭޕްރީލް 2022 - 13:55 1

މެރަތަން ދުވުންތެރިޔާ އަދި މަޝްހޫރު ކޯޗު ރޯދަ މަހު މާލޭގައި ދުވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހާއްސަ އަމާޒަކާ އެކު ނަސްރު 80 ވަނަ މެރަތަން އަށް

6 އޭޕްރީލް 2022 - 13:55 1

ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް ހޯލްޑަރު ނަސްރުﷲ އަހުމަދު (ނަސްރު)، އޭނާގެ 80 ވަނަ މެރަތަން ދުވަން ތައްޔާރުވަމުން އަންނައިރު، މި ދުވުން ހާއްސަ ކުރުމަށް އޭނާގެ ހާއްސަ އަމާޒެއް އެބައޮތް ކަމަށް ބުނެފި އެވެ.

ނަސްރު، މިދިޔަ މަހު ތުރުކީގައި އޭނާގެ 79 ވަަނަ މެރަތަން ދުވިއިރު، ދާދި ފަހުން ވަނީ އިންޑިއާގެ ނާގާލޭންޑްގައި ބޭއްވި ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހި ޓީމަށް ކޯޗުކޮށްދީ ހަތަރު ވަނަ ހޯދައިފަ އެވެ.

މި މަހު 10 ވަނަ ދުވަހު ބެންގަލޫރުގައި ބާއްވާ މެރަތަން ވެގެންދާނީ ނަސްރުގެ 80 ވަަނަ މެރަތަން އަށެވެ. އެ ދުވުމުގައި ވާދަކުރަން ނަސްރު މިއަދު ފުރީ ހާއްސަ އަމާޒަކާ އެކުގަ އެވެ.

2019 ވަނަ އަހަރުގެ ދިއްލީ މެރަތަންގެ އެއް ވަނަ ހޯދި ނަސްރު އަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔަނީ.---


"މި ދުވުމުން މެޑަލެއް ހޯދައި، މި ކާމިޔާބީ ހާއްސަކުރަން ބޭނުންވަނީ ޑިފެންސް މިނިސްޓަރަށް. އެ ފުރުސަތު ލިބޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރާނަން،" ނަސްރު ބުންޏެވެ.

ނަސްރުގެ ކާމިޔާބު މެރަތަން ދުވުމުގެ ކެރިއަރުގައި އިންޑިއާއާ ގުޅިފައިވާ ހާއްސަ ހަނދާންތަކެއް އެބައޮތެވެ. އެއީ އިންޑިއާގެ ނިއު ދިއްލީގައި 2019 ވަނަ އަހަރު ބޭއްވި ހިދުސްތާން މެރެތަންގެ ފުލް މެރެތަން ބައިގެ އެއް ވަނަ ހޯދުމެވެ. އެ ދުވަހު ދިއްލީގެ ހޫނުމިން 35 ޑިގްރީގައި ހުއްޓައި، ފުލް މެރެތަން ބައިން ނަސްރު އެއް ވަނަ ހޯދީ 3 ގަޑިއިރު 29 މިނެޓު ރޭސް ނިންމައިގެންނެވެ.

އެ ކާމިޔާބީ ހޯދައިގެން ނަސްރު ރާއްޖެ އައިއިރު، ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. ނަސްރުގެ މި ކާމިޔާބީއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ނަސްރުއާ ބައްދަލުކޮށް ހިތްވަރު ދީފަ އެވެ.

"އަބަދުވެސް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް. ވައިސް ޗީފް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް، އަޅުގަނޑުގެ ކެރިއަރު ކުރިއަށް ގެންދިއުމަށް އެ ވެދެއްވާ އެހީތެރިކަމާ އެއްބާރުލުމަށް،" ނަސްރު ބުންޏެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް (ވ) އާއި ވައިސް ޗީފަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް (ކ) އަދި މެރަތަން ދުވުންތެރިޔާ އަދި ސިފައިންގެ ސްޓާފް ސާޖަންޓް ނަސްރު.


ނަސްރުއާ އެކު ބެންގަލޫރުގެ މެރަތަންގައި ދެން ވާދަކުރާނީ އޭނާގެ ކޯޗުކަމުގައި ދުވުމުން ކުރިއެރުންތަކެއް ހޯދަމުން އަންނަ އައިޝަތު ރިޝްމީ އެވެ.

ސިފައިންގޭގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުގަ އެވެ. ދުވުމުގެ ތެެރެއަށް ރަސްމީކޮށް ނުކުންނަން ނަސްރަށް ހިތްވަރު ލިބުނީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން ކުރެވުނު ތަޖުރިބާ އަކުންނެވެ.

ނަސްރު، މި ވަގުތު އަމާޒުހިފައިގެން ހުރީ މެރަތަން ދުވެގެން ސަރަަހައްދުގެ ނޫނީ ދުނިޔޭގެ ރެކޯޑަކާ ހަމައަށް ވާސިލްވުމެވެ. އެ ދަތުރުގައި އޭނާ އަމާޒަކީ އަމިއްލަ ކުރިއެރުންތަކުގެ އަލީގައި ކުރިއަށް ދިއުން އެކަންޏެއް ނޫނެވެ. އާ ދުވުންތެރިން އުފައްދައި، ގިނަ ދުވުންތެރިންނަށް ކޯޗުކޮށްދީގެން އިންޓަނޭޝަނަލް އިވެންޓްތަކަށް ގެންގޮސް ރާއްޖެ އަށް ރީތި ނަން ހޯދައިދޭން މަސައްކަތްތައް ކުރުމެވެ. މި މަސައްކަތުގައި މިހާތަނަށް ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ.