Advertisement

ރޯދަ ވީއްލީމަ މާބޮޑަށް ވަރުބަލި ވަނީތަ؟

5 އޭޕްރީލް 2022 - 10:54 0

ޑރ. ސަލްމާން ނިޡާމް

ޑރ. ސަލްމާން ނިޡާމް


ރޯދަ ވީއްލީމަ މާބޮޑަށް ވަރުބަލި ވަނީތަ؟

5 އޭޕްރީލް 2022 - 10:54 0

ސުފުރާ މަތިން ތަފާތު ވައްތަރުގެ ކާއެއްޗެހި ފެނުމުން އެއިން އެތިކޮޅެއް ރަހަބަލާ ނުލައި ނުހުރެވެ އެވެ. ބައެއް ފަހަރު ކޮންޓްރޯލް ނުވެ މާގިނައިން ކެވެ އެވެ. ހަށިގަނޑަށް ލޯބިނުކޮށް، ކެއުމަށް ލޯބިކުރާ މީހުންގެ އިތުރުން ބައެއް އެހެން މީހުންނަށް ވެސް ރޯދަ ވީއްލާ ވަގުތު ވަކި ގޮތެއް ނުބަލައި ކެވެ އެވެ. މުޅި ދުވަހު ނުކައި ނުބޮއެ ރޯދައަށް ހުރެފައި ރޯދަ ވީއްލާ ވަގުތު ހިތްފުރޭ ވަރަށް ކެއުމުން ވަރުބަލިވެ، ނިދި އަންނަ ގޮތް ވުމަކީ ވަރަށް ގިނައިން މީހުން ދައްކާ ވާހަކަ އެކެވެ. ގިނަ ސަބަބުތަކެއް އެ ކަމާ ގުޅިފައިވެ އެވެ.

މާ ގިނައިން ކެއުން/ ބުއިން

އެއް ފަހަރާ މާގިނައިން ކެއުމުގެ ސަބަބުން ނުވަތަ ދިޔާ އެއްޗެހި ބުއިމުގެ ސަބަބުން، ހަށިގަނޑުގައި ދައުރުވާ ލޭގެ 70 ވަރަކަށް ޕަސެންޓް، ހަޖަމްކުރުމުގެ މަސައްކަތް ހިންގާލުމަށްޓަކައި ގޮހޮރާއި ހަޖަމްކުރުމުގެ ނިޒާމަށް ފޯރުކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން ވަރުބަލިވުން، ބޮލުގައި ރިއްސުން، ހަށިގަނޑުގެ މަސްތަކުގައި ރިއްސުން ފަދަ އުނދަގޫތައް ދިމާވެ އެވެ. ސަބަބަކީ ހަޖަމުކުރުމުގެ ނިޒާމު މަސައްކަތްކުރުމަށް ލޭގެ ބޮޑު ބައެއް ފޯރުކޮށްދެވޭއިރު، އެހެން ގުނަވަންތަކަށް ފޯރުކޮށްދޭ ލޭ ވަގުތުކޮޅަކަށް މަދުވުމެވެ.

ކާބޯހައިޑްރޭޓް އާއި ޕްރޮޓިން މާގިނައިން ބޭނުންކުރުން

އަހަރެމެންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން ކާބޯހައިޑްރޭޓް ގްރޫޕްގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި، ފޮނިކާތަކެތި، ގޮވާމުގެ ބާވަތްތަކުގެ ތެރެއިން ފުށާއި، ހަނޑުލާއި ހަނޑުލުފުށުގެ ބާވަތްތައް، ފަލަމަޑީގެ ބާވަތްތައް، ފިޒީ ޑްރިންކްސް ހިމެނެ އެވެ. އަދި ޕްރޮޓީންގެ ތެރޭގައި ހިމެނޭ މަހާއި ނަޓްސްގެ ބާވަތްތައް ބޭނުންކުރާ މިންވަރު ރޯދަ މަހު އިތުރުވެ އެވެ.

މި ބާވަތްތައް މާގިނައިން ކެއުމުގައި ހިމެނެމުން ބޮލުގައި ރިއްސުމާއި، ވަރުބަލިކޮށްލުމާއި، ނިދި އައުން ފަދަ އުނދަގޫތައް މެދުވެރިވެ އެވެ.

އިންސިއުލިން ހޯމޯން ލޭގެތެރޭގައި އިތުރުވުން

ލޭގައި ގްލްކޯޒް ހުންނަންޖެހޭ ވަރަށް ދަށްކުރުމަށްޓަކައި، ޕެންކްރިޔާސްއިން އިންސިއުލިން ހޯމޯން ފޮނުވަ އެވެ. ބައެއް ފަހަރު މާގިނައިން ކެއުމުގެ ސަބަބުން ލޭގައި ހަކުރުގެ ނިސްބަތް މާ މަތިވުމުން، އެކަން ބެލެންސްކުރުމަށްޓަކައި އިންސިއުލިން މާ ގިނައިން ފޮނުވާލުމުން ބައެއް ފަހަރު ހަކުރު މާ ބޮޑަށް ދަށް ވެގެން ވެސް ދެއެވެ. ނަތީޖާއަކަށް ވެގެން ދަނީ ވަރުބަލިކޮށްލުމެވެ.

މާ ގިނައިން ދިޔާ އެއްޗެތި ބުއިން

ރޯދަ ވީއްލާ ވަގުތު ބައެއް މީހުން ގިނަ އަދަދަކަށް ފަނި ބޯލަ އެވެ. ކަރު ހިއްކުން ނުފިލައިގެން، ފެންވެސް އެވަރަށް ބޮއެވެ. މިއީ ރަނގަޅު އާދައެއް ނޫނެވެ. މާގިނައިން ދިޔާ އެއްޗެހި ބުއިމުގެ ސަބަބުން، ހަށިގަނޑުގައި ހުންނަންޖެހޭ ލޮނުގެ މިންވަރު ދަށްވެ އެވެ. ނަތީޖާއަކީ ވަރުބަލިވުމާއި، އަކުނިވަޔަށް ދެމުން ފަދަ އުނދަގޫތައް ކުރިމަތިވުމެވެ.

ހައްލު

  • ރޯދަ ވީއްލާ ވަގުތު މާގިނައިން ނުކެއުން، އަދި މާ ގިނައިން ދިޔާ އެއްޗެހި ނުބުއިން
  • ހަމައެކަނި ކާބޯހައިޑްރޭޓާއި ޕްރޮޓިންގެ ބާވަތްތަކުގެ ބަދަލުގައި، ކެއުމުގައި ތަރުކާރީ އާއި މޭވާ ގިނައިން ބޭނުންކުރުން
  • ތައްޔާރީ ކާނާ ބޭނުންކުރުން މަދުކުރުން ނުވަތަ ބޭނުން ނުކުރުން