Advertisement

މި ފަހަރު ކައްކާނީ ކަރުނަޔާ ނުލައި

5 އޭޕްރީލް 2022 - 10:01 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

މުހައްމަދު އަމީން ދީދީ ލިޔުއްވި ރެސިޕީ ފޮތް: ލިޔުންތެރިކަމުގެ ގޮތުން ވެސް ފޮތް މޮޅު -- ފޮޓޯ: އަދަދު


މި ފަހަރު ކައްކާނީ ކަރުނަޔާ ނުލައި

5 އޭޕްރީލް 2022 - 10:01 0

މި ރޯދަމަހު އަހަރެން ޢަޒުމެއް ކަނޑައަޅައިފީމެވެ. ކޮންމެ ދުވަހަކުވެސް، ކޮންމެވެސް ދިވެހި ރަހައެއް، ރޯދަވިއްލާ ގަޑިއަށް ސުފުރާ މައްޗަށް ތަޢާރަފުކުރުމަށެވެ. ބާވަތް މި ހޯދަނީ އެކި ދުވަސްވަރު ކިޔާފައިވާ ވާހަކަތުން ހަނދާންކޮށްގެންނެވެ. ރެސިޕީ މި ހޯދަނީ މުޙައްމަދު އަމީން ދީދގެ "ކަރުނައާއި ނުލައި ކެއްކުން"، ޒަރީނާ އިބްރާހމް ދީދީގެ "ދިވެހި ކާނާ" އަދި ފާތިމަތު ޚޫރުޝީދާގެ "ދިވެހި ރަހަފަތް" ފަދަ ފޮތްފޮތާއި ގޫގުލް ސަރޗުގެ ޒަރިއްޔާއިން ފެންނަ ލޮނުމެދު ޑޮޓް ކޮމް ފަދަ ވެބްސައިޓްތަކުގައި ހުންނަ ކާނާގެ ރެސިފީތައް އަޅައިކިޔައިގެންނެވެ.

މި ހުރިހާ އެއްޗެއް ބަލަމުންދިޔައިރުވެސް، ރޯދަ ކުރުވާވަރުގެ "ރެސިޕީ"ތައް ފެންނަނީ މުޙައްމަދު އަމީން ދީދީގެ "ކަރުނައާއި ނުލައި ކެއްކުން" މި ފޮތްބައިންނޭ ދެންނެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. އިސްވެ ދެންނެވި އެހެން ފޮތްތަކާއި ސައިޓްތަކާއި ޕޭޖުތަކުން، ކައްކާނޭ ގޮތާއި މިންތަކުގެ ތަފްޞީލުތައް، މާ ސާދާ، ލުއިފަސޭހަ ގޮތެއްގައި ކިޔައިދެއެވެ. އެހެންނަމަވެސް "ކަރުނައާއި ނުލައި ކެއްކުން" މި ފޮތުން ފިލާވަޅު ނަގަމުންދާއިރު، އެ ލިބޭ ހިތްހަމަޖެހުން އެހެން ފޮތަކުން ނުލިބެއެވެ. އެއީ ލިޔުންތެރިކަމުގައި އެހެރަ ސަމާސާ ގޮތުން ކަމަށްވެދާނެއެވެ. ނުވަތަ އެކަނި ބަދިގޭގައި ހުރެ ފޮތް ބަލަމުން ކައްކަމުން ދާއިރު، ސީދާ މުޙައްމަދު އަމީން ދީދީ، ގާތުގައި ހުންނަވައިގެން، އަނގަބަހުން އިރުޝާދުދެއްވާހެން ހީވާ ފަހަރު އާދެއެވެ. ކުޑަ ކުޑަ މިސާލެކެވެ.

ބަށީގެ ހިކިރިހަ ކައްކާނޭ ގޮތް ކިޔައިދެއްވަމުން ވަކި ހިސާބަކުން ލިޔުއްވާފައިވެއެވެ.

"އާދެ! އަނެއްކާ އެއްކަލަ ކަންތައް ޖެހުނީއެވެ. ތަކެތި، ނަގާނޭވަރު ކަޑައަޅަންވީ އެވެ. ރިހައެއް ކެއްކުމުގައި މިއަށްވުރެ ބޮޑުވާކަމެއް ނޯވޭ ދޮގެއްތޯއެވެ؟ ނަމަވެސް....... އާދެ! ކޮންމެ ގޮތެއް ވިޔަސް ތިރީގައި މި ދަންނަވާ ތަކެތި ނަންގަވާށެވެ."

އެހެން ޞަފުޙާއެކެވެ. އެހެން ފިލާވަޅެކެވެ. މި ފަހަރު "ކުކުޅުބިހު ރިހަ" ކައްކާނޭ ގޮތެވެ. ކައްކާނޭ ގޮތް ކިޔައިދެއްވަމުން ވަކި ހިސާބަކުން ވިދާޅުވެފައި އޮތް އެއްޗެއް ފެނި، އަޅުގަނޑަށްވެސް ހިނިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ.

"އާދެ! ދެން އެވީ، ފެލުއްވާފައި ހުރި ފެންކިރުފޮދު، ތެލީގެ ތެރެއަށް އަޅުއްވާށެވެ. (އަސްތާ! معَاف‎ ކުރައްވާނުން ދޮގެއްތޯއެވެ؟ ކާށި ކިބައެއްގެ ފެންކިރާއި، ކާށި ކިބައެއްގެ ބޯކިރު ފެއްލަވާފައި ބަހައްޓަވާށޭ ދަންނަވަން، އަޅުގަޑު ހަދާން ނެތުނީއެވެ.)......"

ރައްޓެހި ރަޙުމަތްތެރިއަކަށް ފޯނުން ނުވަތަ ގާތުގައި ހުރެގެން އެއްޗެއް ތައްޔާރުކުރާ ގޮތަށް މިފޮތުގައި ލިޔުއްވާފައި މިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މިއީ މަދަރުސަތުއް ސަނިއްޔާގެ ދަރިވަރުންނަށް، ނުވަތަ އޭރުގެ ފުރާވަރުގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ލިޔެފައިވާ ފޮތެކެވެ. އަމީން ދީދީ ދެކެވަޑައިގެންނެވީ "ޠާލިބާއިންގެ ހިތްތައް ކެއްކުމުގެ މައްޗަށް ހުއްޓުންއަރުވާލެއްވޭނީ، ފަސޭހަ ޢިބާރާތަކުން ލިޔެވިފައިވާ ފޮތެއްގެ" ޒަރިއްޔާއިން ކަމަށެވެ. ބަހުރުވައިގައި އެހެރަ ގާތްކަމާއި ސާދާކަމުގެ ސިއްރަކީ މިއީ ކަމަށް ބެލިދާނެއެވެ.

އޭރު މިއީ "ޓެކްސްޓު ފޮތެއްގެ ގޮތުގައި ބެލިނަމަވެސް، މިއަދު، ބައެއް ރަހަތައް އޭގެ އަސްލުގޮތުގައި ލިޔުމުން ފެންނަ ހަމައެކަނި ފޮތްކަމުގައި މި ފޮތް ވާކަމަށްވެސް ބައެއް މާހިރުން ބުނެއެވެ. އެފަދަ އެއް މިސާލަކީ ހިޔަރަކާތް ނުވަތަ ހިޔަރަކުޢަތް ވިލޭރެއާ ގުޅުވައިގެން އަޅައި އުޅުނު ބޯފޮޅީގެ އެންމެ ރަނގަޅު ރެސިޕީ އޮންނަނީ މި ފޮތުގައި ކަމަށް، ގިނަ ބަޔަކު އިއްތިފާޤުވާ ވުމެވެ.

މިފޮތުގައި ދެން ފާހަގަކޮށްލެވޭ ކަމަކީ މިންތައް ދީފައިވާ ގޮތެވެ. އަޅުގަނޑު އެންމެ ފުރަތަމަ މި ފޮތް ކީއިރު، މިންތަކުގެ ނަންތައް ފެނުމުން އެއީ ކާއެއްޗެއްގެ ނަން ތޯ ސުވާލު އުފެދޭ ހިސާބަށް ދިޔައެވެ. އެ މިސާލު އަދިވެސް ހަނދާން އެބަހުއްޓެވެ. "ތޮޅިމިރުސް ތޯލާ" އެވެ. މިހާ ހިސާބުން ޖެހުނީ ރަދީފު ނަގާށެވެ. އެކަމަކު، ޖޫން 2003ގައި ނޮވެލްޓީ ޕްރެސް އިން ނެރުނު މި ފޮތުގެ ޗާޕުގެ ފަހަތު ބަނޑޭރިގަނޑުގައި އޭރުގެ މިންތައް، މިހާރުގެ މިންތަކަށް ތަރުޖަމާކޮށްދެއްވާފައި އޮތުމުން ރަދީފާ ނުލައި ކެއްކޭވަރު ވިއެވެ. ތިޔަ ބޭފުޅުންގެވެސް މަޢުލޫމާތަށްޓަކައި އެ މިންތައް ނަކަލުކޮށްލާނަމެވެ. 1 ކުޅަނދަކީ 5 ގުރާމެވެ. 1 ތޯލާ އަކީ 12 ގުރާމެވެ. އެއް ރާތާއަކީ 454 ގުރާމެވެ. 1 ގަލަކީ 113 ގުރާމެވެ. 1 މަދޮށްޓަކީ 4/1 ގުރާމެވެ. 1 އަނާ އަކީ 1 ގުރާމެވެ. 1 ނާޅިއަކީ 1 ކިލޯއެވެ. 1 ލާއްސަކީ 250 ގުރާމެވެ. 1 ބޮލިއްސަކީ 0.28 ލީޓަރެވެ. 1 ބާގައަކީ 0.56 ލީޓަރެވެ. 1 އަޑުބައަކީ 1.12 ލީޓަރެވެ. މިހެން ދެންނެވުމުން ބޮލުގައިރިއްސާ ގޮތެއް ހުރޭ ދެއްތޯއެވެ؟ އެހެންނަމަވެސް ހަނދާންކުރަންވީ އޭރު މިނަން ގެންގުޅޭ ގެވެށި ކަންވާރުން މިނާއިރު، މިހާރުގެ ގޮތަށް ބަދަލުކުރީމައި އެ އަންނަ ޑެސިމަލް ޕޮއިންޓުގެ ބޮލުގައިރިހުން ނުހުންނާނޭކަމެވެ.

މި ލިޔުން ނިންމާލަން އަޅުގަނޑު ގަސްދުކުރަނީ، މި ފޮތާ ގުޅުންހުރި ވަރަށް އާދަޔާ ޚިލާފު މަޢުލޫމާތު ކޮޅަކާއެކުގައެވެ. އަންނަބީލާ ފާޠިމަތު އިބްރާހިމް ދީދީއަށް ފޮތް ތަޚުޞީޞް ކުރައްވާ ލިޔުއްވާފައިވާ އިސްބަހުގައި އަމީން ދީދީ ލިޔުއްވާފައިވެއެވެ.

"ކެއްކުމުގެ ފޮތެއް ލިޔެވޭނީ ކައްކަން ދަންނަމީހަކަށެވެ. އެހެންކަމުން އަޅުގަޑަކީ އެއްގޮތަކަށްވެސް ތިޔަ ވިދާޅުވާފަދަ ފޮތެއް ލިޔެވޭ ލަޔާޤަތެއް ނުވަތަ މަޢުލޫމާތެއް ލިބިފައިވާ މީހެއް ނޫނެވެ."

އަމީން ދީދީ މި މަސައްކަތްކުރައްވާފައިވަނީ ކައްކަން ދަންނަ، މަޝްހޫރު އަންހެނުންތަކެއް އަތުން އެ ރެސިޕީތައް ހޯއްދަވައިގެން، އެއްކޮށް އެކުލަވާލައްވައިގެންނެވެ. އަދި މި ފޮތުގެ އެހީގައި ކިޔަވައިދެއްވީވެސް އެ ފަންނުގައި ކުރިއަރާފައި ތިބި މޮޅެތި އަންހެން ޓީޗަރުންނެވެ. ފޮތުގެ ތަޚްޞީޞްގައި މި ބޭބޭފުޅުންގެ ނަންގަންނަވައި ހަވާލާދެއްވާފައިވެއެވެ. އެހެންނަމަވެސް އަޅުގަނޑުގެ "ފެމިނިސްޓު" ހިތުގައި އުފެދޭ ސުވާލެއް ކިޔުންތެރިންނަށް ދޫކޮށްލާނަމަވެ. އަމީން ދީދީ ފަދަ، އަންހެނުން ބާރުވެރިކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކު، އެ ހަވާލާދެއްވި ބޭބޭފުޅުން ލައްވާ ޓެކްސްޓު ފޮތްތަކެއް ތައްޔާރު ކުރުއްވި ނަމަ، އަދި ކިހާ ފުރިހަމަވީސް ބާވައެވެ؟ އަޅުގަނޑަކީ އެ ޒަމާން ތަޖުރިބާކުރި މީހެއް ނޫންކަމުން، މި ކަމާ މާ ބޮޑު ބަޙުޘަކަށް ދާކަށް ނެތީމެވެ.

ކޮންމެއަކަސް، އަމީންދީދީގެ މި މަސައްކަތަކީ މިއަދުވެސް، އަޅުގަނޑުމެން އެ މަސައްކަތެއްގެ އެހީ ހޯދަމުންދާ "ހަދިޔާ"އެކެވެ. ދިވެހިބަހުން ރެސިޕީ ލިޔުމުގެ ވައްޓަފާޅި ކަނޑައަޅައިދިން އެއް ނަމޫނާއެވެ.