Advertisement

އާ އިމާރާތާއެކު ލ އަތޮޅުގެ ސިއްހީ ނިޒާމު ބަދަލުކޮށްލާނެ!

14 އޭޕްރީލް 2022 - 10:08 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ގަން ރީޖަނަލް ހޮސްޕިޓަލް-- ފޮޓޯ: އަދަދު


އާ އިމާރާތާއެކު ލ އަތޮޅުގެ ސިއްހީ ނިޒާމު ބަދަލުކޮށްލާނެ!

14 އޭޕްރީލް 2022 - 10:08 0

މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރު ފެތުރުނު ކޮވިޑްގެ ބަލިމަޑުކަމާއެކު ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނާއި ލިބޭ ހިދުމަތްތަކުގެ ރަނގަޅު ވާހަކަ އެންމެންވެސް އައީ ދައްކަމުންނެވެ. އެކަމުގެ އެއް ހެއްކަކީ ކޮވިޑާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް މާލެ އަށް އަރާފޭބުން މަނާކުރި ހިސާބުން އަތޮޅުތަކުގެ ސިއްހީ ނިޒާމަށް އައި ބަދަލުތަކެވެ.

ހާއްސަކޮށް ލ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތެވެ. ރާއްޖޭގެ ދެނުކުގެ އަތޮޅެއް ނަމަވެސް، ލޮކްޑައުނަށްފަހު، އުތުރުގެ އަތޮޅުތަކުން ވެސް ހޮސްޕިޓަލުން ހިދުމަތް ހޯދަން ދިޔަ އެވެ. މަގްސަދަކީ އެ ރަށްރަށުން ނުލިބޭ ސިއްހީ ހިދުމަތްތައް ލ. އަތޮޅުން ހޯދުމެވެ.

މި ސަބަބަށްޓަކައި ކޮވިޑަކީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރުވަން ހާއްސަކޮށް ރާއްޖޭގެ އަތޮޅުތަކުގެ ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ލިބުނު ފުރުސަތަކަށްވި އެވެ. އޭގެ ބޭނުންވެސް އެންމެ ރަނގަޅު ގޮތުގައި ހިފިއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

"ކޮވިޑާ ގުޅިގެން މާލެ ބަންދުކުރުމުން ފުދޭ ވަރަކަށް ގިނަ މީހުން އައި. އަޅުގަނޑުމެންނަށް އ އިން ވ އިން ފެށިގެން ބައެއް ފަހަރަށް އެބަހުރި ބ އަތޮޅުންނާއި ތ އަތޮޅުންވެސް މީހުން އައިއްސަ. ރަށް ބަލާލުމާ އެއްކޮށް ނަމަވެސް ބޭސް ފަރުވާއަށް ވެސް އެބަހުރި އައިއްސަ،" "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ގަމު ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އޭރު ޑޮކްޓަރަށް ދެއްކުމަށް ރާއްޖޭގެ އެކި ހިސާބުތަކުން މީހުން އައީ ހިދުމަތް ދޭން ވެސް ދަތިވާ ވަރަށް ކަމަށެވެ. ނަމަވެސް ކޮވިޑަށްފަހު މާލެ ހުޅުވާލުމުން އަންނަ ބަލި މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށްވެގެން ދިޔަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ގަމު ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް އައިސް ތިބި މީހުންތަކެއް-- ފޮޓޯ: ފާތިމަތު އަޖުފާން / އަދަދު


ގަމުގައި ރީޖަނަލް ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާތީ ރައްޔިތުންގެ ޝަކުވާ ލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ ކޮންމެހެން ތިބެން ޖެހޭ ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ނެތުމުން ކަމަށެވެ. އެ ހޮސްޕިޓަލްގައި ޓެސްޓްތައް ހެދެން ނެތުމާއި އެހެނިހެން ވަސީލަތްތައް ނެތުމާއި އިމާރާތްތައް މަރާމާތު ނުކުރެވުމުގެ މައްސަލަ ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ގަމު ހޮސްޕިޓަލުގެ ހާލަތު ގޯސްވެ މައްސަލަ މިހިސާބަށް ގޮސްފައިވާއިރު މިހާރު ހާލަތު ދަށްވެފައިވާ ކަން ހޮސްޕިޓަލުގެ މެނޭޖަރުގެ ވާހަކައިގައި ވެސް ފާހަގަ ކުރެއްވި އެވެ.

ގަމު ހޮސްޕިޓަލު-- ފޮޓޯ: އަދަދު


"ކޮވިޑް އެންމެ ފެތުރުނު ދުވަސްވަރު، އޭރު ޑޮކްޓަރުންގެ ޓީމުވެސް ވަރުގަދަ. ހުރިހާ ސްޕެޝަލިސްޓުން ހަމައަށްވެސް ތިބި. ފަހުން ކޮންމެވެސް ވަރަކަށް މަދުވެގެން ދިޔަ. ފިޒިޝަން ނެތި އަށް މަސް، މިހާރު،" ގަމު ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތާއި ހޮސްޕިޓަލުގެ ހާލަތު ބަދަލުވި ގޮތް ޝިޔާމް ވިދާޅުވި އެވެ.

އާ އިމާރާތާއެކު ހޮސްޕިޓަލަށް އަންނާނެ ބަދަލުތައް

ފަރުވާ ހޯދުމަށް މާލެ އަށް އަންނަން ޖެހޭ އައުން މަދުކޮށް، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަމުގެ މަސައްކަތްތައް ފަށައިގެން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރުތެރޭގައި 25 ހޮސްޕިޓަލެއް އެޅުމަށް ޓެންޑާ ކުރެވި މަސައްކަތްކުރުމަށް ހަވާލުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ގަމުގައި އެޅުމަށް ނިންމާފައި ވަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ.

"އަޅުގަނޑުމެންނަށް އިތުރު ހިދުމަތެއް މި ސަރުކާރު އައި ފަހުން ނުފެށޭ ސީޓީ ނޫނިއްޔަކާ. އެކަމަކު އޭގެ މަސައަކަތްތައް ކުރިއަށް އެބަދޭ. އަޅުގަނޑުމެން މި ބަލަނީ މި މަސް ނިމޭއިރަށް މެމޮގްރާމްގެ މަސައްކަތް ފެށޭނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

ކުޑަކުދިންގެ ވޯޑަށް ކުރިން ބޭނުން ކުރުމަށްފަހު ކޮވިޑާ ގުޅިގެން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ބައި-- ފޮޓޯ: އަދަދު


މީގެ އިތުރުން ޝިޔާމް ވިދާޅުވީ ޑެންޓަލް އަކީވެސް ކުރީގެ ފެށިފައި އިން ކަމެއް ނަމަވެސް މިހާރު މަސައްކަތް ކުރެވެމުންދަނީ އެ ތަނަކީ ވަކި ޑިޕާޓްމެންޓެއް ގޮތަށް ހަދާ މަސައްކަތް ފެށުމަށް ކަމަށެވެ.

އެ ހިދުމަތް ދިނުން ލަސްވެގެން ދާ ސަބަބަކީ ކުރެހުމުގަ އިން މައްސަލައަކާ ގުޅިގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ކުރެހުމުގަ އިން މައްސަލައަކާ ގުޅިގެން މެޝިންތައް އިންސްޓޯލް ކުރުމަށް ސްޕޭސް މައްސަލަ ޖެހިގެން އަލުން އަނެއްކާ ވެސް މި ހަދަނީ. އަޅުގަނޑުމެން މި ބަލަނީ ކުރިއަަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި އެ ޑިޕާޓްމެންޓުގެ މަސައްކަތް ވެސް ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"ފެށުނީމަ މިހާރު ނުދެވޭ ދަތުގެ ބައެއް ފަރުވާތައް ދެވޭނެ. މިހާރަށްވުރެ ރަނގަޅަށް. އޭރުން ދެ ޗެއާއެއްގައި މަސައްކަތްވެސް ކުރާނެ. މިހާރު އެންމެ ޗެއާއެއްގަ މަސައްކަތް ކުރަނީ ތިން ޑޮކްޓަރުން. އޭރުން މަސައްކަތް ކުރާނީ ދެ ޗެއާގަ ތިބެގެން."

ޑެންޓަލްގެ ހިދުމަތް މިހާރު ދެމުންދާ ކޮޓަރި-- ފޮޓޯ: އަދަދު


ޝިޔާމް ވިދާޅުވީ އެ ހޮސްޕިޓަލަށް އެންމެ ބޮޑު ބަދަލެއް އަންނާނީ އާ އިމާރާތާއެކު ކަމަށެވެ. ސަބަބަކީ މިހާރު ހުރި އިމާރާތުގައި ޖާގައިގެ ދަތިކަން ދިމާވެފައިވުމެވެ.

އާ އިމާރާތާއެކު އެ ހޮސްޕިޓަލުގެ އީއާރް ވަރަށް ބޮޑަށް ބޮޑުވެގެންދެ އެވެ. އެގޮތުން އާ ހޮސްޕިޓަލާއެކު ގްރައުންޑްފްލޯ އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުވާނީ އީއާރް އަށެވެ. އެއީ މިހާރު އީއާރްގެ ހިދުމަތް ދެމުންދާ ހަތަރު އެނދުގެ ހިދުމަތް 100 އެނދަށް ބަދަލުވުމެވެ. އެގޮތަށް ބަދަލުކުރާ ސަބަބަކީ ގަން ހޮސްޕިޓަލް އިމްރާތް ކުރަނީ ކެންސަރު ހޮސްޕިޓަލަށްވެސް ހިމަތްދޭ ގޮތަށް ކަމަށް ވާތީ އެވެ.

"މިހާރު އިންނާނީ އެންމެ ހަތަރު އެނދު. ވަރަށް ކުޑަ ޖާގައެއް އެތަނުގަވެސް އިންނާނީ. ވަސީލަތްވެސް މަދުކޮށް ހުންނާނީ. އެހާ ސޭފްކޮންނެއްވެސް ނޫން، ޕޭޝެންޓުންނާވެސް ވަރަށް ކައިރީގަ ހުންނާނީ. އެމަޖެންސީ ހާލަތުގަ ޑޮކްޓަރުން ދޭން ޖެހޭ ހިދުމަތް ރަނގަޅަށް ނުދެވޭ،" ޝިޔާމް ވިދާޅުވި އެވެ.

އިމްޖެންސީގެ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ ހަތަރު އެނދުގެ ޑިޕާޓްމެންޓް-- ފޮޓޯ: އަދަދު


މިހާރު ހުރި ހޮސްޕިޓަލުގައި ޖާގައިގެ ދެތިކަން ދިމާވެ ކޮވިޑް ޓެސްޓު ކުރުމަށް ގެނައި ޕީސީއާރް މެޝިން ބެހެއްޓުމަށްވެސް ޖާގަ ނެތުމުން މިހާރު ވަނީ އާ ތަނެއް ހެދުމަށް އިއުލާން ކޮށްފަ އެވެ. ޝިޔާމް ވިދާޅުވީ ކޮވިޑް ޓެސްޓު ކުރުމަށް ބޭނުންވާ މެޝިން ވެސް ލިބިފައިވާ ކަމަށެވެ.

މިވަގުތު އެ ހޮސްޕިޓަލުން ދެމުންދާ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ:

  • ހިތު ބަލިތަކަށް ހާއްސަ
  • ޔޫރޮލިޖިސްޓެއް
  • ނާރުގެ ޑޮކްޓަރެއް
  • ފިޒިޝަން
  • ގައިނީ
  • ލޮލުގެ ހާއްސަ ޑޮކްޓަރެއް
  • ސްކޭން ޑޮކްޓަރެއް

ޝިޔާމް ވިދާޅުވީ މިވަގުތު އެ ހޮސްޕިޓަލުން ދެމުންދަނީ ސީޓީ ސްކޭންގެ ހިދުމަތް އެކަނި ނަމަވެސް އެމްއާރްއައިގެ ހިދުމަތް ވެސް ފެށިގެން ދާނެ ކަމަށެވެ.

ކެންސަރު ހޮސްޕިޓަލާ ގަން ރީޖަނަލް ހޮސްޕިޓަލް ގުޅާލުން

ރާއްޖޭގައި ގާއިމްކުރެވޭ ފުރަތަމަ ކެންސަރު ހޮސްޕިޓަލް ގަމުގައި އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހެވެ. އިންޑިއާ އިން ދޭ ލޯނުގެ ދަށުން އަޅާ އެ ހޮސްޕިޓަލުގެ މަސައްކަތް ކުރަނީ އެ ގައުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ކެންސަރުގެ ފަރުވާ ދެމުން އަންނަ މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ ޓީމެކެވެ.

ޑެންޓަލްގެ ހިދުމަތް ދިނުމަށް އިމާރާތް ކުރެވެމުންދާ ތަން-- ފޮޓޯ: އަދަދު


ޓީއެމްސީ އަކީ އިންޑިޔާގައި ކެންސަރު ބަލި ހުއްޓުވަން ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަމުން އަންނަ އަދި ފަރުވާ ދިނުމުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތައް ހިންގައި ކެންސަރާ ގުޅޭ ދިރާސާތައް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ.

މި އަހަރުގެ ތިންވަނަ ކުއާޓާގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ރާވާފައި ވަނީ ގަން ރީޖަނަލް ހޮސްޕިޓަލާ ގުޅިގެންނެވެ.

"އޭގެ ތެރޭގައި ހިމެނޭ ކެންސާ ހޮސްޕިޓަލް އަޅާތީ އެއަށް ބޭނުންވާ ބައެއް ފެސިލިޓީތައް. ބައެއް ވޯޑުގެ ބެޑްތައް އެބަ ބޭނުން ކުރެވޭ. ހޮސްޕިޓަލުގެ ލެބް ރަނގަޅުކޮށްފައި ކެންސަރު ހޮސްޕިޓަލުގައި އިތުރު ލެބެއް ނާޅާ ގޮތަށް މިހާރު މަސައްކަތް ކުރެވެމުންދަނީ. އެތަނުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނީ ގަން ހޮސްޕިޓަލުގެ ލެބުން،" ކެންސަރު ހޮސްޕިޓަލް ގާއިމް ކުރަން ނިންމާފައިވާ ގޮތް ކިޔައިދެމުން ޝިޔާމް ވިދާޅުވި އެވެ.

އެގޮތުން މިހާރު ނިންމާފައި ވަނީ ކެންސަރު ހޮސްޕިޓަކުގަ ހަދާ ޓެސްޓުތައް ހަދާނީ ގަމު ހޮސްޕިޓަލުން ހެދުމަށެވެ.

އެކްސްރޭ މެޝިން ބެހެއްޓުމަށް މަސައްކަތް ކުރެވެމުންދަނީ-- ފޮޓޯ: އަދަދު


"ހަމައެކަނި ކެންސަރު ޕޭޝެންޓުންނެއް ނޫންތާ. އެއާގުޅިގެން ހެހެން ސްޕެޝަލިޓީތައްވެސް ހުންނަން ޖެހޭ. އެއާ ގުޅިގެން އިތުރު ބަދަލެއް އަންނާނެ މިހާރު މިތަނުގަ މިހާރު މި އޮތް ސްޕެޝަލިޓީ ލިސްޓަށް. އެހެން ވީމަ ވަރަށް ބޮޑު ބަދަލެއް އަނާންނެ. ވަރަށް ބޮޑުތަން ރަނގަޅުވެގެންދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ގަމު ހޮސްޕިޓަލުގެ އިމާރާތުގައި އައިސީޔޫ އޯޓީ އެބަހުރި ކަމަށާއި އެ އިމާރާތް ހުންނާނީ އާ އިމާރާތުގެ އެެއްޗިއްސާ ކަނެކްޓް ކުރެވޭ ގޮތަށް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ކެންސަރު ހޮސްޕިޓަލް ގާއިމު ކުރަނީ އިންޑިއާގެ އެކްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގާ އެހެނިހެން ބޮޑެތި މަޝްރޫއުތަކެކޭ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް ގާއިމުކުރުމުގައި ވެސް 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަން ޖެހެ އެވެ. އަދި މި ލޯނު އަނބުރާ ދައްކަން ފަށަން ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފަސް އަހަރު ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފަ އެވެ.