Advertisement

ސުޕަ ލީގުގެ ހިޔާލު ކާމިޔާބުނުވާނެ ކަމަށް ޕީއެސްޖީ ރައީސް ވިދާޅުވެއްޖެ

31 މާރިޗު 2022 - 11:01 0

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ.-- ފޮޓޯ: އޭއެފްޕީ


ސުޕަ ލީގުގެ ހިޔާލު ކާމިޔާބުނުވާނެ ކަމަށް ޕީއެސްޖީ ރައީސް ވިދާޅުވެއްޖެ

31 މާރިޗު 2022 - 11:01 0

ޕެރިސް (މާޗް 31) - މިދިޔަ އަހަރު ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތައް އަޑީގައި އޮވެގެން ވުޖޫދުކުރަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގެ ހިޔާލު ކާމިޔާބު ނުވާނެ ކަމަށް ޕީއެސްޖީ އަދި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަންގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު 18 ވަަނަ ދުވަހު 12 ކްލަބާ އެކު ސުޕަ ލީގު އިއުލާނުކުރި ނަމަވެސް އެކި ފިއްތުންތަކާ ހުރެ 72 ގަޑިއިރު ވެސް ނުވަނީސް އޭގެ ތެެރެއިން ނުވަ ޓީމެއް ވަނީ އެ ލީގުން ވަކިވެފަ އެވެ. ފީފާ އާއި ޔުއެފާ އަދި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ޕްރެޝަރާ ހެދި ސުޕަ ލީގުން ވަކިވި ކްލަބްތަކަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް، ޗެލްސީ، އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ. ލީގުން ވަކިނުވާން ސާބިތުކަންމަތީ ދެމި އޮތީ ރެއާލާއި ބާސެލޯނާ އަދި ޔުވެންޓަސް އެވެ.

ދާދި ފަހުން ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވީ ސުޕަ ލީގުން ވަކިވާން ނިންމި ކްލަބްތައް އަދިވެސް ތިބީ ނުރަސްމީ ސިފައެއްގައި މި މަސައްކަތުގައި ކުރިއަށްދާން ކަމަށެވެ. އަދި ސުޕަ ލީގު ފެށުމުގެ ފުރުސަތު ކިރިޔާ ވެސް ލިބިއްޖެނަމަ ވަގުތުން އެ ޓީމުތައް މި ލީގަށް އަންނާނެ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.

ޔޫރަޕްގެ ކްލަބްތައް ތަމްސީލުކުރާ ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ޗެއާމަނަކަށް ހުރި ޔުވެންޓަސްގެ އަންދްރެއާ އަގްނެލީ އެ މަގާމުން ވަކިވީ ސުޕަ ލީގު މައްސަލައިގަ އެވެ. އަގްނެލީ ވަކިވުމުން ހުސްވި އެ މަގާމަށް ޕީއެސްޖީގެ ރައީސް ހެއްލާފީ ހަމަޖެއްސިއިރު، އޭނާ އަންނަނީ އެކި ފޯރަމްތަކުގައި ސުޕަ ލީގާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

"ޔޫކްރެއިންގައި މީހުންތަކެއް ވަންނާނެ ތަނެއް ނޭނގި، ނިދޭނެ ގޮތެއް ނޭނގި މަރުވާ މީހުން ވެސް ގިނަ ވަމުން މި ދަނީ. އެކަމަކު، އަހަރެމެން މި ތިބެނީ ސުޕަ ލީގެއްގެ ވާހަކަ ދައްކަން. އަހަންނެއް ނުބުނާނަން، ސުޕަ ލީގުގެ ހިޔާލަކީ ކާމިޔާބުވާނެ ކަމެކޭ. މިއީ ވަރަށް ބޮޑަށް އުސޫލާ ހިލާފަށް އޮތް ޕްރޮޖެކްޓެއް،" ހެއްލާފީ ވިދާޅުވި އެވެ.

ސުޕަ ލީގު ގެންނަން އެންމެ އިސްކޮށް ހަރަކާތްތެރިވާ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދާދި ފަހުން ވަނީ ހެއްލާފީއާ ބައްދަލުކުރަން ހުށަހަޅައިފަ އެވެ. އެކަމަކު، ހެއްލާފީ ވަނީ ސުޕަ ލީގު ގެންނަން ކުރެވޭ އެއްވެސް މަސައްކަތެއްގައި ބައިވެރިނުވެވޭނެކަން ޕެރޭޒަށް އަންގައިފަ އެވެ.

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ދާދި ފަހުން ވަނީ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑަކީ ގައުމުތަކުގެ ސަރުކާރާ ސީދާ ގުޅޭ ގޮތަށް ހިންގާ ކްލަބްތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ފުޓްބޯޅައިގެ ހިންގުމަށް ނުރަނގަޅު ނުފޫޒު ފޯރާނެ ކަމެއްގެ ގޮތުގައި ޓެބާސް ސިފަކުރެއްވި އެވެ. ޓެބާސްގެ އެ ތުހުމަތުތަކަށް ހެއްލާފީ ވިދާޅުވީ ޕީއެސްޖީން އަމަލުކުރަނީ ހެދިފައި އޮންނަ ގަވާއިދުގެ ތެރެއިން ކަމަށާއި ފައިނޭންޝިއަލް ފެއާޕްލޭ އުސޫލާ އެއްގޮތަށް ކުރިއަށްދާނަމަ ކޮންމެ ބަޔަކަށް ވެސް ފުޓްބޯޅައިގެ ތެރޭގައި އުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.