Advertisement

ޕޮގްބާ އަށް ލަފާދޭން ޑެޝޯމްޕްސް ނިންމައިފި

28 މާރިޗު 2022 - 15:22 0


ޕޮގްބާ އަށް ލަފާދޭން ޑެޝޯމްޕްސް ނިންމައިފި

28 މާރިޗު 2022 - 15:22 0

ޕެރިސް (މާޗް 28) - މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ މުސްތަގުބަލާ ގުޅޭގޮތުން ނިންމުމެއް ނިންމާއިރު، އޭނާ އަށް ލަފާދޭން ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ނިންމައިފި އެވެ.

ޕޮގްބާ، 28، ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ޕޮގްބާ ކިޔާ މުސާރަ ބޮޑުވުމުން ޔުނައިޓެޑުން މިހާރު ވަނީ އޭނާއާ އެކު ކުރިއަށްދިއުމުގައި ދެ ވަނަ ވިސްނުމަކަށް ގޮސްފަ އެވެ. ދާދި ފަހުން ފްރާންސްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ވަނީ ފްރާންސް ޓީމުގައި އޭނާގެ އަސްލު ފެންވަރުގައި ކުޅެވޭއިރު، ޔުނައިޓެޑްގައި އެކަން ނުކުރެވެނީ ކޮން މައްސަލައަކާ ހެދި ކަމެއް ބުނެދޭން ނޭނގޭ ކަމަށް ބުނެފަ އެވެ.

ޕޮގްބާ، ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު އޭރުގެ ރެކޯޑު ފީއެއްކަމަށްވާ 118 މިލިއަން ޑޮލަރަށެވެ. އެ އަގުގައި ޔުނައިޓެޑަށް ބަދަލުވެ، ޕޮގްބާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭތީ، އެކަމާ ބެހޭ ސުވާލުތައް އަބަދުވެސް ޑެޝޯމްޕްސް އަށް އަމާޒުވެ އެވެ.

ފްރާންސްގެ މީޑިއާ އިން ދާދި ފަހުން ކުރި ސުވާލަކަށް ޑެޝޯމްޕްސް ބުނީ ޕޮގްބާ މި ވަގުތު ނިންމަން ޖެހިފައިވަނީ އޭނާގެ ކެރިއަރުގައި މުހިންމު ނިންމުމެއް ކަމަށެވެ. އެ ކަމަށް އެއްވެސް އެހީތެރިކަމެއް ޕޮގްބާ ބޭނުންވެއްޖެނަމަ ތައްޔާރަށް ހުރި ކަމަށް ޑެޝޯމްޕްސް ބުނެފައިވެ އެވެ.

"އަހަންނަށް ނޭނގޭ ޕޮގްބާގެ ވިސްނުމަކީ ކޮބައިކަމެއް. އޭނާ އިހުތިޔާރުކުރަނީ ކޮން ގޮތެއް ކަމެއް ވެސް ނޭނގޭ. ޔަގީނުން ވެސް މި ވަގުތު އޭނާ ކުޅެމުން އަންނަ ކްލަބްގެ ހާލަތާ މެދު އޭނާ ހިތްހަމައެއް ނުޖެހޭ. އެއީ އޭނާ އަކީ ވަރުގަދަ އަށް ވާދަކުރަން ބޭނުންވާ ކުޅުންތެރިއެއް. ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން ކައިރިވެފައި ތިބި ކުޅުންތެރިންގެ ތެރެއިން ޕޮގްބާގެ ޑިމާންޑް ބޮޑުވާނެ،" ޑެޝޯމްޕްސް ބުންޏެވެ. "އޭނާ އަހަރެންގެ އެހީތެރިކަމަށް އެދޭނަމަ އެކަން ކޮށްދޭން އަހަރެން ތައްޔާރު،"

ރިޕޯޓްތައް ބުނާގޮތުން ޕޮގްބާ ހޯދުމުގެ ރޭހުގައި އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސް އާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އަދި ފްރާންސްގެ ޕީއެސްޖީ ވެސް އެބައޮތެވެ. މީގެ ޕޮގްބާ އިހުތިޔާރުކުރާނެ ކްލަބެއް ނިންމާނީ އޭނާގެ އޭޖެންޓް މިނޯ ރައިއޯލާއާ މަޝްވަރާ ކުރުމަށް ފަހު އެވެ.