Advertisement

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް: ރާއްޖެ އަށް ހަތަރު ވަނަ

27 މާރިޗު 2022 - 11:33 0


ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް: ރާއްޖެ އަށް ހަތަރު ވަނަ

27 މާރިޗު 2022 - 11:33 0

އިންޑިއާގެ ނާގާލޭންޑްގައި މި ހަފްތާ ބަންދުގައި ބޭއްވި ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރި އަންހެން އަދި ފިރިހެން ޓީމަށް ހަތަރު ވަނަ ލިބިއްޖެ އެވެ.

ފަސް ގައުމުގެ މެދުގައި ކުރިއަށްދިޔަ މި ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގެ އެއް ވަނަ ދިޔައީ އިންޑިއާ އެވެ. ދެ ވަނަ އަށް ސްރީ ލަންކާ ދިޔައިރު، ތިން ވަނަ ހޯދީ ނޭޕާލް އެވެ. ހަތަރު ވަނައިގައި ރާއްޖެ އޮތްއިރު، އެންމެ ފުލަށް ދިޔައީ ބަންގްލަދޭޝް އެވެ.

ރާއްޖޭން 10 ކިލޯމީޓަރުގެ ފިރިހެން ދުވުމުގައި ވާދަކޮށް އެންމެ ރަނގަޅު ޓައިމިންއެއްގައި ނިންމީ ނަސީރު ސްޕޯޓްސް އެކެޑަމީގެ ހުސެއިން ފަޒީލް ހާރޫން އެވެ. އޭނާގެ ޓައިމިން އަކީ 36 މިނިޓް 07 ސިކުންތެވެ. ދެ ވަނަ އަށް އެންމެ ރަނގަޅު ޓައިމިން އަކު ނިންމީ ކްރޮސް ކަންޓްރީގައި ވާދަކުރި ޓީމުގެ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)ގެ މެރަތަން ރަނާސް ޓީމުގައި ހިމެނޭ މުހައްމަދު ރަޝީދު (މޯޑު) އެވެ. އޭނާގެ ޓައިމިން އަކީ 36 މިނިޓް 41 ސިކުންތެވެ. މޯޑު، ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް ޓީމަށް ނެގީ ޔޫސުފް އިބްރާހިމަށް އަނިޔާވެގެންނެވެ. މެރަތަން ރަނާސްގެ މުހައްމަދު އިރުފާން ނިންމީ 37 މިނިޓް 28 ސިކުންތުންނެވެ.

އަންހެން 10 ކިލޯމީޓަރު ދުވުމުގައި ރާއްޖޭން އެންމެ ރަނގަޅު ޓައިމިންއެއްގައި ނިންމީ ކުޑަހުސައިން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް ޢަބްދުލް ކަރީމް (މަރީ) އެވެ. މަރީގެ ޓައިމިން އަކީ 46 މިނިޓް 38 ސިކުންތެވެ. މެރަތަން ރަނާސްގެ ރާނިޔާގެ ޓައިމިން އަކީ 47 މިނިޓް 09 ސިކުންތެވެ. އަދި ހަމަ އެ ޓީމުގެ އައިޝަތު ރިޝްމީ ނިންމީ 50 މިނިޓް 28 ސިކުންތެވެ.

އެންމެ ފުރަތަމަ 2018 ވަނަ އަހަރު ބޫޓާނުގައި ބޭއްވި ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖެ ދިޔައީ އެންމެ ފުުލަށެވެ. އެކަމަކު، މި ފަހަރު މި ވަނީ އެއް ފިޔަވަޅު ކުރިއަށް ޖެހިލައިފަ އެވެ. ކޯޗު ނަސްރު ބުނީ ޖުމްލަކޮށް މި ޓައިމިންތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި ކުރިއަށް އޮތްތަނުގައި މި މުބާރާތުގައި މެޑަލަކާ ހަމައަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"ކްރޮސް ކަންޓްރީގައި ރާއްޖޭން މެޑަލެއް ގެންނަން ބޭނުންނަމަ އަޅުގަނޑުމެން އެބަޖެހޭ ރާއްޖޭން ބޭރުގައި ހިލް ޓްރެއިނިންގެ ހާއްސަ ޓްރެއިނިންތަކެއް ހަދަން. ރާއްޖެ ކަހަލަ ފްލެޓްކޮށް އޮންނަ ގައުމެއްގައި އެ ފަދަ ޓްރެއިނިން އެއް ނުހެދޭނެ،" ނަސްރު ބުންޏެވެ.

ނަސްރު ބުނީ ރޭހުގެ އެކި ހިސާބުތަކުގައި އެހެން ގައުމުތަކުން ވަނަ ހޯދި ގިނަ ދުވުންތެރިން ރާއްޖޭގެ އެތުލީޓުން ފަހަތުން އައި ކަމަށާއި މީގެއިން ވެސް ދައްކުވައިދެނީ ހިލް ޓްރެއިނިން ހަދައިފިނަމަ ރާއްޖެ އަށް މި މުބާރާތުން ކާމިޔާބު ހޯދޭނެކަން ކަމަށެެވެ.