Advertisement

އަރަބި ތިން ގައުމެއްގެ ފޮރިން މިނިސްޓަރުންނާ އެކު އިޒްރޭލުގައި ބޮޑު ބައްދަލުވުމެއް ބާއްވަނީ

27 މާރިޗު 2022 - 08:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް (ކ)، މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ (މ) އަދި އަބޫ ދާބީގެ ވަލީ އަހުދު އަމީރް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާ އެކު. -- ފޮޓޯ: އޭއެފްޕީ


އަރަބި ތިން ގައުމެއްގެ ފޮރިން މިނިސްޓަރުންނާ އެކު އިޒްރޭލުގައި ބޮޑު ބައްދަލުވުމެއް ބާއްވަނީ

27 މާރިޗު 2022 - 08:15 0

ތިން އަރަބި ގައުމެއްގެ ފޮރިން މިނިސްޓަރުން އެމެރިކާއާ އެކު އިޒްރޭލުގައި އާދީއްތަ ދުވަހު ބާއްވާ ތާރީހީ ބައްދަލުވުމުގައި މިސްރުގެ ފޮރިން މިނިސްޓަރު ވެސް ބައިވެރިވާނެކަން އިއުލާނުކޮށްފި އެވެ.

އިޒްރޭލުގައި އޮންނަ ބައްދަލުވުމުގައި ބައިވެރިވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން، މިސްރުގެ ފޮރިން މިނިސްޓަރު ސާމިހް ޝުކްރީ އަދި ޔޫއޭއީ، ބަހްރެއިން އަދި މޮރޮކޯގެ ފޮރިން މިނިސްޓަރުންނެވެ.

އިޒްރޭލުގެ އޮފިޝަލަކު ބުނީ އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލެޕިދްގެ ދައުވަތަކަށް ފޮރިން މިނިސްޓަރުން އިޒްރޭލަށް ކުރައްވާ ދަތުރުގައި އެއް ބައްދަލުވުމަށް ވުރެ ގިނަ ބައްދަލުވުން އޮންނާނެ ކަމަށެވެ.

ދެ ދުވަހުގެ ބައްދަލުވުމަކަށް ގައުމުތަކުން ތައްޔާރުވާ އިރު، މި ވަގުތު ދުނިޔޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަޝިއާއިން ޔޫކްރެއިންގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އުފުލި، ކާބޯތަކެތީގެ ދަތިކަން އައުމުގެ ފުރުސަތު އޮތުމެވެ.

އޭގެ އިތުރުން އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ އެއްބަސްވުން އިއާދަކުރަން ވެސް އެމެރިކާ ވަނީ ގާތްވެފަ އެވެ. އެ އެއްބަސްވުން އަލުން އިއާދަކުރުމަކީ އިޒްރޭލުން ހިތްހަމަޖެހޭ ކަމެއް ނޫނެވެ.

އިޒްރޭލާ އެކު ބައްދަލުވުން ބާއްވާ ތިން އަރަބި ގައުމަކީ 2020 ވަނަ އަހަރު އެމެރިކާ މެދުވެރިވެގެން އެކުލަވާލި އަބްރަހަމް އެކޯޑްސް އެއްބަސްވުންތަކުގެ ދަށުން އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ގައުމުތަކެވެ.

ޔޫއޭއީއަށް ފަހު ބަހްރެއިން އާއި މޮރޮކޯއިން ގުޅުން ގާއިމް ކުރި އިރު، ސޫދާނުން ވެސް ނިންމީ އިޒްރޭލާ އެކު ގުޅުން ގާއިމް ކުރުމަށެވެ. ނަމަވެސް ސޫދާނުން މިހާތަނަށް އެ ނިންމުމާ އެއް ގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

އެ ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ގާއިމް ކުރުމުގެ ކުރިން އެތައް އަހަރުތަކެއް ވަންދެން އަރަބި ގައުމުތަކުން ތަކުރާރުކޮށް ބުނަމުން ދިޔައީ ފަލަސްތީނުގެ މައްސަލައަށް ހައްލު ނުލިބޭ ނަމަ އިޒްރޭލާ އެކު ގުޅުމެއް ނޯންނާނެ ކަމަށެވެ.

އިޒްރޭލުގެ ދެ ދުވަހުގެ ބައްދަލުވުމެއް ފަށަން ތައްޔާރުވާ އިރު، މިދިޔަ އަންގާރަ ދުވަހު އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް އާއި އަބޫ ދާބީގެ ވަލީ އަހުރު އަމީރް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީގެ ދައުވަތަކަށް މިސްރުގައި ބައްދަލުކުރައްވާފަ އެވެ.

އިޒްރޭލާ އެކު ގުޅުން ގާއިމް ކުރި އެންމެ ފުރަތަމަ ގައުމަކީ މިސްރެވެ. އަހަރުތަކެއް ވަންދެން އޮތް އަދާވާތްތެރިކަން ނިމުނީ އިޒްރޭލާއި މިސްރުން 1979 ވަނަ އަހަރު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ. އޭގެ ފަހުން އުރުދުން އިން ވަނީ 1994 ވަނަ އަހަރު އިޒްރޭލާ އެކު ގުޅުން ގާއިމްކޮށްފަ އެވެ.