Advertisement

ފުރަތަމަ ލެގުން ސެނެގާލް ބަލިކޮށް މިސްރުން ވޯލްޑް ކަޕްގެ އުއްމީދު ބޮޑުކޮށްފި

26 މާރިޗު 2022 - 12:18 0


ފުރަތަމަ ލެގުން ސެނެގާލް ބަލިކޮށް މިސްރުން ވޯލްޑް ކަޕްގެ އުއްމީދު ބޮޑުކޮށްފި

26 މާރިޗު 2022 - 12:18 0

ގާހިރާ، މިސްރު (މާޗު 16) - ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކުޅުނު އެފްރިކާގެ ޕްލޭއޮފް މެޗުގައި މިސްރުން 1-0 އިން ސެނެގާލް ބަލިކޮށް ގަތަރުގައި މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

އެފްރިކާ ބައްރުގައި ރޭ ކުޅުނު ޕްލޭއޮފް އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އަލްޖީރިއާ އިން ވަނީ 1-0 އިން ކެމަރޫން ބަލިކޮށްފަ އެވެ. އަދި ޓިއުނީޝިއާ އިން ވަނީ 1-0 އިން މާލީގެ މައްޗަށް ކުރިހޯދައިފަ އެެވެ.

އެފްރިކާ ބައްރުން ވޯލްޑްކަޕްގެ ފަސް ޖާގަ ލިބޭ ގައުމުތައް ކަށަވަރުވާނީ މިހާރު ކުރިއަށްދާ ޕްލޭ އޮފް މެޗުތައް ނިމުމުންނެވެ. ޕްލޭ އޮފް ފަސް މެޗު ހޯމް އެންޑް އަވޭ އުސޫލުން ކުޅެ ކުރި ލިބޭ ފަސް ޓީމެއް ވޯލްޑް ކަޕަށް ކޮލިފައިވާނެ އެވެ.

ފުރަތަމަ ލެގުގައި މިސްރުން ސެނެގާލް ބަލިކުރީ، ޑިފެންޑަރު ސަލިއޫ ސިސް އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ އަތުގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅަ ގޯލަށް ވަނީ ގޯލް ކުރިމަތީގައި ހުރި ސިސް ފައިގައި ޖެހިފަ އެވެ.

މިސްރުގެ ސަލާހު (ވ) ކައިރިން ސެނެގޯލްގެ މާނޭ ބޯޅަ ހިފައިގެންދަނީ.


ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމަށް މާ ގިނަ ހަމަލާތަކެއް ދެ ޓީމަށް ވެސް ފޮނުވައެއް ނުލެވުނެވެ. ފަހު ހާފުގައި ސެނެގާލުން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް މިސްރުގެ ކީޕަރު މުހައްމަދު އެލް-ޝަނާވީ އެ ދެ ބޯޅަ ވެސް ދިފާއު ކުރި އެވެ.

މިއީ މީގެ ދޮޅުމަސް ކުރިން ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ފަހު ދެ ޓީމުގެ ފުރަތަމަ ކުރިމަތި ލުމެވެ. އަދި މިއީ 2019 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި އަލްޖީރިއާ އަތުން ބަލިވި ފަހުން ސެނެގާލް ބަލިވި ފުރަތަމަ މެޗެވެ.

ރޭ ކެމަރޫންގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު އަލްޖީރިއާ އަށް ޖަހައިދިނީ އިސްލާމް ސްލިމާނީ އެވެ. ސްލިމާނީ ބޮލުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ކެމަރޫންގެ ކީޕަރު އަންދްރޭ އޮނާނާގެ އަތުގައި ޖެހިފަ އެވެ. ދެ ވަނަ ހާފުގައި ކެމަރޫނުން ގޯލެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް ރާއިސް އެމްބޯލީ ވަނީ އެ ބޯޅަތައް ދިފާއުކޮށްފަ އެވެ.

ކޮލިފައިންގެ ފުރަތަމަ ލެގުގައި މާލީ އަތުން ޓިއުނީޝިއާ މޮޅުވިއިރު، މެޗުގެ ހަމައެކަނި ގޯލަކީ މާލީގެ ޑިފެންޑަރު މޫސާ ސިިސާކޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ސިސާކޯ ކީޕަރު އަލް މަލޫލް އަށް ދޭން ފަހަތަށް ދިން ބޯޅަ ގޯލަށް ވަތްއިރު އެ ބޯޅަ ހުއްޓުވޭނެ ގޮތެއްނެތި ވަނީ ބައިކޮޅަށެވެ.

ވޯލްޑްކަޕް ކޮލިފައިންގެ އެފްރިކާ ބައްރުގެ ބާކީ ދެ މެޗަށް ބަލާއިރު، ވަރުގަދަ ގާނާ އާއި ނައިޖީރީއާ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މޮރޮކޯ އާއި ކޮންގޯގެ ކުރިމަތިލުން ނިމުނީ 1-1 އިން ދެ ޓީމް އެއްވަރުވެ ގެންނެވެ.

ކޮލިފައިންގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ. ދިހަ ޓީމުގެ ތެރެއިން ވޯލްޑް ކަޕަށް ކޮލިފައިވާނީ ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ކުރި ލިބޭ ފަސް ޓީމެކެވެ.