Advertisement

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް: ޔޫސުފްގެ ބަދަލުގައި މޯޑު ރާއްޖޭގެ ޓީމަށް

24 މާރިޗު 2022 - 10:14 0


ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް: ޔޫސުފްގެ ބަދަލުގައި މޯޑު ރާއްޖޭގެ ޓީމަށް

24 މާރިޗު 2022 - 10:14 0

އިންޑިއާގެ ނާގާލޭންޑްގައި މާދަމާ ބާއްވާ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި އެންމެ ފުރަތަމަ ހިމެނި ޔޫސުފް އިބްރާހިމްގެ ބަދަލުގައި މުހައްމަދު ރަޝީދު (މޯޑު) ހިމަނައިފި އެވެ.

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު ވަނީ އިއްޔެ އިންޑިއާ އަށް ފުރައިފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފުރަތަމަ ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ޓީމު އެކުލަވާލިއިރު، ހިމެނި ފަސް ކުޅުންތެރިންގެ ތެރޭގައި ޔޫސުފް ހިމެނި އެވެ. އެކަމަކު، ފަހުން ބަދަލުކުރަން ޖެހުނީ ޔޫސުފަށް ދިމާވި އަނިޔާއެއްގެ ސަބަބުންނެވެ. ޔޫސުފްގެ ބަދަލުގައި ހިމެނި މޯޑަކީ ރާއްޖޭގެ އެތުލެޓިކްސްގައި ފާހަގަކޮށްލެވޭ ނަމެކެވެ. މޯޑު ބައިނަލްއަގުވާމީ މުބާރާތަކަށް މި ނުކުންނަނީ ކުޑަ މެދުކެނޑުމަކަށް ފަހު އެވެ.

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް އޮތް ދިވެހި ދުވުންތެރިޔާ، ނަސްރުﷲ އަހުމަދު (ނަސްރު) އެވެ. ނަސްރު އަކީ މެރަތަން ރަނާސްގެ ކޯޗެވެ. ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުގައި ނަސްރު އެކެޑަމީގެ ހަތަރު އެތުލީޓުން ހިމެނެ އެވެ.

މުބާރާތަށް ހޮވާފައިވާ ފިރިހެން އެތުލީޓުންނަކީ ނަސީރު ސްޕޯޓްސް ކްލަބްގެ ހުސައިން ފަޒީލް ހާރޫންގެ އިތުރުން މެރަތަން ރަނާސްގެ ދެ ދުވުންތެރިން ކަމަށްވާ މޯޑު އާއި އިރުފާން މުހައްމަދު އެވެ. އަންހެން ތިން އެތުލީޓުންގެ ތެރޭގައި ވެސް މެރަތަން ރަނާސްގެ ދެ ދުވުންތެރިން ހިމެނެ އެވެ. އެއީ އާއިޝަތު ރާނިޔާ އާއި އާއިޝަތު ރިޝްމީ އެވެ. މި ދެ ދުވުންތެރިންގެ އިތުރުން ދެން ޓީމުގައި ހިމެނެނީ ކުޑަހުސައިން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް ޢަބްދުލް ކަރީމް އެވެ.

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަކީ އިންޑިއާގެ އެންމެ އިރުމަތީގައި އޮންނަ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ނާގަލެންޑްގައި ބައްވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވަން ބެލީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު، ފަހުން ބަދަލުކުރަން ޖެހުނީ ކޮވިޑާ ހެދި އެވެ. ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއްގެ ދުވުންތެރިން ވާދަކުރެ އެވެ. ޖުމްލަ 600 އަށް ވުރެ، ގިނަ އެތުލީޓުން ވާދަކުރާ މި މުބާރާތް އޮންނާނީ ނާގާލެންޑްގެ އިންދިރާ ގާންދީ ސްޓޭޑިއަމްގަ އެވެ.