Advertisement

ހުލާސާކޮށް މަޖިލިސް: މަސްވެރިކަމާ ގުޅޭ ރިޔާސީ ވައުދުތައް ނުފުއްދާކަމުގެ ތުހުމަތު

23 މާރިޗު 2022 - 21:09 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: މަހަށް ހަމަ އަގު ހޯދައިނުދޭ ކަމަށް ވިދާޅުވެ، އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި -- ފޮޓޯ: މަޖިލީހުގެ އިދާރާ


ހުލާސާކޮށް މަޖިލިސް: މަސްވެރިކަމާ ގުޅޭ ރިޔާސީ ވައުދުތައް ނުފުއްދާކަމުގެ ތުހުމަތު

23 މާރިޗު 2022 - 21:09 0

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް އެމްޑީޕީން ވެފައިވާ ވައުދެކެވެ. ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބުވިތާ ހަތަރު އަހަރުވާން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ފާޅުކުރެއްވީ ސަރުކާރުން އެވައުދު ނުފުއްދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުމެވެ.

"މަހަށް ހަމަ އަގު ހޯދައިދިނުމުގެ ވައުދު" ސަރުކާރުން ފުއްދަމުން ނުދާ ކަމަށް ވިދާޅުވެ, މިއަދުގެ ޖަލްސާގައި މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން އެވެ.

އޭނާ ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީން ވީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދު ކަމަށެވެ. ނަމަވެސް އެ ވައުދު ފުއްދަން ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ މަސްވެރިން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްވެރިންނާ ބައްދަލުވެ ވާހަކަދައްކައިލުމުން، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މަހަށް ހަމަ އަގު ނުލިބުމާއި ތެލުގެ އަގާ އެއްވަރަށް މަހުގެ އަގު ނޫފުލުމުގެ ސަބަބުން، ތެލަށް ލާރިކޮޅު ދައްކައިލީމާ އެވްރެޖްކޮށް، މަސްވެރިންނަށް ބަހާނެ ފައިސާއެއް ނެތި، ރެއާއި ދުވާލު ކުރާ މަސައްކަތް ބޭކާރުވެގެންދާކަމުގެ ކަންބޮޑުވުން،" މައްސަލަ ހުށަހަޅުއްވަމުން ފިރުޝާން ވިދާޅުވި އެވެ.

މަސްކިރާ ބޯޓުފަހަރާއި މަސްގަތުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމަކީ ވެސް އޭނާ ވިދާޅުވިގޮތުގައި މަސްވެރިންގެ ބޮޑު ޝަކުވާ އެކެވެ. މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ގެންގުޅުނު "އެޖެންޑާ 19" މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް، މަސްވެރިކަމާ ބެހޭ ގާނޫނު މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެެގާނޫނު ތަންފީޒުކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ.

"މަސް ޕްރޮސެސްކުރާ ތަންތަނާއި ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް އެޅުމަށާއި އެކަންކަމުގައި އަމަލުކުރަންވީ ގޮތް މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެމަގަށް ޖާގަ ފަހިކޮށްނުދީ އޮތުމަކީ ކަންބޮޑުވުމެއް،" ފިރުޝާން ވިދާޅުވި އެވެ.

ފިރުޝާން ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 29 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 23 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައަށް ކުރި ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ސަރުކާރަށް ފާޑުވިދާޅުވި ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ މަސްވެރިންނަށް ޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް މެމްބަރަކީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. އޭނާ ވިދާޅުވީ "ގޭދޮށު މަސްފެކްޓްރީ" އުފެއްދުމަކީ ވިޔަފާރިކުރުމުގެ ޖާގަ، ކައުންސިލްތަކަށް ދީގެން ކުރަން ކަނޑައަޅާފައި އޮތް ކަމެއް ކަމަށެވެ.

އެކަމަކު ސަރުކާރަށް ހަތަރު އަހަރުވާން ދާއިރު، ކުންފުނި އުފެއްދުމުގެ ހުއްދަ އެންމެ ކައުންސިލަކަށް ވެސް ދީފައި ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ރައީސް އޮފީހުގެ ވެބްސައިޓްގައި ވެސް އާއްމުކޮށްފައިވާ ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަތަރު އަހަރުވާން މިދަނީ އިއްޒަތްތެރި ރައީސް އަދި އެންމެ ކައުންސިލަކަށް ވިޔަފާރިކުރުމުގެ ހުއްދަ ނުދީ ހިފަހައްޓާލައިގެން އެތިބެނީ. އެއީ ކޮވިޑާ ހެދިތޯ؟ އެއީ ކީއްވެގެންތޯއޭ، ޔުކްރޭން ހަނގުރާމައާ ހެދިތޯ އެއީ؟،" ވައްޑެ ސުވާލުކުރެއްވި އެވެ.

މިއަދުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 28 މެމްބަރުން
  • ސަލާމުގައި: 08 މެމްބަރުން
  • ރަސްމީ ދަތުރުތަކުގައި: 05 މެމްބަރުން

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ގިނަ އަދަދެއްގެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ގެންދަވާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައެއް މިއަދު މަޖިލީހަށް ބަލައިނެ ބަހުސް ކުރި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތް ހުއްޓުވަން ގޮވާލައި އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ފާސްކުރީ

އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ ތެރެއިން 30 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އަނެއް ދެ މެމްބަރުން ވޯޓް ދެއްވީ ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށެވެ.

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު "ޓުވަރޑްސް ސޮލިޓިއުޑް" އާޓް އެގްޒިބިޝަނުގެ ފޮޓޯއެއް ބައްލަވާލައްވަނީ:


ދުވަހުގެ ކޯޓޭޝަން

ހަތަރު އަހަރުވާން މިދަނީ އިއްޒަތްތެރި ރައީސް އަދި އެންމެ ކައުންސިލަކަށް ވިޔަފާރިކުރުމުގެ ހުއްދަ ނުދީ ހިފަހައްޓާލައިގެން އެތިބެނީ. އެއީ ކޮވިޑާ ހެދިތޯ؟ އެއީ ކީއްވެގެންތޯއޭ، ޔުކްރޭން ހަނގުރާމައާ ހެދިތޯ އެއީ؟