Advertisement

ޓީމުގައި އޮތީ ބަންގްލަދޭޝް އަތުން ބަދަލު ހިފުމުގެ ރޫހު: އަކްރަމް

24 މާރިޗު 2022 - 07:53 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އަކުރަމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓީމުގައި އޮތީ ބަންގްލަދޭޝް އަތުން ބަދަލު ހިފުމުގެ ރޫހު: އަކްރަމް

24 މާރިޗު 2022 - 07:53 0

މިދިޔަ ނޮވެމްބަރުމަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ބަންގްލަދޭޝް އަތުން ބަލިވެފައިވާތީ، ގައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މިރޭގެ މެޗަށް ނުކުންނާނީ އެންމެ ފަހުން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ބަދަލުހިފުމުގެ ރޫހުގައި ކަމަށް ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަހިންދަ ރާޖަޕަކްސަ ޓްރޮފީ - ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އިން 2-1 އިން ރާއްޖެ ބަލިކުރި އެެވެ. މިއީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ފުރަތަމަ މެޗެވެ.

ބަންގްލަދޭޝް އާއި ދެކޮޅަށް ގަލޮޅު ދަނޑުގައި މިރޭ ކުޅޭ މެޗުގެ ކުރިން އިއްޔެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެޕްޓަން އަކުރަމް ބުނީ ލަންކާ މުބާރާތުގައި ބަންގްލަދޭޝް އަތުން ބަލިވުމަކީ ބޮޑު މާޔޫސްކަމެއް ލިބުނު ކަމެއް ކަމަށެވެ. އެއީ ޓީމަށް ވެސް ގަބޫލުކުރަން ދަތި ބައްޔެއްކަން ފާހަގަކޮށް އަކޫ ބުނީ މިރޭގެ މެޗަށް ނުކުންނާނީ އެ މެޗުން ބަލިވުމުގެ ބަދަލު ހިފުމުގެ ރޫހުގައި ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕްގައި ވަރަށް ރަނގަޅަށް ކުޅެފައި ލަންކާ މުބާރާތަށް ދިޔައީ ވަރަށް އުއްމީދާ އެކު، އެކަމަކު ވަރަށް ދެރަކޮށް ކަންތައްތައް ދިމާވީ. އެތައް ދުވަހެއް ފަހުން ބަންގްލަދޭޝް އަތުން ބަލިވީ. އޭގެ ބަދަލުހިފަން ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ޖޯޝުގައި ތައްޔާރުވަމުން އަންނަނީ. އެ ވާހަކަތައް މިދިޔަ ދެތިން ދުވަހު މި ދައްކަނީ،" އަކޫ ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެއިން އަކުރަމް ވާހަކަދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖޭގެ ގައުމީ ޓީމަށް މި އަހަރު އޮތް އެންމެ މުހިންމު މުބާރާތަކީ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިން އެވެ. ކޮލިފައިން އަށް ތައްޔާރުވުމަށް މި ވަގުތަށް ތާވަލްކޮށްފައި އޮތް ހަމައެކަނި މެޗަކީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ. އެހެންކަމުން އަކުރަމް ވަނީ މި މެޗުން މޮޅުވުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.

"މި ވަގުތު ޝެޑިއުލް އޮތް ގޮތަށް ބަލާއިރު އަޅުގަނޑުމެންނަށް ކޮލިފައިންގެ ކުރިން މާ ގިނަ ދުވަހެއް ނުލިބޭ މެޗު ކުޅެން ވެސް ޕްރެކްޓިސް ކުރަން ވެސް، އެހެންވީމަ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާ، ރަނގަޅު މޮޅެއް ހޯދައި އިތުބާރު ހޯދުން މުހިންމު. އުއްމީދަކީ ހަމަ އަމިއްލަ ދަނޑުގައި ބަންގްލަދޭޝް ބަލިކުރުން،" 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކެޕްޓަން އަކުރަމް ބުންޏެވެ.

އަކުރަމް ބުނީ އެންމެ ފަހުގެ ދެ މުބާރާތުގެ ނަތީޖާތައް ދިޔަ ގޮތުން ސަޕޯޓަރުން ތިބީ މާޔޫސްވެފައި ކަމަށެވެ. ގައުމީ ޓީމު ބަލިވުމުން ހިތްހަމަނުޖެހިގެން ސަޕޯޓަރުން ފޭސްބުކާއި އެހެނިހެން ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ޝުއޫރުތައް ފާޅުކުރި ކަމުގައި ވިޔަސް އަބަދުވެސް ޓީމަށް ބޭނުންޖެހޭއިރު ސަޕޯޓަރުން ތިބޭކަން އަކުރަމް ވަނީ ފާހަގަކޮށްފަ އެވެ.

"މުބާރާތެއްގައި ބަލިވީމަ ސަޕޯޓަރުން މާޔޫސްވާނެ، އެއީ ކަން ހިނގާނެ ގޮތް ހަމަ. ބަލިވީމަ ރުޅި އައިސްގެން ހަޅޭލެވިޔަސް އަބަދުވެސް ދިވެހި ޓީމާ މެދު ލޯބި އޮވޭ، އެހެންވީމަ އަޅުގަނޑު ޝައްކެއް ނުކުރަން ސަޕޯޓަރުން މި މެޗުގައި ވެސް ދިވެހި ޓީމަށް ހިތްވަރުދޭން އަންނާނެކަމާ މެދު،" އަކުރަމް ބުންޏެވެ.

ގައުމީ ޓީމުގެ ނަތީޖާތައް ދަށްވާ ކޮންމެ ފަހަރަކު ވެސް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އަކުރަމް ބުނެފައިވެ އެވެ. އަދި ބަލިވެފައި އޮންނަ ވަގުތު އެކަމުން އަރައިގަނެއް މޮޅެއް ހޯދަން ހުރިހާ ކުޅުންތެރިން ވެސް ބުރަކޮށް މަސައްކަތްކުރާ ކަމަށް އަކުރަމް ބުންޏެވެ.

"މިދިޔަ ދެ މުބާރާތުގައި ވީ ގޮތުން މިވަގުތު ވަރަށް ބޮޑު އަޑިގަނޑެއްގައި މިއޮތީ. މިކަމުން އަރައިގަތުމަށް އަދި އޭޝިއަން ކަޕަށް ތައްޔާރުވާން މި މެޗުން މޮޅުވުން މުހިންމު، ހުރިހާ ކުދިން ވެސް 100 ޕަސެންޓް ދޭނެކަން އަޅުގަނޑަށް ޔަގީން،" އަކުރަމް ބުންޏެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ނުވައެއް ޖަހާއިރު އެވެ.