20 މާރިޗު 2022 - 09:20 0
އައްޒާމް އަލިފުޅު
އޭސީސީގެ އޭޖީއެމްގެ ތެރެއިން ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް (ކ) އާއި ނައިބު ރައީސް ދޮނާ.
20 މާރިޗު 2022 - 09:20 0
އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)އިން އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި ވަނީ މިހާރުގެ ލީޑަޝިޕާއި ކޮމިޓީތަކުގެ ދައުރު ދައްމާލަން ނިންމާލައިފަ އެވެ
އޭސީސީން ނިންމީ މިހާރު ލީޑަޝިޕްގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކުގައި ކޮމިޓީތަކުގައި ތިބި އެންމެންގެ މަގާމުތަކުގެ ދައުރު 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ހަމައަށް ކުރިއަށް ގެންދިއުމަށެެވެ. އެ ނިންމުމާ އެކު އޭސީސީ އެގްޒެކެޓިވް ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، ރާއްޖޭގެ ކްރިކެޓް ބޯޑު (ސީބީއެމް)ގެ ރައީސް ފައިސަލްގެ ދައުރު ވެސް ވަނީ އިތުރުުވެފަ އެވެ.
އެސޯސިއޭޓް މެމްބަރު ގައުމުތަކުގެ ތާއީދާ އެކު ފައިސަލް އެ މަގާމަށް އިންތިހާބުވީ މިދިޔަ އަހަރު އެވެ.
ކޮލަމްބޯގައި އިއްޔެ އޭސީސީން ބޭއްވި ބައްދަލުވުމުގައި ވަނީ އޭޝިއާ ކަޕް 2022 ބާއްވާނެ ހޯސްޓެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ލަންކާގައި އެ މުބާރާތް ކުރިއަށްގެންދާނެ ތާރީހުތައް އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން އޮމާން ކްރިކެޓްގެ ރައީސް ޕަންކަޖް ހިމްޖީ ވަނީ އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފަ އެވެ. މީގެ އިތުރުން ގަތަރުގެ ކްރިކެޓް އެސޯސިއޭޝަނަށް ފުލް މެމްބާޝިޕް ދޭން ވަނީ ނިންމައިފަ އެވެ.
ކްރިކެޓް ބޯޑުގެ ނައިބު ރައީސް ދޮނާ (ކ) އާއި އޭސީސީގެ ރައީސް ޖޭ ޝާހު (މ) އަދި ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ވ)
އޭސީސީގެ ރައީސް ޖޭ ޝާހު ވިދާޅުވީ ވިސްނުމަކީ މިހާރު ކުރަމުން އަންނަ މަސައްކަތް ރަނގަޅަށް ގެންގޮސް، މި ބައްރުގެ ކްރިކެޓަކީ ގިނަ ބަޔެއްގެ ބައިވެރިވުން ބޮޑުކޮށް ރަނގަޅު މިސްރާބެއްގައި ކުރިއަށްދާ ކަމަކަށް ހެދުން ކަމަށެވެ. ކޮވިޑާ ހެދި ހުއްޓުން އައި ކަންކަން އަލުން ރަނގަޅަށް ކުރިއަށް ގެންދިއުމުގެ ހާއްސަ އަމާޒެއްގައި މަސައްކަތްކުރުމުގެ ވިސްނުން ހުރިކަން ފާހަގަކުރައްވައި، ޝާހު ވިދާޅުވީ އަންހެން ކްރިކެޓާއި ގްރާސްރޫޓްގެ ކަންކަން މިހާރަށް ވުރެ ރަނގަޅު ކުރަން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
ފައިސަލްގެ އިތުރުން ރާއްޖޭގެ ކްރިކެޓް ބޯޑުގެ ނައިބު ރައީސް އަހުމަދު ހުސެއިން (ކުޑަދޮނާ) ވެސް އިއްޔެ ބޭއްވި ޖަލްސާގައި ބަައިވެރިވެވަޑައިގެންނެވި އެވެ. ސީބީއެމްގައި މިހާރު އޮތް ލީޑަޝިޕް، މަގާމުތަކާ ހަވާލުވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކޮށްގެންނެވެ.
Comment