Advertisement

ސީރިއާގެ ރައީސް ތާރީހީ ދަތުރެއްގައި ޔޫއޭއީއަށް ވަޑައިގެންފި

19 މާރިޗު 2022 - 11:31 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސީރިއާގެ ރައީސް ބައްޝާރުލް އަސަދް (ވ) އަދި އަބޫ ދާބީގެ ވަލީ އަހުދު ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން. -- ފޮޓޯ: އީޕީއޭ


ސީރިއާގެ ރައީސް ތާރީހީ ދަތުރެއްގައި ޔޫއޭއީއަށް ވަޑައިގެންފި

19 މާރިޗު 2022 - 11:31 0

މީގެ 11 އަހަރު ކުރިން ސީރިއާގެ ދާހިލީ ހަނގުރާމަ ފެށި ފަހުން އެ ގައުމުގެ ރައީސް އަރަބި ގައުމަކަށް ފުރަތަމަ ފަހަރަށް ދަތުރު ކުރައްވައިފި އެވެ.

ބައްޝާރުލް އަސަދް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންނެވީ ހުކުރު ދުވަހު އެވެ. ޔޫއޭއީގެ ވެރިންގެ ބައްދަލުވުންތަކުގައި ސީރިއާއާ އެކު ގުޅުން ބަދަހި ކުރަން ބޭނުންވާކަން ހާމަކުރެއްވި އެވެ.

މިއީ އަރަބި ގައުމުތަކާއި ސީރިއާއާ ދެމެދު އޮތް ގުޅުން ރަނގަޅު ވާން ފެށިކަމުގެ ނިޝާނެކެވެ. ނަމަވެސް އެމެރިކާއިން އެ ދަތުރަށް ފާޑުކިޔުމަށް ފަހު ބުނީ "ވަރަށް ހިތްހަމަނުޖެހިއްޖެ" ކަމަށެވެ.

ބައްޝާރުލް އަސަދާ ބައްދަލުކުރެއްވި ޔޫއޭއީގެ ވެރިންގެ ތެރޭގައި ޑުބާއީގެ ވެރިޔާ އަދި ބިލިއަނަރު ޝެއިހް މުހައްމަދު އަލް މަހްތޫމް ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން އަސަދް ވަނީ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީއަށް ވަޑައިގެން، ވަލީ އަހުދު ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާ ވެސް ބައްދަލުކުރައްވާފަ އެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާއިން ބުނީ "އަރަބި ގައުމުތަކުގެ ސެކިއުރިޓީއަށް ސީރިއާ މުހިއްމު" ކަމަށާއި ޔޫއޭއީން ސީރިއާއާ އެކު ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ވަލީ އަހުދު ވިދާޅުވި އެވެ.

ސީރިއާއަށް ބޭނުންވާ ސިޔާސީ އަދި އިންސާނީ އެހީ ޔޫއޭއީއަށް ފޯރުކޮށްދެވޭނެ ގޮތްތަކާއި، ދެ ގައުމުގެ ވިޔަފާރި ވަރުގަދަ ކުރެވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާ ދެ ބޭފުޅުން ކުރެއްވި އެވެ.

މާޗް 2011 ވަނަ އަހަރު ސީރިއާގެ ދާހިލީ ހަނގުރާމަ ފެށި ފަހުން އަސަދު ގައުމުން ބޭރަށް ދަތުރު ކުރެއްވީ މަދު ފަހަރަކު އެވެ. އެ ހަނގުރާމައިގައި މިހާތަނަށް 350،000 މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.

ހަނގުރާމަ ފެށި ފަހުން މިހާތަނަށް އަސަދް ވަޑައިގެންނެވީ އެންމެ ދެ ގައުމަށެވެ. އެއީ އިރާނާއި ރަޝިއާ އެވެ. އެ ދެ ގައުމަކީ ވެސް ބައްޝާރުލް އަސަދްގެ ސަރުކާރަށް ތާއީދު ކުރާ ދެ ގައުމެވެ.