17 މާރިޗު 2022 - 14:36 0
ފާތިމަތު އަޖްފާން
ކޮވިޑަށް ޓެސްޓް ކުރުމަށް އައިޖީއެމްއެޗްގައި ހުޅުވާ ހިދުމަތް ދެމުންދާ ލެބޯޓްރީގައި އެތަނުގެ މުވައްޒަފެއް މަސައްކަތް ކުރަނީ--- ފޮޓޯ: އަދަދު
17 މާރިޗު 2022 - 14:36 0
ކޮވިޑަށް ޓެސްޓް ކުރާ ސާމްޕަލްތަކުގެ ވޭރިއެންޓް ދެނެގަތުމަށް، ޖެނެޓިކް ސީކުއެންސް (ޖެންސީ) ޓެސްޓުތައް ހެދުމަށް ގާއިމްކުރާ ލެބޯޓަރީ އަންނަ މެއި މަހު ހުޅުވާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ބުނެފި އެވެ.
އެ ލެބަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފައިވާ ކަމަށާއި ޓެސްޓު ކުރެވޭނެ ތަނެއް ގާއިމް ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އެޗްއީއޯސީ ހާމަ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސް ތަސްމީލާ އުސްމާން "އަދަދު"އަށް ވިދާޅުވީ ޖެނިޓިކް ސީކުއިންސިން އަށް ޕްރައިވެޓް ލެބޯޓްރީއެއް މިހާރުވެސް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސަރުކާރުގެ ލެބޯޓްރީއާއެކު މުއާމަލާތްތަކެއް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑު ރާއްޖެއިން ފެނުނުތާ ދެ އަހަރު ވެގެންދާއިރު ޖެންސީ ޓެސްޓު ހަދަނީ ޕްރައިވެޓް ލެބޯޓަރީއަކާ ހަވާލުކޮށްގެން ބޭރަށް ފޮނުވައިގެންނެވެ.
ރާއްޖޭގެ ކޮވިޑް ހާލަތު މިހާރު ރަނގަޅުވަމުން އަންނާތީ އިއުލާނު ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވާލައި، މާސްކު އެޅުން އިހްތިޔާރީ ކަމަކަށް ހަދައި، އެ ނޫން ވެސް ބޮޑެތި ލުއިތަކެއް ސަރުކާރުން އިއުލާނުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެގޮތުން ވެކްސިން ފުރިހަމަނުކޮށް ރާއްޖެއިން ބޭރުން އަންނަ މީހުން ވެސް އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދާ މީހުން ވެސް ކަރަންޓީނުވާން ނުޖެހުނު ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަދިވެސް އައިސޮލޭޓްވާން ޖެހެ އެވެ.
އަދި ބަލި ޖެހިފައިވާ މީހުންގެ ކޮންޓެކްޓުން ވެސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
Comment