16 މާރިޗު 2022 - 08:36 0
އިސްމާއީލް އަޒްމީން
ޓީރެކްސް އާއި ރެޑްވިންގްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)
16 މާރިޗު 2022 - 08:36 0
ތިން ވަނަ ސެމީ ފައިނަލުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބްގެ މައްޗަށް 76-66 ޕޮއިންޓުން ކުރި ހޯދައި، 39 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ރެޑްވިންގްސް ބީސީ ޖާގަ ހޯދައިފި އެވެ.
ގައުމީ ފައިނަލުން ފުރަތަމަ ޖާގަ ހޯދީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯލް ކްލަބް އެވެ. ކިންގްސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ޓީރެކްސް ބަލިކޮށްގެންނެވެ. ފަހު ސެމީ އިން ބަލިވެ ޓީރެކްސް މުބާރާތުން ކެޓިއިރު، އެ ޓީމު ވުޖޫދުވި ފަހުން ގައުމީ ލެވެލްގެ މުބާރާތެއްގެ ފައިނަލުން އެ ޓީމަށް ޖާގަ ގެއްލިފައިވަނީ މަދު ފަހަރެއްގަ އެވެ. އަނެއް ކޮޅުން މިއީ ރެޑްވިންގްސް ގައުމީ މުބާރާތުން ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ރެޑްވިންގްސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ލީޑުގައި އޮތީ ޓީރެކްސް އެވެ. ނަމަވެސް ޖެހިގެން އައި ތިން ކުއާޓާގައި ވެސް ލީޑްގައި އޮވެ ކުޅެ ރެޑްވިންގްސް އިން ތަފާތު ދެއްކި އެވެ. މުޅި މެޗުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތޯމަސް މަލިކްގެ އިތުރުން މުހައްމަދު އަޝްމަލް އަހުމަދު ރަނގަޅު ކުޅުމެއް ދެއްކި އެވެ. ޓީރެކްސް އަށް ބަލާއިރު ބިދޭސީ ކުޅުންތެރިޔާ ފިލިޕް ވުކޮސެވިޗާއި ކޮސްޓާ ޑޯޑެވިކަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ކުއީންސް އާއި ބެންޗް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ސައިކްލޯނާއި ދެކޮޅަށް ނުކުންނާނީ ބެންޗު ސްޕޯޓްސް ކުލަބެވެ. ބެންޗު ފައިނަލުން ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ކުއީންސް ބީސީ 52-59 ޕޮއިންޓުން ބަލިކުރުމަށް ފަހު އެވެ.
މެޗުގެ ފުރަތަމަ ކުއާޓާގައި ކުއީންސް އިން ރަނގަޅު ކުޅުމެއް ދައްކައި ހަތް ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް ދެ ވަނަ ކުއާޓާގައި ނުކުމެ ދެއްކި މޮޅު ކުޅުމާ އެކު ބެންޗުން މެޗުގެ އެ ޓީމު ކޮޅަށް އަނބުރާލި އެވެ. ފަހު ދެ ކުއާޓާގައި ދެ ޓީމުން ވެސް ފެނުނީ ނިސްބަތުން ދަށް ކުޅުމެކެވެ.
މުޅި މެޗަށް ބަލާއިރު އަނިޔާގައި ހުރި ކުއީންސްގެ އެންމެ މުހިންމު ކުޅުންތެރިޔާ ޝިއުރާ އަބްދުލްބާރީ ނެތްތަން އެޓީމަށް ވަރަށް ބޮޑަށް ދެއްކި އެވެ. ޓީމު ލީޑުކުރި ހައުމާ އުބައިދުﷲ (ހައު)، ރައިފާ އިބްރާހިމް އަދި ރާއީ ހަމްޒާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ މައިގަނޑު ތަފާތަކަށްވީ ބެންޗުގެ އިސްރާއު އަބްދުއްޝުކުރޫ (އިއްކޮ)ގެ މޮޅު ކުޅުމެވެ. އޭނާ ވަނީ އެ ޓީމަށް 23 ޕޮއިންޓް ހޯދައިދީ 21 ރީބައުންޑް ނަގައި 17 ޑިފެންސެއް ކޮށްފަ އެވެ. މީގެ އިތުރުން 19 ޕޮއިންޓް ހޯދައިދިން އިފާ އާތިފް އާއި ތަޖުރިބާކާރު ކުޅުންތެރިޔާ ޝިޒުނާ ރަޝީދުގެ ކުޅުން ވެސް ފާހަގަކޮށްލެވުނެވެ.
ސައިކްލޯން އާއި ބެންޗު ވާދަކުރާ ގައުމީ މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހު ދުވަހުގެ ހަވީރު 4:30 ގަ އެވެ. ކިންގްސް އާއި ރެޑްވިންގްސް ވާދަކުރާ ފިރިހެން ބައިގެ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރޭ 08:30 ގަ އެވެ.
Comment