13 މާރިޗު 2022 - 22:13 0
ހަސަން މުހައްމަދު
ސްކޫލް ދަރިވަރަކު މާސްކު އަޅައިގެން: މާދަމާއިން ފެށިގެން ސްކޫލުގައި އުޅޭ ވަގުތު މާސްކު އަޅާކަށް ނުޖެހޭނެ -- ފޮޓޯ: އަދަދު ފައިލް
13 މާރިޗު 2022 - 22:13 0
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ އުވާލައި، މާސްކު އެޅުން އިހްތިޔާރީ ކުރުމުން، ސްކޫލަށްދާ ދަރިވަރުން ވެސް މީގެ ފަހުން މާސްކު އަޅަން ނުޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ އިއުލާނުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައި އޮތީ މާސްކު އެޅުން މަޖުބޫރު ނޫން ނަމަވެސް ބޭނުން ނަމަ ދަރިވަރުން އަދި ބެލެނިވެރިންނަށް ވެސް ސްކޫލަށް އަންނައިރު މާސްކު އެޅިދާނެ ކަމަށެވެ. އަދި މާސްކު އެޅުން މަޖުބޫރު ނޫން ނަމަވެސް ހައި ރިސްކު ކުދިން މާސްކު އެޅުން އެދެވިގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
"ސްކޫލުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއް ކަމުގައި ނުވި ނަމަވެސް ރައްކާތެރި ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލުގައި ހުން ބެލުމާއި ގިނަ ގިނައިން އަތްދޮވުމުގެެ ކަންތައްތައް ކުރިއަށްދާނެ،" އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
މާސްކު އެޅުން އިހްތިޔާރީ ކުރުމުގެ އިތުރުން ޕީސީއާރް ޓެސްޓު ހެދުން ވެސް ލާޒިމު ނޫން ކަމަށް ސަރުކާރުން މިއަދު ވަނީީ ބުނެފަ އެވެ. ނަމަވެސް މާސްކު އެޅުން އަދިވެސް އެެދެވިގެންވާ ކަމަށް ބުންޏެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަދިވެސް ކޮވިޑަށް ފާރަވެރިވެ، އަބަދުވެސް ހާލަތު މޮނީޓާކޮށް، ހާލަތާ ގުޅޭ ގޮތުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
"ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް، ކޮވިޑްގެ ހާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުން ދާނެ. ރާއްޖޭގައި ފެތުރެނީ ކޮވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއް ވެސް މިހާރުވަނީ ރާއްޖޭގައި ގާއިމުކޮށްފައި. އެބަދަލުތައް ދެނެގަނެ، ހާލަތާ ގުޅޭ ގޮތުން ފިޔަވަޅުތައް އަޅަމުން ދާނެ،" ރައީސް ވިދާޅުވި އެވެ.
Comment