Advertisement

ވެކްސިން ޖެހިޔަސް ނުޖެހިޔަސް ދެން ޕީސީއާރު ޓެސްޓެއް ބޭނުމެއް ނުވާނެ

13 މާރިޗު 2022 - 21:59 0

އަމަން ހަލީމް

އަމަން ހަލީމް

މާލެގައި ރެންޑަމް ސާމްޕްލިންގެ ދަށުން މީހެއްގެ ސާމްޕަލް ނަގަނީ: މިފަހުން އެތެރޭގެ އުދުހުންތަކުގައި ދިވެހިންނަށް ވެސް ޕީސީއާރު މަޖުބޫރު ކުރި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ވެކްސިން ޖެހިޔަސް ނުޖެހިޔަސް ދެން ޕީސީއާރު ޓެސްޓެއް ބޭނުމެއް ނުވާނެ

13 މާރިޗު 2022 - 21:59 0

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ގެނައި ބަދަލުތަކުގެ ތެރެއިން ދަތުރުކުރަން އެއްވެސް މީހަކު ޕީސީއާރު ހަދަން ނުޖެހޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކަނޑައަޅައިފި އެވެ.

ކޮވިޑު ބަލިމަޑުކަން ކޮންޓްރޯލް ކުރަން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މާޗު 12، 2020 ގަ އެވެ.

އޭގެ ދެ އަހަރު ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އުވާލިކަން މިރޭ އިއުލާނުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ހާލަތު އުވާލުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އައި ބަދަލުތައް އާންމުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ބޭރުން އަންނަ މީހުންނާއި އެތެރޭގެ ދަތުރުތަކުގައި ޕީސީއާރު ޓެސްޓުން މަޖުބޫރު ހާލަތްތައް މިއަދުން ފެށިގެން އުވުނީ ކަމަށެވެ.

މިހެން ކަމުން މިއަދުން ފެށިގެން ރާއްޖެ އަންނަ ދިވެހިންނާއި ބިދޭސީން ރާއްޖެ އެތެރެވާން ޕީސީއާރު ނަތީޖާއެއް ބޭނުމެއް ނުވާނެ އެވެ. އަދި މީގައި ވެކްސިން ޖަހާފައި ހުރި މީހެއް ވިޔަސް ނުޖަހާ ހުރި މީހެއް ވިޔަސް ވެސް ތަފާތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ، ފުރުމުގެ ކުރިން ހައްދަން ޖެހޭ ޕީސީއާރު ޓެސްޓުގެ ކަންކަން ވެސް ނިމުމަކަށް އައީ އެވެ.

އެންމެ ފަހުން ފިޔަވަޅުތަކަށް ބަދަލު ގެނައި މި ލުއިތައް ދިނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރާ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ޕީސީއާރު މަޖުބޫރު ނޫން ނަމަވެސް ބޭރު ގައުމުތަކުން ރާއްޖޭގައި ދިރިއުޅެން އަންނަ ދިވެހިންނާއި ބިދޭސީން 5-3 ހައްދަން ޖެހޭ ޕީސީއާރު ޓެސްޓު ހެއްދުން އެދެވިގެންވާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.