Advertisement

އެމްއައިބީގެ އޯޕަންޑޭ: ތާރީހީ ހަރަކާތަށް ބޮޑު ތަރުހީބެއް!


އެމްއައިބީގެ އޯޕަންޑޭ: ތާރީހީ ހަރަކާތަށް ބޮޑު ތަރުހީބެއް!

މި ފަހަކަށް އައިސް މުހިންމު އިވެންޓްތަކެއް ބާއްވަމުން އަންނަ ހެންވޭރުގައި ހުންނަ "މީރުމާ"ގެ ދެ ވަނަ ފަންގިފިލާގެ ބިޔަ ހޯލުތެރެއަށް ވަދެގެން ދިޔައިރު، ސިފަކުރެވިފައި އޮތް ގޮތާއި ތަނުގެ މާހައުލު މުޅިން ތަފާތުވުމުން ހައިރާންކަމެއް ލިބުނެވެ. އެއީ އާންމުކޮށް މި ބާއްވާ ބަދަލުވުންތަކުން ފެންނަ ސްޓައިލްގައި ކުރިއަށްދާ ހަރަކާތެއް ނޫނެވެ. ހޯލުތެރޭގައި ދުރުދުރުގައި އަތުރާފައި ހުރި ސޯފާތަކުގައި އިށީނދެ ތިބި މީހުން އޮޅުން ފިލުވަމުން އެ ދަނީ، އަދި ބޭންކުގެ ވެރިން އެ މީހުންނަށް ދެމުން އެ ދަނީ، ވިޔަފާރި ކުރިއެރުވުމަށް ހުރި މާލީ ފުރުސަތުތަކުގެ ވާހަކަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމީ އުސޫލުން މާލީ ހިދުމަތް ދޭ ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހިންގެވުމުގައި މި ވަގުތު އެންމެ އިސްކޮށް ހުންނެވި އެކްޓިން ސީއީއޯ އާއި އެހެން ވެރިންނާއި ޑިޕާޓްމެންޓްތަކުގެ އެންމެ އިސްވެރިން ވެސް ކަސްޓަމަރުންނަށް މައުލޫމާތު ދިނުމުގައި ހަރަކާތްތެރިވެވަޑައިގަތެވެ.

އިއްޔެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 ގެ ނިޔަލަށް ކުރިއަށްދިޔަ މި ހަރަކާތަކީ، ރާއްޖޭގެ ބޭންކެއްގެ އެންމެ އިސް އިސްވެރިން ކަސްޓަމަރުންނާ ބައްދަލުކޮށް ވިޔަފާރީތަކާ ގުޅޭ ގޮތުން މަޝްވަރާކުރި ފުރަތަމަ ފަހަރު ކަމަށް އިސްލާމިކް ބޭންކުން ފާހަގަކުރެ އެވެ.

"ގިނަ ފަހަރަށް ބޭންކަށް އައިސް ހަމަޖެހިލައިގެން ވާހަކަނުދެއްކޭ ވިޔަފާރީ ވެރިންނަކަށް، އެހެންވެ، މި ހަރަކާތް ބޭއްވީ، ތަންކޮޅެއް ހިތްފަސޭހަ މާހައުލެއްގައި ބޭންކުގެ އިސްވެރިންނާ ފަސޭހަކޮށް ބައްދަލުކޮށް އެ ކަސްޓަމަރުން ބޭނުންވާ ކަންކަން ހިއްސާކުރުމަށް، އެމީހުންގެ ބޭނުންތައް ދެނިގަނެ އެކަންކަމަށް އަލިމަގެއް ހޯދާދިނުމަށް," އެމްއައިބީގެ ބިޒްނަސް ހެޑް ސައްޔިދު އައްސަދު މުނީރު "އަދަދު"އާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

މި ހަރަކާތަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކާއި ދޯނި ބަނުމުގެ މަސައްކަތް ކުރާ ގިނަ ބަޔަކު ޒިޔާރަތްކޮށް މައުލޫމާތު ސާފުކުރިކަން ސައްޔިދު ފާހަގަ ކުރެއްވެވި އެވެ. މި ހަރަކާތުގައި ރީފައިނޭންސިން، ކެޕިޓަލް އެސެޓް ހޯދުން، ރިވޯލްވިން ޓްރޭޑް ފައިނޭންސިން، ވެސެލް ފައިނޭންސިން، ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރުން، ޕީއޯއެސް އަދި އިންޓަނެޓް ޕޭމަންޓް ގޭޓްވޭއާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ދިނެވެ.

ޒިޔާރަތްކުރި ގިނަ ބަޔަކު އިސްލާމިކް ފައިނޭސްއާއި، އިސްލާމިކް ބޭންކިންއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ވަރަށް ބޮޑު ޝައުގެއް ހުރި ކަމަށާއި، އެހެން ބޭންކްތަކަށް ވުރެ އިސްލާމިކް ބޭންކުގައި ލޯނަށް އެދުމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތްތައް ލުއިކަން ކަސްޓަމަރުން ފާހަގަކުރި ކަމަށް ސައްޔިދު ވިދާޅުވި އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި މާލީ ހިދުމަތްތައް ދިނުމަށް ހާއްސަ ބޭންކެއްގެ ގޮތުގައި އެމްއައިބީ ހުޅުވީ 2011 ވަނަ އަހަރު އެވެ. އެ ބޭންކް ފުރަތަމަ އުފެއްދީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާ އެކު އެވެ. ނަމަވެސް، ފަހުން ސަރުކާރުން 10 ޕަސެންޓް ހިއްސާ އިތުރަށް ގަނެ، ސަރުކާރުގެ ހިއްސާގެ ނިސްބަތް 25 ޕަސެންޓަށް އިތުރުކުރި އެވެ.