ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ރ. އަލިފުށީގައި ކުޅެވުނުއިރު، އެ މެޗުގެ ފަރިތަކުރުންތަކެއްގެ ތެރެއިން މޯހަން.--- ފޮޓޯ: އަދަދު
މި ސީޒަން ފެށިއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކޯޗަކަށް ހުރި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)، 2023/24 ގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ރ. އުނގޫފާރު ޓީމުގެ ކޯޗަކަށް ހަމަޖައްސަން ނިންމައިފި އެވެ.
އުނގޫފާރު ޓީމުގެ މެނޭޖަރު، ނިޔާޒް، މިއަދު "އަދަދު" ނޫހަށް ބުނީ މޯހަންއާ އެކު އެއްބަސްވުމެއް ހެދުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި ރަސްމީކޮށް ކޮންޓްރެކްޓްގައި ސޮއިކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. މޯހަން، އުނގޫފާރު ޓީމާ ހަވާލުވާން މި ވަގުތު އެ ރަށުގައި ހުރިއިރު، އެ ޓީމުގެ ވިސްނުން ހުރީ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ރަނގަޅު ހިސާބަކަށް ދިއުމަށެވެ.
"ރަނގަޅު ހިސާބަކަށް ގޮސް ކާމިޔާބެއް ހާސިލްކުރަން މި ޓީމަށް ގެންނަން ބޭނުންވާ ބަދަލެއް ގެންނަން މެނޭޖްމަންޓުން މަސައްކަތް މި ކުރަނީ. (މޯހަން) ކޯޗު ބޭނުންވިއްޔާ ބިދޭސީ ކުޅުންތެރިން ގެނެވޭތޯ ވެސް މަސައްކަތް ކުރަން ވިސްނުން ހުރީ،" ނިޔާޒް ބުންޏެވެ.
އުނގޫފާރު ޓީމާ މޯހަން ހަވާލުވާނީ ފަހުގެ ތާރީހެއްގައި ދިވެހި ކޯޗަކަށް ލިބޭނެ އަތޮޅު ފުޓްބޯޅައިގެ ބޮޑު ތަޖުރިބާއަކާ އެކު އެވެ. މީގެ ކުރިން މޯހަން ވަނީ 2014-2015 ގައި އދ. މަހިބަދޫ ފުޓްބޯޅަ ޓީމާއި 2017 ގައި ދ. ކުޑަހުވަދޫ ޓީމު ގޮވައިގެން ރާއްޖޭގެ ފުރަތަަމަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. ދެ ޓީމު ގޮވައިގެން ވެސް މޯހަން މަސައްކަތްކުރިއިރު، ޕްރެކްޓިސްތައް ކުރީ އެ ޓީމެއް ނިސްބަތްވާ ރަށުގައި ހުރެ އެވެ.
އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާއިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. އުނގޫފާރު އޮތީ ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގަ އެވެ. އެ ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ ޓީމުތަކެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ކޯޗިންގައި މޯހަންގެ ކާމިޔާބީ އަށް ބަލާއިރު އޭނާ ވަނީ ނިއު ރޭޑިއަންޓާ ހަވާލުވެހުރިއިރު، އެ ޓީމަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ.
މީގެ ކުރިން ކްލަބް ވެލެންސިއާ އަށް ވެސް ކޯޗުކޮށްދިން މޯހަން ވަނީ ކްލަބް އީގަލްސް ގޮވައިގެން ލީގަށް ވާދަކޮށް އެ ޓީމަށް ފުރަތަމަ ފަހަރަށް ލީގުގެ ދެ ވަނަ ހޯދައިދީ އޭއެފްސީ ކަޕަށް ކޮލިފައި ކޮށްދީފަ އެވެ. އީގަލްސް ދޫކޮށް މާޒިޔާއާ ހަވާލުވުމާ ދެމެދު މޯހަން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކޯޗުކޮށްދީފަ އެވެ. ސަސް އިން މޯހަންއާ އެކު ހެދި ތިން އަހަރުގެ ކޮންޓްރެކްޓް އުވާލުމުން އޭނާ މާޒިޔާއާ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށިއިރު، މޯހަން ހުރީ މާޒިޔާގެ ކޯޗަކަށެވެ. މާޒިޔާ ގޮވައިގެން ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މޮޅުވި ނަމަވެސް މޯހަން އަށް އެ ޓީމާ އެކު މައްސަލަ ދިމާވީ ޕްރެޒިޑެންޓްސް ކަޕްގެ ފަހު ކޮޅުގަ އެވެ. މޯހަންގެ ކޯޗުކަމުގައި ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ފަސް މެޗުން މާޒިޔާ މޮޅުވި ނަަމަވެސް ފައިނަލް މެޗު ހިމެނޭ ގޮތަށް ދެން ކުޅުނު ތިން މެޗުން ބަލިވެ، މާޒިޔާ އިން މޯހަންގެ ކޮންޓްރެކްޓް އުވާލީ އެވެ. އެއީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.
ދިވެހި ޕްރިމިއާ ލީގުގެ 2023/24 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގެ އޯޕަން ރައުންޑްގެ މެޗުތައް މިހާރު ކުރިއަށްދާއިރު، މި ވަގުތު ބާއްވަނީ ލ ގަމުގެ މެޗުތަކެވެ. އޯޕަން ރައުންޑަކީ އެއް ރަށަކުން އެއް ޓީމަކަށް ވުރެ ގިނަ ޓީމެއް ބައިވެރިވެއްޖެނަމަ ރަށް ތަމްސީލްކުރުމުގެ ފުރުސަތު ދޭން ޓީމެއް ކަނޑައަޅަން ކުޅޭ ރައުންޑެކެވެ. އޯޕަން ރައުންޑްގެ މެޗުތައް ކުޅެން ޖެހޭ ރަށްތަކުގައި އެކަން ނިންމާފައި ޒޯން ލީގުތަކުގެ މެޗުތައް ފަށާނީ ރޯދަ އަށް ފަހު އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލެވިގެން 2023/24 ވަނަ އަހަރު ބާއްވާ ދިވެހި ލީގަށް ތައްޔާރުވުމުގެ މަސައްކަތް ރަށްރަށުގެ ޓީމުތަކުން ފޯރީގައި ކުރިއަށްގެންދާއިރު، ބ. އޭދަފުށީގެ ކްލަބް އޭދަފުށި ޓީމުން ވަނީ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މުހިންމު މަސައްކަތްތަކެއްކޮށް، ކާމިޔާބު ހޯދާފައިވާ ކޯޗު މުހައްމަދު އާތިފް (އާތީ) ގެންގޮސްފަ އެވެ.
Comment