Advertisement

ރެއާލް މެޗުގައި ރެފްރީންނާ ކުރިމަތިލާން ދިޔަ ޕީއެސްޖީގެ ރައީސް ހެއްލާފީގެ މައްސަލަ ބަލަނީ

11 މާރިޗު 2022 - 13:59 0


ރެއާލް މެޗުގައި ރެފްރީންނާ ކުރިމަތިލާން ދިޔަ ޕީއެސްޖީގެ ރައީސް ހެއްލާފީގެ މައްސަލަ ބަލަނީ

11 މާރިޗު 2022 - 13:59 0

ޒިއުރިކް، ސްވިޒަލެންޑް (މާޗު 11) - ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ރެއާލް މެޑްރިޑް އަތުން ރަށުން ބޭރުގައި 3-1 އިން ބަލިވެ، ޕީއެސްޖީ މުބާރާތުން ކެޓުމާ އެކު، ރެފްރީންގެ ބައެއް ނިންމުންތަކާ ރުޅިގަވެ، އެ ކްލަބުގެ ރައީސް ނާސިރު އަލް-ހެއްލާފީ ރެފްރީންގެ ކޮޓަރި އަށް ވަންނަން މަސައްކަތްކޮށްފައިވާތީ އެ މައްސަލަ ބަލަން ޔުއެފާ އިން ނިންމައިފި އެވެ.

ރެފްރީންގެ ކޮޓަރި އަށް ވަންނަން ހެއްލާފީގެ އިތުރުން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ޔުއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމީޓީން ބަލާނީ ލިއޮނާޑޯ އާއި ހެއްލާފީގެ މައްސަަލަ ވަކިވަކިންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ޖެހި ލަނޑާ އެކު، 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ޕީއެސްޖީ ކުރި ހޯދާފައިވާ ވަނިކޮށް، ރެއާލް އިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ދެ ވަނަ ހާފުގައި ކަރީމް ބެންޒެމާ ހެދި ހެޓްރިކުންނެވެ. މެޗަށް ފަހު، ޕީއެސްޖީގެ ރައީސް ހެއްލާފީ ވަނީ ރެފްރީންނާ މެދު ހިތްހަމަނުޖެހި، ރެފްރީންގެ ކޮޓަރި އަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ އިސް ރޯލެއް ފުރުއްވަމުން އަންނަ ހެއްލާފީ އަށް ހުރަސްއެޅުމުން، އޭނާ އެސިސްޓަންޓް ރެފްރީ ބޭނުންކުރާ ތަކެތީގައި އަތުން ޖަހައި، ގެއްލުން ދީފައިވާ ކަމަށް ރެފްރީންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހެއްލާފީ ރުޅިގަދަވީ މެޗުގައި ރެއާލް އިން ފުރަތަަމަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރިއިރު، ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮނަރޫމާ އަށް ބެންޒެމާ އަށް ފައުލްކުރި ކަމަށް ބުނެ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގަައި ހެއްލާފީ ރެފްރީންގެ ކޮޓަރި އަށް ވަންނަ މަސައްކަތްކުރި މަންޒަރު ރެއާލްގެ އޮފިޝަލެއް ވަނީ ފޯނުން ރެކޯޑްކޮށްފަ އެވެ.

އެ މެޗުގެ ރެފްރީ އަކަށް ހުރި ނެދަލެންޑްސްގެ ޑެނީ މެކޭލީގެ ރިޕޯޓްގައިވަނީ ވަރަށް ތަފްސީލްކޮށް ހިނގާދިޔަ ކަންތައްތައް ހިމަނައިފަ އެވެ. އެ ކަންކަމަށް ބަލައި، ޔުއެފާ އިން ނިންމީ ހެއްލާފީ އާއި ލިއޮނާޑޯގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ގެންދާށެވެ.

ޕީއެސްޖީ އަތުން ފަހު ވަގުތު ރެއާލް މޮޅުވި ގޮތުން ޕީއެސްޖީގެ ކުޅުންތެރިންގެ މެދުގައި ވެސް ދެބަސްވުންތަކެއް ހިނގާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ގޮތުން ޕީއެސްޖީގެ ކީޕަރު ޑޮންނަރުންމާ އާއި ނޭމާގެ ދެމެދުގައި ހޫނު ޒުވާބެއް ހިނގި ކަމަށް ސްޕެއިނާއި ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރުމާ އެކު ބްރެޒިލްގެ ނޫސްވެރިއެއް މެދުވެރިކޮށް ނޭމާ ވަނީ އެ ވާހަަކަތައް ދޮގުކޮށްފަ އެވެ.