10 މާރިޗު 2022 - 11:49 0
ޑރ. ސަލްމާން ނިޡާމް
މިއަދަކީ ދުނިޔޭގެ ކިޑްނީ ދުވަސް -- ފޮޓޯ: ފައިލް
10 މާރިޗު 2022 - 11:49 0
ކޮންމެ މާރޗް މަހެއްގެ 2 ވަނަ ބުރާސްފަތި ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކިޑްނީ ދުވަހެވެ. ދުނިޔޭގެ ކިޑްނީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ކިޑްނީގެ ދުޅަހެޔޮކަން އެންމެނަށް" އެވެ. ކިޑްނީއަކީ ހަށިގަނޑުގައި ކިހާ މުހިންމު ދައުރެއް އަދާކުރާ ގުނަވަނެއް ކަމުގެ އިހުސާސް މި ކުރެވެނީ ތިމާއަށް ނުވަތަ ތިމާގެ ގާތް މީހަކަށް ކިޑްނީގެ ބައްޔެއް ކުރިމަތިވުމުންނެވެ. އެ ބަލީގެ މީހުން ތަހައްމަލު ކުރަމުން ގެންދާ ވޭނާއި، އުފުލަންޖެހޭ ތަކުލީފުތަކުން ބުނެދީ ހަނދާންކޮށްދޭ ކަމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަމެވެ.
ދިވެހިރާއްޖޭގައި ވެސް ގައިންގަޔަށް އަރާ ބަލިތަކާ ހިލާފަށް ގައިންގަޔަށް ނާރާ ބަލިތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ލޭގެ ޕްރެޝަރު މަތިވުން، ހަކުރުބަލި، ހިތާއި ލޭހޮޅިތަކުގެ ބަލިތައް، ސްޓޯކް ފަދަ ބަލިތައްދަނީ ސިއްހީ ދާއިރާ ކުރިއަރާ މިންވަރާ އެއްވަރަށް އިތުރުވަމުން ކަމުގައި ދެންނެވިޔަސް ދޮގަކަށް ނުވާނެ އެވެ. ކިޑްނީގެ ބައްޔަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ބައްޔެކެވެ.
ކުރިއަރާފައިވާ ގައުމުތަކުގެ ދިރާސާތަކުން ދައްކާގޮތުގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ 5 ނުވަތަ 7 އިންސައްތަ ބަލިމީހުންގެ ކިޑްނީއަށް ލޮޅުން އަރައި، ނުވަތަ ކިޑްނީއަށް ހާނިއްކަވެގެން، ހާލަތު ދަށްވެ އެވެ. ހަމައެހެންމެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެވޭ މީހުންގެ ތެރެއިން 30 އިންސައްތަ އަކީ ކިޑްނީއަށް ހާނިއްކަވެގެން ހާލަތު އިތުރަށް ގޯސްވެ ނާޒުކު ހާލަތަށް ހުށަހެޅޭ މީހުންނެވެ. އަދި އައިސީޔޫގައި ފަރުވާދޭ މީހުންގެ ކިޑްނީއަށް ހާނިއްކަވެގެން އޭގެ ސަބަބުން ބަލީގެ ހާލަތު ބޮޑުވެ ދުނިޔެ ދޫކުރާ މީހުންގެ ނިސްބަތް 50 އިންސައްތައާ ގާތްކުރާކަމަށް ދިރާސާތަކުން ދައްކަ އެވެ. ހަމައެހެންމެ މި ހާލަތުން ރަނގަޅުވާ މީހުންގެ ހަޔާތުގައި އެމީހުންނަށް ކިޑްނީ ބަލި ޖެހުމުގެ ފުރުސަތު އެހެން މީހުންނަށްވުރެ ބޮޑުކަން ފާހަގަވެ އެވެ.
ކުރިއަރަމުންދާ ގައުމުތަކަށް ބަލާއިރު، ކިޑްނީ ބައްޔަކީ އެގައުމުތަކުގެ ސިއްހީދާއިރާއަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއްކުރުވާ ބައްޔެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގައި ބޮޑެތި މީހުންގެ އާބާދީގެ %6 އިންސައްތަ މީހުންނަކީ ކިޑްނީ ބަލީގެ ސްޓޭޖް 1 ނުވަތަ 2 ތަހައްމަލުކުރާ މީހުންނެވެ. އަދި އާބާދީގެ ގާތްގަނޑަކަށް %4.5 އިންސައްތަ މީހުންނަކީ ކިޑްނީ ބަލީގެ ސްޓޭޖް 3 ނުވަތަ 4 ގައި އުޅޭ މީހުންނެވެ.
ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތަކާއި އިތުރުވާ ފެންފަދަ މާއްދާތައް ކުޑަކަމުދިއުމުގެ ޒަރީއާއިން ހަށިގަނޑުން ބޭރުކޮށް ހެދުމުގެ މަސައްކަތްކުރަނީ ކިޑްނީއިންނެވެ. ކިޑްނީއަކީ ހަށިގަނޑުގެ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ހަށިގަނޑުގެ ރަތްލޭ އުފެއްދުމަށް އެހީތެރިވެދީ، މިނެރަލްސްއާއި ކެމިކަލްތައް އެއްވަރެއްގައި ހިފަހައްޓައި އަދި ކަށީގެ ދުޅަހެޔޮކަމަށްވެސް އެހީތެރިވެދޭ ގުނަވަނެކެވެ. ކިޑްނީން ކުރަމުންދާ މިމައްސައްކަތްތަކަށް ލޮޅުން އަރައި އެމަސައްކަތްކުރަން ނުކުޅެދިއްޖެ ނަމަ އެ ހާލަތަށް ކިޑްނީ ބައްޔޭ ކިޔެ އެވެ. އެކަމަކީ ބައެއްފަހަރު ދުވަސްކޮޅަކަށް މެދުވެރިވާ ހާލަތަކަށްވާއިރު، ބައެއްފަހަރު ކިޑްނީގެ ދާއިމީ ބައްޔަކަށް ވެސް ވެދެ އެވެ.
ބައެއްފަހަރު ދިމާވާ ހާދިސާއެއް ނުވަތަ ބައްޔެއްގެ ސަބަބުން ކިޑްނީއަށް ހާނިއްކަވެ ދުވަސްކޮޅަކަށް ކިޑްނީގެ މަސައްކަތް އޭގެ އެންމެ ފުރިހަމަގޮތުގައި ނުކުރެވޭ ފަހަރު އާދެ އެވެ. ހޮޑުލެވި ބޭރަށް ހިންގައި، ހަށިގަނޑުން ގިނަ އަދަދަކަށް ފެންބޭރުވެގެން ނުވަތަ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފައިބައި ކިޑްނީއަށް ދާންޖެހޭ ލޭ ނުލިބި ނުވަތަ ޕްރެޝަރ ދަށްވެގެން ވެސް ކިޑްނީގެ މައްސަލަ ޖެހެ އެވެ. ހަމައެހެންމެ ތަފާތު އިންފެކްޝަންތަކުންނާއި ކުޑަކަމުދާ ނިޒާމުގެ އިންފްލޭޝަންތަކާއި ކިޑްނީގައި ޖަރާސީމު އަށަގަތުމާގުޅިގެން ވެސް ދުވަސްކޮޅަކަށް ކިޑްނީގެ މަސައްކަތް މަޑުޖެހެ އެވެ. މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގައި ހިލަ އުފެދިގެންނާއި ދުޅަވެގެން ކުޑަކަމު ނުދެވިގެން ވެސް ކިޑްނީގެ މައްސަލަޖެހި ދުވަސްކޮޅަކަށް ކިޑްނީގެ މަސައްކަތް ހުއްޓޭގޮތްވެ އެވެ. ކަންކަން ހައްލުކުރެވި ވަގުތުން ފަރުވާކުރެވިއްޖެނަމަ ގިނަ ފަހަރު ކިޑްނީ އިހު ހުރި ގޮތަށް މަސައްކަތް ކުރަން ފަށައެވެ.
ކިޑްނީގެ ދާއިމީ ބައްޔޭ ބުނެވެނީ ކިޑްނީ އޭގެ މަސައްކަތް އޭގެ އެންމެ ފުރިހަމަގޮތުގައި ނުކުރެވި 3 މަސްދުވަހަށްވުރެ ގިނަ ދުވަސް ވެގެންދިއުމުންނެވެ. ކިޑްނީގެ ދާއިމީ ބަލި ދެނެގަތުމަށްޓަކައި ރެޔާއި ދުވާލު ކުޑަކަމުދެވޭވަރު ބެލުމާއި ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ނުވަތަ އަލްބިއުމިން ހުންނަވަރު ބެލުމާއި ލޭގައި ކްރިއަޓިނިން ހުންނަ ވަރު ބެލުމަށް ޓެސްޓްތައް ހެދެ އެވެ. އަދި ކިޑްނީ ބަލި ދެނެގަތުމަށްޓަކައި ކިޑްނީއާއި ކިޑްނީއާ ގުޅިފައިވާ ގުނަވަންތަކުގެ ސްކޭންވެސް ހަދައެވެ. މިތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތަށް ބަލައިގެން ކިޑްނީ ބަލި، ސްޓޭޖްކުރެވެ އެވެ. ހަމައެހެންމެ ބައެއްފަހަރު ޖެހޭ ބައެއް ބަލިތަކުގެ ގޮތުން ކިޑްނީ ބަލި ދެނެގަތުމަށް ނުވަތަ ކިޑްނީ ބަލީގެ ސްޓޭޖް ދެނެގަނެ އަދި ފަރުވާކުރުމަށް ބައޮޕްސީވެސް ހަދަންޖެހެ އެވެ. އަދި ކިޑްނީ ބަލި ދެނެގަތުމަށްޓަކައި ކިޑްނީއާއި ކިޑްނީއާ ގުޅިފައިވާ ގުނަވަންތަކުގެ ސްކޭންވެސް ހަދައެވެ.
ކިޑްނީ ބަލީގެ މީހަކަށް އޭގެ ސަބަބުން އެއްވެސް ތުރާލެއް ނުވެ އަދި އަލާމާތެއް ވެސް ނުފެނި ހުރެދާނެ އެވެ. އަމުދުން ބަލީގެ ކުރީކޮޅު އެއްވެސް ކަމެއް ފާހަގަ ނުވެދާނެ އެވެ. ބައެއްފަހަރު އެހެން ބައްޔަކަށް ފަރުވާކުރުމުގެ ތެރޭގައި ނުވަތަ ރޫޓިން ޗެކަޕެއް ހަދަނިކޮށްވެސް ކިޑްނީގެ މައްސަލައެއް ހުރިކަން ފެނިދާނެ އެވެ. ބައެއް އަލާމާތްތަކަކީ ކިޑްނީ ބަލީގެ ވަކި ސްޓޭޖަކާ ގުޅިގެން ފެންނަ ކަންކަންކަމަށްވާތީ ސްޓޭޖް މައްޗަށް ދާވަރަކުން އިތުރު އަލާމާތްތައް ފެންނަން ފަށަ އެވެ. އެގޮތުން؛ ފައިތިލަ، ތަނބިކަށި، ނުވަތަ ފައި ދުޅަވުން، ލޭގެ ޕްރެޝަރު މަތިވުން، ލޭ މަދުވުން، ވަރުދެރަވެ މޭނުބައިވުން، ކަށީގެ މައްސަލަ ޖެހުން އަދި ބައެއް ފަހަރު ހާލަތު ގޯސްވެ ނޭވާލުން އުނދަގޫވެ ނޭވާ ކުރުވުން ފަދަ ކަންކަން ދިމާވެ އެވެ.
ކިޑްނީގެ ދާއިމީ ބަލިޖެހެން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ. އެގޮތުން ހަކުރު ބަލި، ގްލެމެރިއުލޯ ނެފްރައިޓިސް، ލޭގެ ޕްރެޝަރު މަތިވުން، އާއިލާގައި ކިޑްނީ ބަލިހުރުން، ފަލަވުން، އުމުރުން ދުވަސްވުން ފަދަ ކަންކަން ހިމެނެ އެވެ. ތަދުކަނޑުވަން ބޭނުންކުރާ ބޭސް މާގިނައިން ބޭނުންކުރުމަކީވެސް ކިޑްނީގެ ދާއިމީ ބަލިޖެހެން މެދުވެރިވާ ސަބަބެކެވެ. ބައެއް ފަހަރު ގައިގެ އެކި ގުނަވަންތަކުގައި ރިއްސައިގެން ޑޮކްޓަރަށް ނުދައްކައި ތަދުކަނޑުވާ ބޭސްކެއުމަކީ އާންމުކަމަކަށް ހެދުމުގެ ސަބަބުން ކިޑްނީގެ މަސައްކަތް ދުވަސްކޮޅަކަށް މަޑުޖެހެ އެވެ. އަދި މިކަން ތަކުރާރުވެ ދާއިމީ ބައްޔަށް ބަދަލުވެ ކިޑްނީ ހަލާކުވެގެން ދެއެވެ.
ކިޑްނީ މަސައްކަތްނުކޮށް ހަށިގަނޑުގައި ވިހަ މާއްދާތަކާއި ކުނިބުނި/ފެންފަދަ އިތުރުވާ މާއްދާތައް އިތުރުވާނަމަ އޭގެ ސަބަބުން ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ އެވެ. ހަގީގަތުގައި ކިޑްނީގެ މަސައްކަތް ނުކޮށް އެއިން ކުރާ ނުރަނގަޅު އަސަރު (ކޮމްޕްލިކޭޝަންސް)ތަކުގެ ސަބަބުން ނުކުންނަ ނަތީޖާ ވަރަށް ދެރަ އެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް އޭގެ އަސަރުކުރެ އެވެ. މިކޮމްޕްލިކޭޝަނސްތަކުން ސަލާމަތްކުރުމަށްޓަކައި ތަފާތު ބޭސްތައް ކޮންމެ ދުވަހަކު ކާންޖެހެ އެވެ. އޭގެ އިތުރުން؛
ކިޑްނީ ބަލިޖެހުމަށް މަގުފަހިވާ ކަންކަމުން ދުރުވެގަތުމަށް ދުރާލައި ކުރެވިދާނެ ބައެއް ކަންކަމަކީ ކޮބައިކަން ދެނެގަތުން މުހިންމެވެ. ލޭގެ ޕްރެޝަރ މަތި މީހެއްނަމަ ޕްރެޝަރގެ ބޭސް ޑޮކްޓަރުގެ އިރުޝާދާއެކު ބޭނުންކޮށް ޕްރެޝަރ ކޮންޓްރޯލްކުރެވިދާނެ އެވެ. ފުރާވަރުން ފެށިގެން އަހަރަކު އެއްފަހަރު ނަމަވެސް ލޭގެ ޕްރެޝަރު ޗެކްކޮށްލުމަކީ ބޭނުންތެރިކަމެކެވެ. ހަކުރު ބަލި ހުންނަ ނަމަ ގަވާއިދުން ބޭސް ބޭނުންކުރުމާއެކު ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ގަވާއިދުން ޓެސްޓްތައް ހަދަމުން ގެންދަންވާނެ އެވެ. ކޮންމެ މީހަކުވެސް އެމީހެއް އިސްކޮޅާ އެއްވަރަށް ބަރުދަން ހިފެހެއްޓުމަށް ސަމާލުކަންދޭންވާނެ އެވެ. ގަވާއިދުން ކަސްރަތުކުރުމާއި ދުންފަތާ ދުރުވުމަކީ އެހާމެ މުހިންމު ކަމެކެވެ. ތަދުކަނޑުވާ ބޭސް ބޭނުންކުރަންޖެހިއްޖެ އެކަމަށް ހާލަތެއްގައި ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ. އެފަދަ ބޭސްތައް ބޭނުންކުރުން އާންމުކަމަކަށް ނަހަދާށެވެ.
މީގެ އިތުރުން ރަނގަޅު ކާނާ ކެއުމާއި ރަނގަޅަށް ފެންބުއިމާއި ގައިން ފެން މަދުވިޔަ ނުދިނުމަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމެވެ. ކިޑްނީ ބަލި ހުރި މީހެއްނަމަ ދިޔާތަކެތި ބޭނުންކުރަންވާނީ ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މިންވަރަށެވެ. އެހެންނޫންނަމަ ކިޑްނީ ބަލީގައި އިތުރު އުނދަގޫތަކާ ކުރިމަތިވެގެންދާނެ އެވެ.
މިއީ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ސަލްމާން ނިޡާމް ލިޔުއްވާފައިވާ ލިޔުމެކެވެ. ޑރ. ސަލްމާން އިންޓާނަލް މެޑިސިންގެ ދާއިރާއިން އެމްޑީ ހާސިލު ކުރައްވާފައި ވަނީ ނޭޕާލްގެ ޓްރިބްވާން ޔުނިވަރސިޓީއިންނެވެ. މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީއިން އެމްބީބީސީއެޗް ފުރިހަމަކުރެއްވުމަށްފަހު، 2012 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ޑރ. ސަލްމާން ގެންދަވަނީ ހިދުމަތް ކުރައްވަމުންނެވެ. އޭނާ މިވަގުތު މަސައްކަތްކުރައްވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގައި ހިދުމަތްކުރައްވަން ފެއްޓެވުމުގެ ކުރިން، އައިޖީއެމްއެޗްގައި ވެސް މަސައްކަތްކުރައްވާފައިވެ އެވެ.
Comment