Advertisement

އޮޅުވާލައިގެން ކޯޓާ ހޯދި މައްސަލަ ފުލުހުންނަށް ހުށަހެޅީ އަޅުގަނޑުމެން: ފައްޔާޒް

9 މާރިޗު 2022 - 21:58 5

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އިކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް "އަދަދު" އަށް އިންޓަވިއުއެއް ދެއްވަނީ. އޭނާ މިރޭ ވިދާޅުވީ އޮޅުވާލައިގެން ކޯޓާ ހޯދި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީން ކަމަށް.


އޮޅުވާލައިގެން ކޯޓާ ހޯދި މައްސަލަ ފުލުހުންނަށް ހުށަހެޅީ އަޅުގަނޑުމެން: ފައްޔާޒް

9 މާރިޗު 2022 - 21:58 5

ރިސޯޓެއްގައި ހިންގާ ޕްރޮޖެކްޓަކަށް ކަމަށް ބުނެ އޮޅުވާލައިގެން ކޯޓާ ހޯދި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިމިގްރޭޝަނުން ނޫން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

ރިސޯޓެއްގައި މަސައްކަތެއް ކުރާ ކަމަށް ބުނެ ފޭކް އެއްބަސްވުމެއް ހުށަހަޅައިގެން 900 ވަރަކަށް މީހުންނަށް ކޯޓާ ހޯދި މައްސަލައަކީ އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި ތިބި ބަޔަކު ރާވައިގެން ހިންގި ކޮރަޕްޝަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ތުހުމަތުކުރެއްވި އެވެ.

އެ ތުހުމަތާ ގުޅިގެން ފައްޔާޒް މިރޭ "އަދަދު" އަށް ވިދާޅުވި ގޮތުގައި ކޯޓާ ދޫކުރުމުގެ އުސޫލު އޭރު އޮތް ގޮތުން މަސައްކަތެއްގެ ކުރާކަން ސާބިތުކޮށްދޭން ހުށަހަޅަން ޖެހެނީ އެ މަސައްކަތުގެ އެއްބަސްވުމެވެ. އެހެން ނަމަވެސް, އެގޮތަށް ހުށަހަޅާ އެއްބަސްވުންތަކުގެ ސައްހަކަން އޭރު ކަށަވަރު ނުކުރެވޭ ކަމަށާއި އެއީ އެހާ ވަރަށް ވަސީލަތްތައް ނުހުންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން އެހެން ވެފައި އޮއްވައި އެއާޕޯޓްގައި އުޅޭ ކުއްޖަކު، އޭނާގެ އަންހެނުން އުޅެނީ އެމްއީޑީ [މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީ] ގައި. އެކުއްޖާ އައިސް ބުނީ ސޮނެވާފުށީ މީހުން ބުންޏޭ ތިމަންނަމެންގެ ޕްރޮޖެކްޓެއް ނެތޭ،" އޮޅުވާލައިގެން ކޯޓާ ހޯދިކަން ފަޅާ އެރި ގޮތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު 900 މީހުންގެ ކޯޓާގެ ތެރެއިން 200 ބިދޭސީން ތިބީ ރާއްޖެއަށް އައިސް ކަމަށާއި އެެހެން މީހުން އައުން ހުއްޓުވަން އެއާޕޯޓްގައި އިމިގްރޭޝަން ސިސްޓަމް ޑައުން ވެސް ކޮށްލި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އޭރުގައި އެޕްރޫވްކޮށްފައިވާ ކޯޓާތައް ސިސްޓަމުން ވަކިން ރިމޫވްކުރުމަށެވެ.

"އެކަން އެނގިގެން [ހުއްޓުވާކަން އެނގިގެެން] މިމީހުން ހަދަން ފެށި ގޮތަކީ، ޑިޕޮސިޓް ޕޭކުރަން ފެށީ އެއް ފަހަރާ އެކި ދިމަދިމާލުން. ދެން ޑިޕޮސިޓް ޕޭކުރުމަށް ފަހު އަސްލުގައި ކެންސަލެއް ނުކުރެވޭނެ އޭރު އޮންނަ ގޮތުން ވެއްޖެއްޔާ. ދެން އޭރުން މީހާއަށް އާދެވޭނެ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮޅާލައިގެން އެޕްރޫވްކުރި ކޯޓާތައް ސިސްޓަމުން ރިމޫވްކުރުމަށް ޓަކައި އިމިގްރޭޝަން ސިސްޓަމް ޑައުންކޮށްލީ އޭރު ހުންނެވި ޓެލެކޮމް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ ގުޅުއްވައި އެ ވާހަކަ ވިދާޅުވެގެންނެވެ.

"ދެން އެއީ ތެދެއް. އެކަން ހިނގާފައި އޮތީ. އަޅުގނޑުމެންނަށް އެނގުނީމާ އޭގައި ފިޔަވަޅު އެޅީ. އެ ހިސާބުން އެ މައްސަލަ ޕޮލިސްއަށް ފޮނުވާފައި ވާނީ. އަޅުގަނޑުމެން ފޮނުވީ. އިމިގްރޭޝަނަކުން ނޫން ފޮނުވީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އެކަން އެހެން ހިނގުމުން ކޯޓާ ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އެއް ބަދަލަކީ މަސައްކަތުގެ އެއްބަސްވުން ހިމަނަން ނުޖެހޭ ގޮތަށް ހަދައި، ފޯމެއްގެ ޒަރިއްޔާއިން މައުލޫމާތު އެއްކުރާ ގޮތަށް ހެދުމެވެ. އަދި އެ ފޯމުގައިވާ މައުލޫމާތުގެ ތެދުކަން ކޯޓު މެދުވެރިކޮށް ކަށަަވަރުކޮށްގެން ގެންނަން ޖެހޭ ގޮތަށް ވެސް އޭރު ބަދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ފަހުން ވަނީ ބާ ކައުންސިލުން ގަބޫލުކުރާ ޕަބްލިކް ނޮޓަރީއަކު މެދުވެރިކޮށް ވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވާ އެ މައްސަލައިގެ ވާހަކަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ފައްޔާޒް ސިފަކުރެއްވި ގޮތުގައި އެއީ އިންތިހާބާ ދިމާކޮށް ދެއްކެވި ސިޔާސީ ވާހަކައެކެވެ.

"ކެމްޕޭނަކާ ދިމާކޮށްފައި، އަޅުގަނޑަށް ޖަވާބު ނުދެވޭ ތަނެއްގައި ތިއްބަވައިގެން އެކަހަލަ ވާހަކަ ދެއްކެވުމަކީ ދެން ވަރަށް ދެވަރުކަމެއް. އެއީ އާ ވާހަކައެއް ވެސް ނޫން އިނގޭތޯ. އޭރު ވެސް ނޫސްތަކުގައި އެ ވާހަކަ ޖަހާފައި އޮންނާނީ،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބު ލަސްކުރުމާ ބެހޭ ގޮތުން އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމެއްގައި ބޮޑު ޒުވާބެއް ހިނގާފައި ވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތި އާއި އޭނާއަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި އިންތި ތުހުމަތުކުރެއްވީ ހިޔާނާތުގެ ބައެއް ބޮޑެތި މައްސަލަތައް ސަރުކާރުން ނުބަލަން އުޅޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުން ވެންޓިލޭޓަރުތަކެއް ގަންނަން ބޭރުގެ ކުންފުންޏަކަށް ފައިސާ ދިނުމަށް ފަހު ވެންޓިލޭޓަރުތައް ނުލިބުނު މައްސަލަ އެވެ.

"އިކޮނޮމިކް މިނިސްޓްރީއަށް، ހަދަމުން ދިޔަ ރިސޯޓެއް ކަމަށް ބުނެ 1،000 އަށް ވުރެ ގިނަ ކޯޓާ ހޯދުމަށް ހުށަހެޅި. އޭގެ ތެރެއިން ނުވަސަތޭކައެއްހާ ކޯޓާ އެޕްރޫވްކޮށްފައި، ދުއިސައްތައެއްހާ މީހުން ވަގަށް އެތެރެވެފައިވޭ. މިހާރު ތިން އަހަރު ގާތްގަނޑަކަށް މިއޮއް ދަނީ. އެ މައްސަލަ ބެލުމުގެ ޝައުގުވެރިކަމެއް ނެތް،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހިޔާނާތުގައި ބައިވެރިވި މީހުން މިނިސްޓްރީ ތެރޭގައި ތިބޭނެ ކަމަށެވެ. އެ މައްސަލަ އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަަޅާފައިވާ ކަމަށާއި އެހެން ނަމަވެސް, އެ ތަހުގީގު ކުރިއަށް ނުދާ ކަމަށެވެ. އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.