Advertisement

ތޮއްޑޫ ދަނޑުތަކުގައި ހުޅުޖަހާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

5 މާރިޗު 2022 - 13:33 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އއ. ތޮއްޑޫ. އެރަށުގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކުރާކަމަށް ތުހުމަތުވާ ދެމީހަކު މިއަދު ވަނީ ހައްޔަރުކޮށްފަ. ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް


ތޮއްޑޫ ދަނޑުތަކުގައި ހުޅުޖަހާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

5 މާރިޗު 2022 - 13:33 1

ދަނޑުވެރިކަމަށް ނަން މަޝްހޫރު އއ. ތޮއްޑޫގެ ކަރާ ދަނޑުތަކާއި ރަށުގެ އެހެން އެކި ސަރަހައްދުތަކުގައި ގަސްތުގައި އަލިފާން ރޯކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ހާދިސާގައި ދެ މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން އަދި ހާމަނުކުރިޔަސް, ތޮއްޑޫ ކައުންސިލްގެ ދެ މެމްބަރަކު ވަނީ އެކަން މި ނޫހަށް ކަށަވަރުކޮށްދީ، އެކަމާ ގުޅޭ ތަފްސީލު ހިއްސާކޮށްފަ އެވެ.

ކައުންސިލްގެ ނައިބު ރައީސް އާމިނަތު ފަޒްލާ ވިދާޅުވީ ހަތަރު ފަސް ފަހަރެއްގެ މަތިން ރަށުގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކޮށްފައިވާ ކަމަށެވެ. އަދި ރޯކުރާ ބަޔަކާއި އޭގެ ސަބަބު ނޭނގުނު ނަމަވެސް, އެއީ ކައުންސިލަށާއި ރަށަށް ގެއްލުންދީ އުނދަގޫ ކުރުމަށް ކުރާ ކަމެއް ކަމަށް ފަޒްލާ ވިދާޅުވި އެވެ.

"ހަތަރު ފަސް ފަހަރަކު މިހާރު އެގޮތަށް ރޯކޮށްފި މި އަހަރު ތެރޭ ވެސް. އެއީ ރޯދަޔަށް ދިމާކޮށް ކަރާ ދަނޑުތަކަށް އަމާޒުކޮށް ދަނޑުތަކުގަޔާއި އެ ދަނޑުތައް ކައިރިން އޮންނަ ހޭޅިފަށުގަ،" ފަޒްލާ ވިދާޅުވި އެވެ.

ފަޒްލާ ވިދާޅުވީ ވަސީލަތްތައް މަދުވުމުގެ ސަބަބުން ކޮންމެ ފަހަރަކު ވެސް ކައުންސިލާއި ފުލުހުން ގުޅިގެން އަލިފާން ނިއްވުމުގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ރަށު ފަތުރުވެރިކަން ކުރިއަރަމުން އަންނަ ތޮއްޑުއަށް ދަތުރުކުރާ ފަތުރުވެރިންނަށް ވެސް އެމީހުންގެ ސަބަބުން ނުރައްކާތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"އެއީ ވަރަށް ފަހުން ރަށުގެ ފަތުރުވެރިން އެންމެ ގިނައިން ދާ ވެސްޓު ބީޗާއި ދިމާލަށް ވެސް އަލިފާން ރޯކުރި،" ފަޒްލާ ވިދާޅުވި އެވެ.

ރަށުގެ ކައުންސިލް މެމްބަރު އަލީ އާދަމް ވިދާޅުވީ މިއަދު ހައްޔަރުކުރި ދެ މީހުންނަކީ ރަށަށް ނިސްބަތްވާ ދެ މީހެއް ކަމަށެވެ. އޭނާ ވިދާޅުވި އެ ދެ މީހުން ވެސް ހައްޔަރުކުރީ ސީސީޓީވީ ފުޓޭޖުން އެ ދެ މީހުން އަލިފާން ރޯކުރާތަނުގެ ވީޑިއޯ އާންމުވުމާއެކުގައި ކަމަށެވެ.

"ހަމަ ވަރަށް ރަނގަޅަށް ސީސީޓީވީއަށް އަރާފަ ހުރި އެ ދެ މީހުން. އެ ރޯކުރިތަނާއި ކައިރީގައި ހުރި ގެސްޓްހައުސްއެއްގެ ސީސީޓީވީއަށް އަރާފަ އިނީ. ސައިކަލްގަ އައިސް ލައިޓަރުން އަލިފާން ރޯކޮށްލާފަ، ހުޅު ރަނގަޅަށް ހިފީމަ އެމީހުން ނައްޓާލަނީ. ފުޓޭޖް އެބަހުރި،" އާދަމް ވިދާޅުވި އެވެ.