4 މާރިޗު 2022 - 15:26 0
ހުސެއިން އަރުބާން ފައްވާޒް
އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް އެޅުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު. -ފޮޓޯ: އިންޑިއާ ފޮރިން މިނިސްޓްރީ
4 މާރިޗު 2022 - 15:26 0
އުތުރުތިލަފަޅު އެއްބަސްވުމުގައި ހުރި ބައެއް މައުލޫމާތުތަކަކީ އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތުތަކެއް ނޫންކަމަށް ނިންމައި، އެ މައުލޫމާތުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނުން އެންގި މައްސަލަ ހައިކޯޓަށް ވައްދައިފި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދޭން ވެފައިވާ އެއްބަސްވުމާ ގުޅޭ މައުލޫމާތުތައް ހޯދަން ޑިފެންސަށް ހުށަހެޅީ "ދިޔަރެސް" ނޫހުގެެ ނޫސްވެރިޔާ އަހުމަދު އަޒާން އެވެ.
އެކަމަކު އެ މައުލޫމާތުތައް އާންމުކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ އެދިފައިވާ މައުލޫމާތުތައް ހިއްސާކުރަން އިންކާރުކޮށްފަ އެވެ.
އެއާއެކު އެ މައުލޫމާތު ހޯދަން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅުމުން މި މައްސަލައިގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ އެދިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތުތަކެއް ނެތް ކަމަށެވެ.
ނަމަވެސް, އެ ނިންމުމާއި މެދު ހިތްހަމަނުޖެހޭތީ މިދިޔަ އާދީއްތަ ދުވަހު ޑިފެންސް މިނިސްޓްރީއިން އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. އެ ކޯޓުގެ ވެބްސައިޓުން ދައްކާ ގޮތުގައި އަދި އެ މައްސަލަ ބަލައިގަތުމާއި މެދު ގޮތެއް ނުނިންމަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިދިޔަ އަހަރު ކަނޑައެޅުމާއި ގުޅިގެން އެފަދަ މައްސަލަތައް އެ ކޯޓުން ބެލުން ހުއްޓާލި އެވެ. އެކަމަކު އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބެގެންވާ ކަމަށް ނިންމާފަ އެވެ.
ޔޫޓީއެފް އެއްބަސްވުމުގެ ލޯނާ ގުޅޭ ތަފުސީލުތައް ޑިފެންސް މިނިސްޓްރީން ހިއްސާނުކުރީ އެއީ އެ ވުޒާރާއިން ސޮއިކުރި އެއްބަސްވުމަކަށް ނުވާތީ އެ ތަފުސީލުތައް ނެތް ކަމަށް ބުނެ އެވެ.
އެކަމަކު އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނާ ހިލާފަށް މިނިސްޓްރީން ކޮށްފައިވާ ކަމެއް އާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކަމާގުޅޭ އިދާރާއަކުން އެ މައުލޫމާތު ހޯދުމަކީ ގާނޫނުގައި ބުނާ ގޮތް ކަމަށެވެ.
މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ގާނޫނުގައި ބުނާ ގޮތަށް އަމަލުކޮށްފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރު ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން އެ ގާނޫނުގައި ބުނާ ގޮތަށް އަމަލުކުރަން ޑިފެންސަށް އަންގާފަ އެވެ. އަދި ލޯނާ ގުޅޭ މައުލޫމާތުތައް ފިނޭންސުން ހޯދައިގެން ހިއްސާކުރަން އެންގި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment