Advertisement

ފުރަތަމަ ލެގުން މޮޅުވެ ޔުވެންޓަސް ފައިނަލާ ދިމާލަށް

3 މާރިޗު 2022 - 07:41 0

ފިއޮރެންޓީނާ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން ވްލަހޯވިޗް (ކ) މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ


ފުރަތަމަ ލެގުން މޮޅުވެ ޔުވެންޓަސް ފައިނަލާ ދިމާލަށް

3 މާރިޗު 2022 - 07:41 0

ފްލޮރެންސް، އިޓަލީ (މާޗް 3) - އިޓާލިއަން ކަޕްގައި ރޭ ފިއޮރެންޓީނާ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި 1-0 އިން މޮޅުވެ، ޔުވެންޓަސް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މެޗު ފަށައިގެން ލީޑުނަގަން ފިއޮރެންޓީނާ އަށް ލިބުނު ރަނުގެ ފުރުސަތެއް ދިޔައީ ބޭނުންނުހިފި އެވެ. ޔުވެންޓަސްގެ ގޯލުގައި ހުރި ދެ ވަނަ ކީޕަރު މަޓިއާ ޕެރިން ޖައްސާލި ބޯޅައެއް ފިއޮރެންޓީނާގެ ޖިއަކޯމޯ ބުއަނަވެންޗޫރާ އަށް ލިބުމުން ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ ސީދާ ނުވެ އެވެ. އޭގެ ފަހުން ފިއޮރެންޓީނާގެ ޖޮނަތަން އިކޯނޭ ބޯޅަ ހިފައިގެން ވަދެ، ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. ދެ ވަނަ ހާފްގައި އޭރިއާތެރެއިން އިކޯނޭ ޖެހި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.

ޔުވެންޓަސް އިން މިދިޔަ ޖެނުއަރީ މަހު ފިއޮރެންޓީނާ އިން ގަތް ފޯވާޑް ޑޫސާން ވްލަހޯވިޗަށް ރޭ އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވި އެވެ.

ދެ ވަނަ ހާފުގައި ވްލަހޯވިޗަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ފިއޮރެންޓީނާގެ ކީޕަރު ޕިއެެެޓްރޯ ޓެރަޗިއާނޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވްލަހޯވިޗް ދިން ބޯޅައަކުން ހުއާން ކުއަޑްރާޑޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތި ދާގަނޑަށެވެ.

އިތުރު ވަގުުތުގެ ފުރަތަމަ މިނިޓްގައި ޔުވެންޓަސް އިން މޮޅުވި ގޯލު ޖެހިއިރު، މިއީ ފިއޮރެންޓީނާގެ ލޮރެންޒޯ ވެނޫޓީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކުއަޑްރާޑޯ ނެގި ހުރަހެއް ޑިފެންސްކުރަން އުޅުމުގެ ތެރޭގައި ވެނޫޓީ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.

މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި މޮޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ. ފިއޮރެންޓިނާގެ ކޯޗު ވިންޗެންޒޯ އިޓަލިއާނޯ ބުނީ 22 ވަރަކަށް ފުރުސަތު ތަނަަވަސްކޮށްފައި އިތުރު ވަގުތުގައި ބައިކޮޅަށް ގޯލެއް ވަދެގެން ބަލިވުމުން މިއީ ވަރަށް ބޭއިންސާފު ނަތީޖާއެއް ކަމަށެވެ.