Advertisement

ރޯދަމަހާއި ދިވެހި ބަދިގެ

12 އޭޕްރީލް 2022 - 14:19 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ރޯދަމަހާއި ދިވެހި ބަދިގެ

12 އޭޕްރީލް 2022 - 14:19 0

ދޮންކާފަ އުނދޯލި ހެއްލަން އިންދައި އަހާލައިފީމެވެ. ކާފަމެން ކުޑައިރު، ރޯދަމަހުގެ ސުފުރާގައި ހުންނަނީ ކޮންކޮން އެއްޗެއް ހެއްޔެވެ؟ ކުޑަކޮށް ވިސްނާލާފައި ބުނެތްޕެވެ.

"ހާރަށް ހުންނާނީ ބަތާއި ގަރުދިޔަ އެވެ. ނުވަތަ ކަނޑުލެވެ. ރޯދަވީއްލަން ހުންނާނީ ކޮންމެވެސް ބާވަތެއްގެ ބަތްޕެނެކެވެ. އާންމުކޮށް ކަށިކޭލު ބަތްޕެނާއި ކަނޑުލެވެ. ހަކުރާއި ކިރާއެކު ކެއުމަށެވެ." ކާފަ މީ ކުޅުދުއްފުށީ މީހެކެވެ.

ވާހަކައާ ބައިވެރިވެލަމުން އަރިއަތޮޅު އުކުޅަހު މީހެއްކަމަށްވާ އަހަރެންގެ ޅިޔަންބެ ހަނދާނަށް ގެނައީ އޭނާ ކުޑައިރު މާމަމެންގޭ ސުފުރާމަތިން ފެންނަ ސާމާނެވެ. ކިހާކު މައްސުންޏާއި، ކާށްޓާއ މަހެވެ. ކިރުހަކުރާއި ބަތްޕެނެވެ. ހިއްކި ބަނބުކޭލާއި ހުންޏާއި ކަށިކޭލު ބަތްޕެނެވެ. ޅިޔަންބެއަކީ ދުވަސްވީ މީހެއް ނޫނެވެ. އެހެންނަމަވެސް ޅިޔަންބެ މި ކިޔައިދިނީ ތުއްތު އިރު، ކުރީގެ އާދަކާދަތަކުގައި ހިފަހައްޓައިގެން ތިބި، އެގޭގެ އިސްރަށްވެހިންގެ ސުފުރާމަތިން ފެންނަ ތަކެއްޗެވެ.

ކާފަ ވާހަކައަށް އިތުރުކޮށްލި އެވެ. ދަތި، ހިތާމަވެރި ދުވަސްތަކެއްގެ ހަނދާނެވެ. ކުޑައިރު، ދަތިކޮށް އުޅުނު ދުވަސްވަރެއްގައި އެއްރޭ ކޭމަކަށް ރުކަކުން ކާއްޓެއް އަޅައިގެން އައިސް، މަންމަ އާއި މާމަ އާއި ތިން މައިން އެ ބަހައިގެން ކޭ ވާހަކަ އެވެ.

މިއީ އަދި އެންމެ ދެ މީހެއްގެ ވާހަކަ އެވެ. މިއަދު އަހަރެމެން ރޯދަމަހަށް ތައްޔާރުވަނީ މަސް ކޭސްތަކާއި، ކަދުރު ކޭސްތަކާއި، ގެރިކިރު ދަޅުކޭސްތައް ގުދަންތަކުގައި ބަރިޖަހާލައިގެންނެވެ. ރާއްޖޭގެ ބިމުން ލިބޭ ތަކެތީގެ ތެރެއިން މިރުހާއި ކަރައާއި އަނބު ފަދަ މަދު އެއްޗެއް ފިޔަވައި މައް ދިވެހި ބާވަތްތައް ރޯދަ ސުފުރާއަކުން ފެންނާނީ މަދު ފަހަރެއްގަ އެވެ. ފެން ގަރުދިޔަފޮދަކާއި ބަތްކޮޅަކުން ހާރުދަމަށް ފުއްދާލެވެނީ މަދު މީހަކަށެވެ. އަމުދުން ބަތްޕެންފޮދަކުން ރޯދަވީއްލުން މިއީ މިއަދު ގިނަ ބަޔަކަށް ބަލައިގަނެވޭނޭ ކަމެއް ކަމަކަށް ނުވާނެ އެވެ. އޭރުގެ އެ ސާދާ، ފުދުންތެރި ސުފުރާ މަތިން ކައިއުޅުނު އަހަރެމެންގެ ކާބަފައިން، މިއަދުގެ އިސްރާފުބޮޑު ރޯދަވީއްލުންތަކާއި ހާރުދަމަށް ހަޖޫޖަހާ ކަހަލަ އެވެ.

ކޮންމެއަކަސް ޒަމާނާއެކު ގެނައި ތަރައްގީގެ އަސަރު ދިވެހި ބަދިގެއަށްވެސް މި ވަނީ ފޯރާފަ އެވެ. ބިމުގައި ވަޅުލައިގެން މަތީ ނާށިއަޅައިގެން ބޯކިބާތަކާއި މާޑުތައް ފިހަން ގެންގުޅުނު "ދިވެހި އަވަން" ތަކުގެ ބަދަލުގައި މިއަދު ގެންގުޅެނީ ކަރަންޓު ސުވިޗަކުން ފިތާލައިގެން ބޭނުން މިނެއް އެ އަވަނަށް އަންގާލުމުން "ލައްބަ ސާހިބާ!" އޭ ބުނެ، އެ ބުނި މިންވަރަކަށް ބުނި އަރިއަކުން ހޫނުކޮށްދޭ ކަރަންޓު އަވަންތަކެވެ. ކުރީގައި ރޯދައަށް ދަރު ގުދަންތައް ފުރާލުމަށް ކުރާ މަސައްކަތުގެ ބަދަލުގައި މިއަދު ރޯދަމަހު ގުދަންތަކުގައި ބަރި ޖަހާލަނީ "އެމަޖެންސީ" ގޭސްފުޅި އާއި "ހޮޓް ޕްލޭޓް" ތަކުގެ އިތުރުން، ބިސްކޭހާއި ގެރިކިރު ކޭހާއި މަސް ކޭހުންނެވެ.

ސުފުރާ މަތިން ފެންނަ ދިވެހި އުފެއްދުންތައްވެސް ލައްކަ ތަފާތެވެ. ހާރުދަމަށް އަދިވެސް ގަރުދިޔަ އާއި ބަތް ކަމުދާ މީހުން އުޅެ އެވެ. އެހެންނަމަވެސް އެ މީހެއްގެ "ޑަޔަޓް" ގައި ހިމަނައި އުނިކުރާންޖެހޭ ބައިތަކަށް ވިސްނުމަށްފަހު، ހާރުދަމު ސުފުރާމައްޗަށް ހަމައެކަނި އެއަކުން ފުއްދާލެވޭކަށް ނޯވެ އެވެ. ކޮންމެވެސް ވައްތަރެއްގެ ފިހުނު މަހެއް، ބަތްޕެން، ކޮންމެވެސް މޭވާއެއްގެ ފަނި، ހުދު ބަތާއި ރަތް ބަތް، ފެނުކެއްކި ތަރުކާރީ، ގިނަ އާއިލާތަކަށް ލާޒިމުވެ އެވެ. އަދި މީގެ އިތުރުން، މި ހުރިހައި އެއްޗެއް ދޫކޮށްލައި، ހަމައެކަނި ތިން އޮށް ކަދުރާއި ކިރުތައްޓަކުން ފުއްދާލާ މީހުންވެސް މިއަދު މަދެއް ނޫނެވެ.

ރޯދަވީއްލުންވެސް ހާސްބައި ތަފާތެވެ. ކަރުތެންމާލަނީ ތިން އޮށް ކަދުރުން ނުވަތަ ފަނި ފޮދަކުންނެވެ. އިރުއޮއްސޭ ގަޑީގައި ލުއިގޮތެއް ހަދާލަނީ އެކި ފާޑުގެ ހެދިކާއިންނެވެ. އެއަށްފަހު ނަމާދުކޮށްގެން ދެން އޮންނަނީ ރޮއްޓާއި ރިހައާއި ބަތާއި މަސްހުނި ފަދަ ކޭންތަކަށް އިންސާފުކުރުމެވެ. ބުއިމަކަށް ކޮންމެވެސް ވައްތަރެއްގެ ފަންޏެއް ނުވަތަ ޖޫހެއް ހުރުން ލާޒިމެވެ.

ދުވަސްތައް މާޒީވަމުންގޮސް، އާދަކާދަތައް ބަދަލުވަމުންދާ ނަމަވެސް ބަދަލުނުވާ އެއް ކަމެއް އެބަވެ އެވެ. އޭރުވެސް އަދި މިހާރުވެސް ރޯދަ މަހު ބަދިގޭގެ އަދި ކިއެއްތަ ކާތަކެތި ގުދަންކުރާ ގުދަނުގެ ބަނޑޭރިންނަކީވެސް އެގެއެއްގެ އަންހެންވެރިންނެވެ. ފިރިހެންވެރިން ބައިވެރި ނުވެއެކޭ ނޫނެވެ. އެހެންނަމަވެސް ރޯދަމަހު ސުފުރާމަތި ބެލެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ އަދާކުރާނީ އަންހެންވެރިންނެވެ. ކޮންމެ ރެއަކު، ރެސްޓޯރަންޓު ފެންވަރަށް މަދުވެގެން ދެ ވައްތަރެއްގެ ހެދިކާ އާއި ރޮއްޓާއި ލައިގެންކާއެއްޗެއް ތައްޔާރުކުރުމަށް އަންހެންވެރިން މަސައްކަތްކުރަނީ އޮފީހުގެ ޒިންމާތަކާއި، ދަރިންގެ ކަންކަމާއި، ދޮވެ އިސްތިރިކުރުމާއި، ފޮޅާ ސާފުކުރުމުގެ ތާވަލަށް ބަދަލެއް ނުގެނެހެވެ. ސާބަސް ހައްގެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ރޯދަ ސުފުރާމަތިން ފަރަންޖީ ބާވަތްތައް ފެނުމަކީ އަހަރެމެންނަށް ލިބޭ ދެރައެކެވެ. އަހަރެން ދެކެނީ އެއީ އަހަރެމެންގެ ކެއިންބުއިމުގެ ސިންދަފާތު ދައްކުވައިދޭ ކަންތައްތަކެއް ކަމުގަ އެވެ. ވަޅޯމަސް ޕިއްޒާ އާއި ކަނޑުމަހު ޕާސްތާ، ކަށިކެޔޮ ކޭކާއި ކަނަމަދު ކޭކު އުފަންވީތީ ހިތާމަކުރާނޭ މީހުން ތިބޭނޭ ބާވަ އެވެ؟

ރޯދަމަހު ދިވެހި ބަދިގެއިން ފެންނަނީ އީޖާބީ، ގިނަ ކަންތައްތަކެކެވެ. އާއިލީ އެކުވެރި މަންޒަރުތަކެވެ. ދިވެހި ކެއްކުމާއި ތަފާތު ރަހަތައް ބަދަލުވެ ތަރައްގީވަމުންދާ މިންވަރެވެ. މިންތީގެ ހަމަހަމަކަމާ ދިމާއަށް މަޑުދުވެއްޔެއްގައި ކުރާ ދަތުރެވެ. ދިވެހިންގެ ބަދަލުވަމުންދާ ސަގާފަތެވެ.