Advertisement

ހަނަފަސް މިލަންދޫ، ތިޔާގިވެ، އާބާދުވުމުގެ ފަހަތުގައި އޮތް ވާހަކަ

27 ފެބުރުވަރީ 2022 - 09:25 0

ށ. މިލަންދޫ

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މިލަންދޫގެ މަންޒަރުތަކެއް: މިލަންދޫއަކީ ރިއަލް އެސްޓޭޓްގެ ވިޔަފާރި ފުޅާކޮށް އަދި ކަސްޓަމަރުންނަށް ވަރަށް ފަސޭހައިން ހިދުމަތް ލިބޭ ގޮތަށް ކުރާ ރަށެއް -- ފޮޓޯ: މުހައްމަދު ނަސީމް/އަދަދު


ހަނަފަސް މިލަންދޫ، ތިޔާގިވެ، އާބާދުވުމުގެ ފަހަތުގައި އޮތް ވާހަކަ

27 ފެބުރުވަރީ 2022 - 09:25 0

ށ. މިލަންދޫ

އަނގަމަތި މަސްދޯންޏެއްގައި ރ. އަތޮޅުން ފުރައިގެން ށ. މިލަންދުއަށް އަހަރެމެން ކުރީ ވަރަށް ހިތްގައިމު ދަތުރެކެވެ. އޭރު މިރަށަށް ކިޔަނީ "މާކޮމިލަންދޫ" އެވެ. ރަށަށް ފައިބައިގެން އެ ދިޔަގޮތަށް ގޮސް އެންމެން ވަނީ އެއްވެސް ފަރުނީޗަރެއް ނެތް ގެއަކަށެވެ. ކައްކާނެ އުނދުނަކާއި ތެލި ތަށިވެސް އަހަރެމެން ދިޔައީ ހިފައިގެންނެވެ.

ޖަމިއްޔާއެއްގެ ގާތްގަނޑަކަށް އެންމެން މާކޮމިލަންދޫއަށް ދިޔައީ ޖަމިއްޔާ ހިންގައިލާނެ ފައިސާފޮއްޗެއް ލިބޭ ވަރު ކަމެއް ހޯދަނިކޮށް ލިބުނު މަސައްކަތެއް ކުރުމަށެވެ. ރަށަށް އަރައި، ވަރުގަދައަށް ކައްކައިލަން އެއް ބަޔަކު އުޅުނު އިރު އަނެއް ބަޔަކު ރަށުތެރެ ބަލަން ވެސް ދިޔަ އެވެ. އަހަރެން ވީ އެބައިގަ އެވެ.

ނިމިފައި ހުރި އެތައް ގެއެއް ފެނުނަސް އެއިން ތަނެއްގައި މީހަކު އަދި ނެތެވެ. ވަށައިގެން ފެންނަން އޮތީ ފަޅުކަމެވެ. ދެން އޮތީ ގަސްރުއް ވަރަށް މަދު، ސަރާސަރު ހުސްބިންތަކެކެވެ. އެތަނުގައި ގިނައީ މިރިއްސާއި ހުޔެވެ. މިއީ 1999 ވަނަ އަހަރު މިލަންދުއަށް ކުރި ދަތުރެއްގެ ހަނދާނުގެ ތެރެއިން ފުސްނުވެ އޮތް ތަންކޮޅެކެވެ.

ބަޔަކާ އަނގަތަޅައިލެވޭހާ ވަގުތުކޮޅެއް އޮވެގެން މިލަންދުއަށް އަލުން މި ނިމުނު ހުކުރު ދުވަހު ފޭބުނީ އޭގެ ގާތްގަނޑަކަށް 23 އަހަރު ފަހުންނެވެ.

މިހާރު މުޅި މަންޒަރު މި އޮތީ ބަދަލުވެފަ އެވެ. މިދަތުރުގައި އަހަރެން ނިދަން ހަމަޖެހުނު ގޭގައި ވެސް ބޮޑު ރަތްޖަނބުރޯލުގަހެއް އެބަހުއްޓެވެ. ރަށުގެ އެތަން މިތަނުން ބޮޑެތި ބަނބުކެޔޮސްގަސްތައް ފެނެ އެވެ. އަނބުވެސް މަދެކޭ ނުބުނެވޭނެ އެވެ. ކުރުނބާ ބޯނެ ވަރަކަށް ބޯން ޖާފާނު ރުކެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ ގެތަކެކެވެ. މީރުކޮށް ކާން ލިބޭ ކެފޭތަކެކެވެ.

ދަތިއުނދަގުލުން ފަސޭހައަށް ހިޖުރަކުރި މީހަކަށްވާތީ ވެސް ތޯއްޗެކެވެ. މާކަނޑޫދޫން މިލަންދުއަށް ހިޖުރަކުރި މީހުންގެ ވާހަކައަށް އަހަރެންގެ ބޮޑު ޝައުގެއް އޮތެވެ. ކެފޭއެއްގެ ތެރެއިން ދިމާވި ކަމުވޮށިވެގެންވާ ދެތިން މީހަކު ދައްކަމުން ދިޔަ އޮލަ ވާހަކައެއްގެ މެދުތެރެއިން ވަދެ، ސުވާލުތަކެއް ކޮށްލާނެ ޖާގަ ހޯދީމެވެ. މާކަނޑޫދޫއިން މިލަންދުއަށް ކުރި ހިޖުރައިގެ މުޅި ތާރީހު އެވެރިން ނިއުޅައިލިއެވެ. އެ ހުރިހާ ކަމަކަށް ވުރެ ބޮޑު ޝައުގެއް އަހަރެންގެ އޮތީ އޮތީ އެމީހުންނަށް އައި ކުރިއެރުމުގެ ވާހަކަ އަށެވެ.

"މިއަށް ވުރެ ފަސޭހައިން ގެދޮރު އެޅޭނެ ރަށެއް ނޯންނާނެ ރާއްޖެއަކު،" އެކި ދާއިރާތަކުން އައި ކުރިއެރުމުގެ ވާހަކަ އެކި މީހުން ކިޔައިދިން ނަމަވެސް މިވާހަކަ ބުނީ އެންމެން އެއް އަޑަކުންނެވެ.

ވަރަށް ފަސޭހަ ރިއަލް އެސްޓޭޓް ވިޔަފާރިއެއް

ށ. މިލަންދޫގައި އިމާރާތްކޮށްފައިވާ ގެއެއް. ގެދޮރު އެޅުމުގެ ފަސޭހަ އުސޫލެއް މިރަށުގައި އޮވޭ. ފޮޓޯ: މުޙައްމަދު ނަސީމް/އަދަދު


ކޮފީ މޭޒުގައި ތިބި ގިނަ މީހުންގެ ބަހުން އެނގުނު ގޮތުގައި ފައިސާ ދެއްކުމުގެ ކަންތައް ވަރަށް ލުއި ގޮތަކަށް ހަމަޖައްސައިދިނުމަށް ފަހު ގެދޮރު އިމާރާތްކޮށްދޭ 10 ވަރަކަށް ޕާޓީ މިލަންދޫގައި އެބަ ތިއްބެވެ. އެ ގްރޫޕްތަކަށް ދައްކަން ޖެހޭނީ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ވަކި ވަރެކެވެ. އޭރުން "ކޮންޓްރެކްޓާ ފައިނޭންސިން ބޭސިސް" ގައި ތަން ނިންމައިލާނެ އެވެ. އެ ފައިސާ ދައްކަން ޖެހޭނީ މަހަކު ވަކިވަރެއް ދައްކާ ގޮތަށް ބަހާލައިގެންނެވެ.

ކޮފީ މޭޒުގައި ތިބި މީހުންނޭ މިތާ ލިޔަން މިޖެހުނީ ނޫހުގައި ނަން ޖަހަން ބައެއް މީހުން ބޭނުން ނުވާތީ އެވެ. އެކަމަކު އަހަރެމެންގެ ސައްލާގެ ވަކި ހިސާބަކުން އައި، މިލަންދޫ, އެވަ ސައިޑް، އަލީ އިބްރާހީމްގެ މައްސަލައެއް އެކަމުގައި ނެތެވެ.

އަލީ ބުނި ގޮތުގައި އިންސްޓޯލްމެންޓަށް ގެއެއް އިމާރާތްކުރަން މިލަންދޫގެ ގިނަ ޕާޓީތަކުން މަސައްކަތް ފަށާނެ އެވެ. އެއީ ތެދެއް ކަމަށް އެހެން މީހުން ވެސް ބުންޏެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ގްރޫޕްތަކަށް ބޭނުންވާ މެޓީރިއަލް އިމްޕޯޓްކުރާ މީހަކު ވެސް ހިމެނެ އެވެ.

"ކޮންމެ ދެމަފިރިއަކު ވެސް ގެއެއް ބޭނުން ވެއްޖެއްޔާ އެއްކުރަން ޖެހޭނީ ދިހަވަރަކަށް ހާސް ރުފިޔާ،" އަލީ ބުންޏެވެ.

މަސައްކަތް އެގޮތަށް ކުރެވޭ ސަބަބު އެހެން ދެމީހަކު ކިޔައިދިނެވެ.

"އޭގައި އެބަހުރި ވަރަށް ބައިވަރު ސަބަބު. ،މިރަށުގައި ތިބި، ލާރި ގެންގުޅޭ ހުރިހާ މީހުންނަކީ ރިއަލް އެސްޓޭޓަށް ގެ އަޅާ މީހުންނާ ގުޅިލައިމެހިފައި ، ދިގުމުއްދަތަށް [ފައިސާ ދައްކައި ގޮތަށް] މުދާ ދިނުމާއި މަސައްކަތް ކުރާ މީހުން. ފަސް ހާހުން ދެ ހާހުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައި ދިނުމާ މިކަހަލަ ކަންތައްތައް [ހަމަޖެހޭނެ ގެ އަޅަން ބޭނުންވާ މީހުންނަށް]،" އެކަކު ބުންޏެވެ.

އެންމެން ވެސް ބުނި ގޮތުގައި ގެދޮރު އެޅުން އެހާ ފަސޭހަވީ ރަށުގެ އެކަކު އަނެކަކަށް ކުރާ ބޮޑު އިތުބާރެއްގެ ސަބަބުންނެވެ. އެގްރިމެންޓެއް ވެސް ނެތި މަސައްކަތް ކޮށްދޭ ކަމީ އޭގެ ހެއްކެކެވެ. ގެދޮރު އިމާރާތްކުރަން ބޭންކުތަކުން މިލަންދޫއަށް ލޯނު ހަމަޖެހުނުތާ ދެތިން އަަހަރު ފާއިތުއިރު ވެސް އެ ފެސިލިޓީ ހޯދަން މީހަކު ނާންނަނީ އެހެންވެ އެވެ.

"އަދި އެންމެ މީހަކު ވެސް އެ ހިދުމަތެއް ނުހޯދައޭ. ކޮބާ ސަބަބަކީ؟ އަހަރެމެން [މިލަންދޫގެ ވިޔަފާރިވެރިން] އެމީހުންނަށް ފައިނޭންސް ކޮށްދޭތީ،" ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިމާރާތްކުރުމަށް ބޭނުންވާ މެޓީރިއަލް ގެންނަ މީހުން، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުންނަށް ކްރެޑިޓަށް ތަކެތި ދޫކުރެ އެވެ.

ށ. މިލަންދޫގައި އިމާރާތްކޮށްފައިވާ ގެއެއް. ގެދޮރު އެޅުމުގެ ފަސޭހަ އުސޫލެއް މިރަށުގައި އޮވޭ. ފޮޓޯ: މުޙައްމަދު ނަސީމް/އަދަދު


މިހާރުވެސް މަސައްކަތުގައި އުޅޭ އަލީ ބުނި ގޮތުގައި ކޮންސްޓްރަކްޝަނަށް ބޭނުންވާ ހަމަ ހުރިހައި އެއްޗެއް މިލަންދޫން ލިބެ އެވެ. ޓިނު ކަފާ ފެކްޓްރީއެއް ވެސް އެރަށުގައި ހުރެ އެވެ.

ކޮފީ ބޮއިގެން ގިނަ މީހުން ދިޔަ ފަހުން އަލީ އިބްރާހީމާ ވަކިން ވާހަކަ ދައްކައިލީމެވެ. އޭނާ އެ ދާއިރާގެ ތެރެއަށް ވަދެވުނީ ކިހިނެތްތޯ އަހައިލީމެވެ.

"ހިތަށް އެރީ ވަޒީފާއެއްގައި އަބަދަކު ނޫޅެވޭނޭ. އަމިއްލަ ފައިމައްޗަށް ތެދުވާށޭ ޖެހޭނީ،" އޭނާ ބުންޏެވެ.

އޭ ވިސްނުމުގައި އޭނާ ފުރަތަމަ އިންވެސްޓްކުރީ އެހައިތަނަށް އެއްވެފައި ހުރި ލައްކައެއްހާ ރުފިޔާ އެވެ. ފުރަތަމަ ކުރީ ކުދިކުދި މަސައްކަތްތަކެވެ.

މަސައްކަތްތެރިންނާއި ސަޕްލަޔަރުންނާ އެކު ރޭގަނޑު ދައްކައިލި ވާހަކައިގެ އަނެއް ފަރާތުގައި ހުރި ޒުވާނަކާ ބައްދަލުވީ ހެނދުނު ސަޔަށް ދިއުމުންނެވެ. އޭނާ ބުނި ގޮތުގައި ގޯތީގައި އޮތް ހުސްތަންކޮޅެއްގައި އޭނާ މިހާރު ވަނީ އެ ސްކީމްގެ ދަށުން ދެކޮޓަރި ހަދައިފަ އެވެ. ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އެ ދެކޮޓަރީގެ މަސައްކަތް ފަށަން ކޮންޓްރެކްޓަރަށް އޭނާ ފުރަތަމަ ދެއްކީ 10،000ރ. އެވެ. ގެއެއް އަޅަން ބޭނުންވާ އެއްވެސް މީހަކަށް މިލަންދޫގައި މާބޮޑު ހާސްކަމެއް ނޯންނާނެ ކަމަށް އޭނާ ވެސް ބުންޏެވެ.

"މިހާރު އެމީހުން، [މަސައްކަތްތެެރިން] ރަނގަޅު ކޮށްލަން އޮތީ އެންމެ ކަމެއް. އެއީ އެގްރިމެންޓްތައް ހަދައިގެން މަސައްކަތް ކޮށްދޭން ފެށުން. ހަމަ އެކަނި އިތުބާރަށް ކުރީމާ އެމީހުންނަށް ގެއްލުންވެފައި ވެސް އެބަހުރި،" އޭނާ ބުންޏެވެ.

މާކަނޑޫދޫގެ ހިތި ފޮނި ހަނދާންތައް

ށ. މާކަނޑޫދޫ


މިލަންދޫ ބަނދަރު މަތިން ބައްދަލުވި ދުވަސްވީ މީހެއްގެ ގާތުގައި "މިރަށަށް ބަދަލުވި ގޮތުގެ ވާހަކަ ކުޑަކޮށް ކިއުއްވައިދެއްވަން އެބަ ޖެހެޔޭ" ބުނީމާ ފުރަތަމަ ވެސް ނޭފަތުގައި ޖައްސައިލީ ޝަހާދަތް އިނގިއްޔެވެ.

"ކަލޭ ތިޔަ އެހީ ވަރަށް ބޮޑު ވާހަކައެއް" އެއާ އެކު ބުނެލި އެވެ. އެއީ އެހައި ކުޑަ ވަގުތުކޮޅަކުން ދެއްކޭވަރު ވާހަކައެއް ނޫނެވެ. މިލަންދުއަކީ މިހާރު ކިތަންމެ ރަނގަޅު ރަށަކަށްވި ނަމަވެސް، ފައިބަން ޖެހުނީމާ ދެރަވާނެ އެތައްކަމެއް މާކަނޑޫދޫގައި ވެސް ހުއްޓެވެ. މާކަނޑޫދޫގެ ދުވަސްވީ މީހުންނާއި މެދު އުމުރުގެ މީހުންގެ ވެސް އުފަން ރަށާ ގުޅޭ އެންމެ ފޮނިހަނދާނަކީ ކާބޯތަކެތީގެ ގޮތުން އެރަށުގެ ތިޔާގި ކަމެވެ. އެހެންވީމާ ފައިބަން ޖެހުމުން ރުއި އެތައް ބަޔަކު އޭރު ތިއްބެވެ.

މިލަންދޫ، ސެމީ، މޫސާ އަހުމަދު، 73، ބުނި ގޮތުގައި މާކަނޑޫދޫ ދޫކޮށް މިލަންދުއަށް އޭނާ ހިޖުރަކުރީ ގަސްތައް މޭވާއިން ބަރާވެފައި އޮތް ވަގުތެއްގަ އެވެ. އެހެންވެ އޭނާ އާއި އޭނާގެ އަންހެނުންނަށް ވެސް އެކަން ހިތާމައަކަށްވި އެވެ. އެހެން ނަމަވެސް މާތް ﷲގެ ރަހުމަތްފުޅާމެދު އޭނާއަށް އިތުބާރާއި ޔަގީންކަން އޮތެވެ.

"އަހަރެމެން ގޯތީގައި އޮންނާނެ އަނބާއި ބަނބުކޭލާއި ޖަނބުރޯލާ ދެން ކިޔާނެ ކަމެއް ނެތް، ގޯތި ފުރާ [ކާއެއްޗިހި] އޮންނާނީ. ގަސްތައް ފުރައި އެއްޗިހި އަޅާފައި އޮތް ވަގުތެއްގައި އަންނަން ޖެހުނީ. ވަރަށް ހިތުގައި ޖެހުނު، ވަރަށް ދެރަވި. ވަރަށް ހިތުގައި ޖެހުނު ވަރަށް ރުއި އަންހެނުން ވެސް. ދެން އަންހެނުން ބުނީ ބޮޑު ހުސް ބިމަކަށޭ މި ދެވެނީ. ކިހިނެތް ހެއްޔޭ ވާނީ ދެން. އަތް ދިމާކޮށްލާނެ އެއްޗެއް ނުހުންނާނޭ،" މާކަނޑޫދޫގެ ދިރިއުޅުމުގެ ފަހު ދުވަސްތައް ހަނދާންކުރަމުން މޫސަ ބުންޏެވެ.

މިލަންދޫގައި ހައްދާފައިވާ ފަތްކެޔޮ ދަނށޑެއް. މިއީ ބިން ރަނގަޅު ރަށެއް. ފޮޓޯ: މުހައްމަދު ނަސީމް/އަދަދު


މާކަނޑޫދޫން ފައިބަން ޖެހުނީ ކީއްވެތޯ ގިނަ މީހުން ސިފަކޮށްދިނީ މާކަނޑޫދޫ އޮންނަ ގޮތެވެ. އެރަށުގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ޗަކަބިމެވެ.

"ދެން މިވާ ގޮތަކީ ދިރިއުޅުމަށް ގޯއްޗެއް ލިބުން ނަމަވެސް، އެ ގޯއްޗެއް މި މިލިބެނީ ޗަކަގަނޑަކުން. ދެން އެތަން ފިލްކުރަން، މިހާރު މިޒަމާނުގައި މިހުންނަ ކަހަލަ ވެލިނެގޭނެ ނިޒާމުތަކެއް ވެސް ނުހުރޭ އޭރަކު. ކަނޑޫދުއަކީ ފަޅެއް އޮންނަ ރަށެއް ވެސް ނޫން، ގާމަތީ ރަށެއް،" އޭނާ ބުންޏެވެ.

މިސަބަބުތަކާ ހެދި މާކަނޑޫދޫމީހުން އެހެން ރަށަކަށް ބަދަލުވާން އެދެން ފެށީ 1960 ގެ އަހަރުތަކުގައި ކަމަށް މިލަންދޫގެ ދުވަސްވީ މީހުން ބުންޏެވެ. އެމީހުންގެ އެ އާދޭހަށް އިޖާބައެއް ދިނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްުޔޫމުގެ ސަރުކާރުންނެވެ. މިލަންދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ފުރަތަމަ ދިން ފުރުސަތަކީ އަލަށް ނަގާ ގޯތި އެރަށުން ނެގޭނެ ގޮތް ހެދުމެވެ.

މިލަންދުއަކީ މީހުން އުޅޭ ރަށެއްގެ ގޮތުގައި ރައީސް މައުމޫނު އިއުލާނުކުރެއްވީ މާޗް 20، 2005 ގައި އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. އެ ދުވަހު ދެއްކެވި ވާހަކަފުޅުން އެނގޭ ގޮތުގައި މިލަންދޫގައި އެހައިތަނަށް ހުރީ މާކަނޑޫދޫ ރަށު އޮފީހުގެ ސެކްޝަނެކެވެ. އެހެންވީމާ އޭރު މިލަންދުއަކީ ވަކިން އޮތަސް އިދާރީ ގޮތުން މާކަނޑޫދޫގެ ބައެކެވެ.

"މިރަށުގައި ހުންނަ އޮފީހުގެ ބަޔަކީ އެއީ މާކަނޑޫދޫ އޮފީހުގެ ސެކްޝަނެއްގެ ގޮތުގައި މިހާތަނަށް މިއޮތީ. އެކަމަކު އަޅުގަނޑުހިތުން މިހާރު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ހަމަޖައްސަވައިފި، މި ރަށުގެ އޮފީހަކީ ހަމަ "މިލަންދޫ އޮފީސް" އެނަމުގައި ހިނގަމުންދާ ތަނެއްގެ ގޮތުގައި. އެހެންވީމާ، ދެން މިރަށަކީ، މިލަންދުއަކީ ރާއްޖޭގެ އާބާދީއެއް އުޅޭ ހަމަ ވަކި ރަށެއް،" މައުމޫނު އެދުވަހު ވިދާޅުވި އެވެ.

އެކީ އެކަށް މާކަނޑޫދޫ އެންމެން މިލަންދުއަށް ބަދަލުކުރަން ނިންމުމުގެ މާކުރިން ވެސް އެރަށު މީހުންނަށް މިލަންދޫން 45 ގޯތި ދޫކުރި އެވެ. ށ. އަތޮޅުގެ ކައުންސިލްގެ ރަސްމީ ލިޔެކިއުންތަކުން ދައްކާ ގޮތުގައި މާކަނޑޫދޫ މީހުން މިލަންދުއަށް ބަދަލުވާން ފެށީ 2000 ވަނަ އަހަރު އެވެ. އެންމެން ބަދަލުވެ، މާކަނޑޫދޫ ފަޅުވެ ނިމުނީ 2005 ވަނަ އަހަރު އެވެ.