Advertisement

ހޯމްސްޓޭގެ ރަޖިސްޓްރޭޝަން ފީ ކުޑަކުރަނީ

26 ފެބުރުވަރީ 2022 - 16:43 1

އަމަން ހަލީމް

އަމަން ހަލީމް

މ. ދިއްގަރުގައި ހޯމްސްޓޭ ފަށަން ދިޔަ ޓޫރިސްޓުން. -- ފޮޓޯ: އަހުމަދު ސައީދު/އަދަދު


ހޯމްސްޓޭގެ ރަޖިސްޓްރޭޝަން ފީ ކުޑަކުރަނީ

26 ފެބުރުވަރީ 2022 - 16:43 1

ޓޫރިޒަމް ސިންދަފާތުކުރުމުގެ މަގުސަދުގައި މި އަހަރު އަލަށް ތައާރަފުކުރި ހޯމް ސްޓޭ ޓޫރިޒަމްގެ ރަޖިސްޓްރޭޝަން ފީ މާ ބޮޑު ކަމަށާއި އެ ފީ ކުޑަކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިހާރު ގަވާއިދު އޮތް ގޮތުން ހޯމް ސްޓޭއަށް ގެޔެއް ރަޖިސްޓްރީ ކުރަން ޖެހެނީ ޓޫރިޒަމް މިނިސްޓްރީއަށް 5،000ރ. ގެ ފީއެއް ދައްކާފަ އެވެ.

މި ފީއަކީ ޓޫރިޒަމް ގާނޫނުގައި ގެސްޓްހައުސް ރަޖިސްޓްރީ ކުރާ އިރު ނަގަން ޖެހޭ ކަމަށް ބުނަ ފީ އެވެ. ހޯމް ސްޓޭއަށް ރަޖިސްޓްރީކުރާ ތަންތަނުން ގެސްޓްހައުސްއެއް ރަޖިސްޓްރީ ކުރަން ދައްކާ ވަރުގެ ފީއެއް ދައްކަން ޖެހެނީ ގެސްޓްހައުސްތަކުގެ ދަށުން ހޯމް ސްޓޭ ތައާރަފުކުރީމަ އެވެ.

މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި މައުސޫމް ވިދާޅުވީ މިވަރުގެ ބޮޑު އަދަދެއް ދައްކަން ޖެހުމަކީ ހޯމް ސްޓޭ ފަށަން އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"ޤާނޫނުގައި މިއޮތް 5000 ރުފިޔާ ކަނޑާލައިގެން ގިނަ ބޭފުޅުންނަށް މި ފެށެން އަންނަނީ. މިހާރު 2 ކޮޓަރި ވިއަސް 3 ކޮޓަރި ވިއަސް މިހާރު ގާނޫނު އޮންނަ ގޮތުން ދައްކަން އެބަޖެހޭ،" މައުސޫމް ވިދާޅުވި އެވެ.

ހޯމް ސްޓޭ ރަޖިސްޓްރޭޝަން ފީ ކުޑަ ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، އެއީ ކިހާ ވަރެއް ކަމެއް މައުސޫމް ވިދާޅެއް ނުވެ އެވެ.

އެކަމަކު ޓޫރިޒަމް ގާނޫނަށް މިނިސްޓްރީން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހޯމް ސްޓޭ ރަޖިސްޓްރޭޝަން ފީ މުރާޖާކުރައްވަން ހުށަހަޅުއްވާނެ ކަމަށް އިޝާރާތްކުރެއްވި އެވެ. އަދި، އެކަމަށް މަޖިލިސް މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނައިރު އޭގައި އެހެން ކަންތައްތަކެއް ވެސް ހިމަނާލާތީވެ، އެ ހިމަނާލާފަ (ފޮނުވާނަން)." މައުސޫމް ވިދާޅުވި އެވެ.

މީގެ ދެ ހަފުތާ ކުރިން މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުސޫމް ވަނީ ދެ ހަފުތާގެ ތެރޭގައި ޓޫރިޒަމް ގާނޫނަށް ހުށަހަޅަން ޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މި އިސްލާހުތަކުގެ ތެރޭގައި ހޯމް ސްޓޭގެ އިތުރުން، ރިސޯޓުތަކުގައިވާ ސަރުކާރު ހިއްސާ ދޫކޮށްލުމާ ގުޅޭ މުހިންމު އިސްލާހެއް ހިމެނެ އެވެ.

ހޯމް ސްޓޭ ކާމިޔާބު ވާނެ: މައުސޫމް

މިހާތަނަށް ހޯމްސްޓޭ ފެށީ މިކަން އެންމެ ފުރަތަމަ ތައާރަފުކުރަން ހުއްދަ ދިން މ. ދިއްގަރުގަ އެވެ.

އެކަމަކު އެ ރަށަށް އެންމެ ފުރަތަމަ އައި ޓޫރިސްޓުން ފިޔަވާ އެހެން ބަޔަކު އަދި ނާންނަ ކަމަށް އެ ރަށު ކައުންސިލާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެ އެވެ. މިހެން ވުމުން ހޯމްސްޓޭ ހިނގައިނުގަންނަ ކަމަަށް ބުނެ މައުސޫމަށާއި ޓޫރިޒަމް މިނިސްޓްރީއަށް ދަނީ ފާޑުކިޔަމުންނެވެ.

މިކަމަށް ނުސީދާ ރައްދު ދެއްވަމުން މައުސޫމް ވިދާޅުވީ ހޯމްސްޓޭ ތައާރަފުކުރަން ރަށްރަށަށް ކުރި ދަތުރުތަކުގައި ފަށައިގަންނަ އިރު ގޮންޖެހުންތަކާ ދިމާވާނެ ކަމުގެ މުއާމަލާތް ކުރެވިފައި ވާނެ ކަމަށެވެ.

އަދި ވިދާޅުވީ، މިއީ ޓޫރިޒަމް ސިންދަފާތުކޮށް ޓޫރިސްޓުންގެ އަދަދުތައް އިތުރުކުރާށާއި ދިވެހިންނަށް ފަސޭހައިން ޓޫރިޒަމް ވިޔަފާރިއަށް ވަންނަން ފަހިކޮށްދޭނެ މެދުވެރިއެއް ކަމަށެވެ.

"ގެސްޓްހައުސްގެ ތެރެއިން ދިވެހިންނަށް ފަސޭހައިން ވިޔަފާރިއަށް ވަދެވޭނެ ގޮތެއް ހޯމް ސްޓޭ ގެސްޓްހައުސިން މިހެދީ. އެއީ ވެސް ހަމަ ގެސްޓްހައުސް. ހޯމް ސްޓޭ ކޮންސެޕްޓޭ މިކިޔަނީ ތަންކޮޅެއް ފަސޭހަކުރަން،" މައުސޫމް ވިދާޅުވި އެވެ.