Advertisement

ބެލެނިވެރިން އެދެނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ޕޮލެންޑް މަގުން ރާއްޖެ ގެނައުމަށް

24 ފެބުރުވަރީ 2022 - 16:18 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޔޫކްރެއިން އާއި ޕޮލެންޑް ގުޅޭ ބޯޑަރު: ރާއްޖެއަށް މިހާރު އާދެވެން އިން ހަމައެކަނި މަގަކީ ޕޮލެންޑްމަގުން---


ބެލެނިވެރިން އެދެނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ޕޮލެންޑް މަގުން ރާއްޖެ ގެނައުމަށް

24 ފެބުރުވަރީ 2022 - 16:18 0

މިއަދު ހެނދުނުގެ ވަގުތެއްގައި ރަޝިއާއިން ޔޫކްރައިންއަށް އަރާ ހަމަލާ ދޭން ފަށާފައި ވާއިރު އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ބެލެނިވެރިން ބޭނުން ވަނީ ޔޫކްރެއިނާ ޖެހިގެން އޮތް ޕޮލެންޑު މަގުން ނަމަވެސް އެ ދަރިވަރުން ރާއްޖެ ގެނައުމަށް ކަމަށް ބައެއް ބެލެނިވެރިން ބުނެފި އެވެ.

ޔޫކްރެއިންގައި 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން ދިޔައިރު އޭގެ ތެރެއިން ގިނަ ދަރިވަރުން ދިރުއުޅުނީ ރަޝިއާ ބޯޑަރު ކައިރީގައި އޮންނަ ހާރްކީވްގަ އެވެ. އޭގެތެރެއިން 25 ދަރިވަރަކު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.

މިވަގުތު ޔޫކްރެއިނުގެ އިވާނޯގައި 14 ދިވެހިން އެ ތިއްބެވެ. ހާރްކީވްގައި ފަސް ދިވެހިން އެބަ އުޅެ އެވެ. އިތުރު ދެ ސިޓީއެއްގައި އަދި އިތުރު ދެ ދިވެހިން އެބަތިއްބެވެ.

އިވާނޯގައި ކިޔަވަމުންދާ، ޔޫކްރެއިން އިން އަނބުރާ ނާދެވިހުރި ކުއްޖެއްގެ ބެލެނިވެރިޔަކު "އަދަދު" އަށް ބުނީ އެ ގައުމުގައި ތިބި ދިވެހިން މަސައްކަތް ކުރަނީ އެއްތަނަކަށް އެއްވުމަށް ކަމަށެވެ. އެގޮތުން، މިހާރު ހަތަރު ދަރިވަރުން އޭނާގެ ދަރިފުޅު އުޅޭ އެޕާޓްމެންޓަށް އައިސްފައިވާ ކަމަށާއި ބާކީ ތިބި ދަރިވަރުންނަށް ނާދެވި ތިބީ ގެއިން ބޭރަށް ނުނުކުތުމަށް ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނަމުންދާތީ ކަމަށެވެ.

ހުރިހާ ކުދިން އެއްތަނަކަށް އައުމަށް ބޭނުންވާ ސަބަބަކީ ސަރުކާރުން އެހީއެއް ވެވެން އޮތް ނަމަވެސް އެއް ތަނެއްގައި ތިބުމުން އެހީވާން ފަސޭހަވާނެތީ ކަމަށް އޭނާ ބުންޏެވެ.

"މާދަމާގެ ފްލައިޓަށް ނަގާފަ އިނީ. އެކަމަކު މިހާރު މަތިން ދަތުރު ކުރުން ހުއްޓާލީމަ ދެން ނާދެވޭނެތާ. ފޮރިން މިނިސްޓްރީގަ އެދިގެން މި އުޅެނީ ޕޮލެންޑް އެންމެ ކައިރީގަ އިން ބޯޑަރަކީ. އެ ބޯޑަރަށް ވަދެވޭނެ ގޮތެއްވިޔަސް ހަދާލަ ދޭށޭ. އޭރުން ޕޮލެންޑުން އަޅުގަނޑުމެން އަމިއްލައަށް އެތަނުން ރާއްޖެއަށް ގެންނާނަމޭ. ހަމައެކަނި އެތަނަށް ވަދެވޭގޮތް ހަދާލަދޭށޭ. އެމްބަސީން ބުނީ މަސައްކަތް ކުރަމުންނޭ މި ދަނީ،" އޭނާ ބުންޏެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރީއާ ޖަރުމަނުގެ ބާލިންގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ވެސް ގުޅައިގެން ކުދިން އަނބުރާ ގެނެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބެލެނިވެރިން ދަނީ ބަލަމުންނެވެ.

"ދެންމެވެސް ގުޅައިފިން. އަބަދުވެސް ދަރިފުޅާ ކޮންޓެކްޓް ކޮށްކޮށް މި ހުންނަނީ. އަޅުގަނޑު ދަރި ހުރިތަނާ ވަރަށް ކައިރިއަށް ހަމަ ވަރުގަދަ ހަމަލާއެއް ދިން. އެ އިމާރާތަކަށް ނޫން. އެކަމަކު ވަރަށް ކައިރިއަށް. 20 ވަރަކަށް މިނެޓުން ހިނގާލާފަ ދެވޭނެ އެ ހިސާބަށް. އޭގެ ފަހުން އެ ސަރަހައްދަށް ހަމަލާއެއް އަދި ނުދޭ،" އޭނާ ބުންޏެވެ.

އެންމެފަހުގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ވަނީ ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިންގެ 50 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 40 ސިފައިންނާއި 10 އާއްމުންނެވެ.

ޔޫކްރެއިންގެ ބޮޑެތި ސިޓީތަކުގެ އަސްކަރީ އިމާރާތްތަކަށް ހަމަލާ ދިނުމަށް ފަހު އިރުމަތީ ޔޫކްރެއިނާއި ބެލަރޫސްއާ ގުޅޭ ބޯޑަރާއި ކްރައިމިއާއާ ގުޅޭ ބޯޑަރު ކައިރިން ރަޝިއާ ސިފައިން ވަނީ ޔޫކްރެއިން ފަސްގަނޑަށް އަރާފަ އެވެ.