Advertisement

އެތުލެޓިކޯ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން އެއްވަރުކޮށްފި

24 ފެބުރުވަރީ 2022 - 03:08 0

ޔުނައިޓެޑްގެ އެލަންގާ އެ ޓީމުގެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


އެތުލެޓިކޯ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން އެއްވަރުކޮށްފި

24 ފެބުރުވަރީ 2022 - 03:08 0

މެޑްރިޑް (ފެބްރުއަރީ 24) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ފުރަތަމަ ލެގުގައި މިރޭ އެތުލެޓިކޯ މެޑްރިޑް ދަނޑުގައި 1-1 އިން މެންޗެސްޓާ ޔުނައިޓެޑުން އެއްވަރުކޮށްފި އެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޔުނައިޓެޑުން މާގިނަ އެޓޭކްތަކެއް ކޮށްފައިނުވި ނަމަވެސް ޖުމްލަކޮށް ބަލާއިރު، މިއީ އަންނަ މަހު 15 ވަނަ ދުވަހު ޔުނައިޓެޑް ދަނޑަށް ދެ ވަނަ ލެގު ކުޅެން ދާއިރު ހިތްހަމަޖައްސައިލެވޭނެ ނަތީޖާއެކެވެ.

މިރޭގެ މެޗު ފެށިގެން ޔުނައިޓެޑްގެ ފަހަތަށް ބާރު ބޮޑުކޮށް ފުރަތަމަ ލީޑުނެގީ އެތުލެޓިކޯ އިންނެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި އެތުލެޓިކޯގެ ވާތު ބެކް ރެނާން ލޯޑީ ނެގި ހުރަހެއް އޭރިއާތެެރެއިން ހޯދައި، އެތުލެޓިކޯގެ ޕޯޗުގީސް މިޑްފީލްޑަރު ޔާއޯ ފެލިކްސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ލީޑުކުރަމުންދިޔަ ޔުނައިޓެޑްގެ އެޓޭކް ޖުމްލަކޮށް މުޅި މެޗަށް ބަލާއިރު، ފެނުނީ އާދައިގެ ގޮތަކަށެވެ. އެކަމަކު، މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް އެންތަނީ އެލަންގާ ވަނީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލު ޖަހައި ޔުނައިޓެޑަށް މުހިންމު ނަތީޖާއެއް ނެރެދީފަ އެވެ.

ކުޅެން އެރިތާ ހަ މިނިޓް ތެރޭ އެލަންގާ މި ގޯލު ޖެހިއިރު، މިއީ ހަފްތާއެއްގެ ތެރޭގައި ބަދަލެއްގެ ގޮތުގައި ކުޅެން އަރައި އެލަންގާ ގޯލު ޖެހި ދެ ވަނަ ފަހަރެވެ. މިދިޔަ އާދިއްތަ ދުވަހުގެރޭ އިނގިރޭސި ޕްރިިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް ކޮޅަށް އެލަންގާ ގޯލު ޖެހީ ބަދަލެއްގެ ގޮތުގަ އެވެ.

އެލަންގާ، މިރޭ އެތުލެޓިކޯ ކޮޅަށް ޖެހި ގޯލަކީ ޔުނައިޓެޑުން ޗެމްޕިއަންސް ލީގު (ޔޫރަޕިއަން ކަޕް)ގައި ޖެހި 500 ވަަނަ ގޯލެވެ.

އެތުލެޓިކޯ އަށް އަލުން ލީޑުނަގައިދޭން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ އެންޓޮއިން ގްރީޒްމަން އެވެ. ޔުނައިޓެޑް އޭރިއާތެރެއިން ގްރީޒްމަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މިރޭ ކުޅުނު އަނެއް މެޗުގައި ބެންފީކާ ދަނޑުގައި އަޔަކްސް އަށް ލީޑުނަގައިދިނީ ޑޫސާން ޓަޑިޗް އެވެ. އެކަމަކު، އަޔަކްސްގެ ފޯވާޑް ސަބެސްޓިއަން އަލެއާ އަތުން ބައިކޮޅަށް ވަން ގޯލުން ބެންފީކާ އިން އެއްވަރުކުރި އެވެ. ހެދުނު ގޯސް ރަނގަޅުކޮށް އަލެއާ ވަނީ ގޯލެއް ޖަހައި އަޔަކްސް އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ.

ބެންފީކާ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޔޫކްރެއިންގެ ފޯވާޑް ރޯމަން ޔަރެމްޗުކް އެވެ. މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އަޔަކްސް އަށް މެޗަކުން މޮޅުނުވެވުނު ފުރަތަމަ ފަަހަރެވެ.