21 ފެބުރުވަރީ 2022 - 14:10 0
21 ފެބުރުވަރީ 2022 - 14:10 0
ބިނޯޒް އެރީޒް، އާޖެންޓީނާ (ފެބްރުއަރީ 21) - ހިތުގެ މައްސަލައެއް ފާހަގަވެގެން މިދިޔަ ޑިސެމްބަރު މަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން ހުރި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ގައުމީ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި މި ފަހަރުގެ ވޯލްޑް ކަޕަށް ފޮނުވަން އާޖެންޓިނާގެ އެފްއޭ އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަގުއޭރޯ ބާސެލޯނާ އަށް ބަދަލުވި ނަމަވެސް އޭނާ އަށް އެ ޓީމުގެ ޖޯޒީގައި ކުޅެވުނީ ފަސް މެޗެެވެ. އަގުއޭރޯ ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ފުރަަތަމަ ކުޅުނީ އޮކްޓޫބަރު 30 ވަނަ ދުވަހު އަލަވޭސްއާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ.
އޭގެ ފަހުން އޭނާގެ ހިތުގެ ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަރުންގެ ޓީމަކުން ވަނީ ރިޓަޔާކުރަން ލަފާދީފަ އެވެ. އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލުމާ އެކު މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ދޮރު ބަންދުވީ އެވެ. ކެރިއަރުގެ އެންމެ ފަހު ވޯލްޑް ކަޕްގައި ކުޅުމުގެ އުންމީދުގައި ހުރި އަގުއޭރޯ އެ ފުރުސަތު ގެއްލުމާ އެކު އާޖެންޓީނާގެ އެފްއޭ އާއި ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ އަގުއޭރޯ އަށް ޓީމުން ފުރުސަތުދެވޭނެ ގޮތެއް ބަލަން ފަށައިފަ އެވެ.
ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އަގުއޭރޯ ބުނީ ވޯލްޑް ކަޕަށް ދިއުމަކީ އަދިވެސް އޭނާ ކުރާ އުންމީދެއް ކަމަށެެވެ. އަދި ގަތަރުގައި މި އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވާން ބޭނުންވާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯ އާޖެންޓީނާގެ ގައުމީ ޓީމްގެ އޮފިޝަލެއްގެ ގޮތުގައި ހިމަނަން ކޯޗު ސްކަލޯނީ ބޭނުންވެ އެވެ. އެހެންވެ، އަގުއޭރޯ ޓީމްގެ ކޯޗިން ސްޓާފްގައި ހިމެނި ޓީމާ އެކު ގަތަރު ވޯލްޑް ކަޕަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެ އެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އަގުއޭރޯ އެޓީމާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބަކީ މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމެވެ. މިއީ މިދިޔަ 28 އަހަރުގެ ތެރޭގައި އާޖެންޓީނާ އިން ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.
ގަތަރުގައި އޮންނަ ވާލްޑްކަޕަށް ދެކުނު އެމެރިކާ ސަރަހައްދުން ދެ ވަނަ އަށް ކޮލިފައިވި ގައުމަކީ އާޖެންޓީނާ އެވެ.
Comment