Advertisement

ސޮނޭވާ އިން މިދޭ ތަޖުރިބާއާ އެކު ރާއްޖެ ފުޑް ޑެސްޓިނޭޝަނަކަށް!

20 ފެބުރުވަރީ 2022 - 12:26 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ސޮނޭވާ ފުށީގެ ފްލައިން ސޯސެސް ރެސްޓޯރެންޓް. --ފޮޓޯ: ސޮނޭވާ


ސޮނޭވާ އިން މިދޭ ތަޖުރިބާއާ އެކު ރާއްޖެ ފުޑް ޑެސްޓިނޭޝަނަކަށް!

20 ފެބުރުވަރީ 2022 - 12:26 1

ފަތުރުވެރިން ދިވެހިރާއްޖެ އަށް އަންނަނީ ސާފު ބިއްލޫރިކޮޅެއް ފަދަ މޫދުގައި ފަތާލާށެވެ. މާބަގީޗާއެއް ފަދަ މުރަކައިގެ ފަރުތައް ވަށައިގެން ފީނާލާށެވެ. ރަންކުލައިގެ އަވިން ފެންވަރާލާށެވެ. ބޯކިރުކޮޅެއް ފަދަ ދޮންވެލިގަނޑުގައި އޮށޯވެލާށެވެ. އިޓަލީގެ ޓަސްކަނީ އަށް، އެމެރިކާގެ ނިއު ޔޯކަށް، ތައިލެންޑުގެ ބެންކޮކަށް ނުވަތަ އިންޑިއާގެ ދިއްލީ އަށް ތަފާތު ކެއުންތައް ތަޖުރިބާކުރަން ފަތުރުވެރިން ދާ ގޮތަށް ރާއްޖެ އައުމަކީ އާއްމު ކަމެއް ނޫނެވެ.

އެކަމަކު މިހާރު މަންޒަރު ބަދަލުވާން ފަށައިފި އެވެ.

އިންޑިއާގެ މަޝްހޫރު ފުޑް ރައިޓަރު އަދި ތަޖުރިބާކާރު ފިލްމް ނޫސްވެރިޔާ ވިރް ސަންގްވީ އޭނާގެ މި ހަފުތާގެ "ހިންދުސްތާން ޓައިމްސް" ކޮލަމުގައި ލިޔުނު ގޮތުގައި، ރާއްޖެ އަކީ ފުޑް ޑެސްޓިނޭޝަނެއް ވެސް މެ އެވެ. ވިރް ލިޔުނު ގޮތުގައި ޕެންޑެމިކުގެ ތެރޭގައި އޭނާ ވަނީ ދެ ގައުމަކުން ވަރަށް ރަނގަޅަށް ކެއުމުގެ ތަޖުރިބާކޮށްފައި ކަމަށާއި ދުބާއީއާ އެކު އެ ލިސްޓުގައި ދެން ހިމެނެނީ ރާއްޖެ ކަމަށެވެ. އޭނާ ލިޔުނު ގޮތުގައި ރާއްޖެއާ މީރު ކެއުންތަކާ ގުޅުން އޮތް ކަމެއް ގިނަ ބަޔަކަށް ނޭގެ އެވެ.

"ރާއްޖޭގެ ޗުއްޓީއާ މެދު ވިސްނާއިރު މީހުން ކެއުމަށް ފޯކަސްކުރަނީ ވަރަށް މަދުންނެވެ. މީހުން ބަލަނީ އެކޮމަޑޭޝަނަށެވެ. މޫދަށެވެ. ވޯޓާ ސްޕޯޓްސް އާއި ޑައިވިން ފަދަ ކަންކަމަށެވެ." 1990ގެ އަހަރުތަކުން ފެށިގެން މަދުވެގެން އަހަރަކު ދެތިން ފަހަރު ރާއްޖެ އަންނަ ވިރް ލިޔުނެވެ.

އެކަމަކު އޭނާ ލިޔުނު ގޮތުގައި ރާއްޖޭގެ ރިސޯޓެއްގައި ހުންނައިރު އެހެން ރަށްރަށަށް ނުދެވޭތީވެ، ބަރޯސާވާން ޖެހެނީ ރިސޯޓުގެ ޝެފް ފޯރުކޮށްދޭ ކެއުންތަކަށް ކަމަށެވެ. އަދި އެހެން އޮޕްޝަނެއް ނޯންނާތީވެ، ކެއުން ބައެއް ފަހަރު ގޯސް ވެދާނެ ކަމަށް އޭނާ ލިޔުނެވެ. ވިރް ލިޔުނު ގޮތުގައި ކެއުމަށް ލޯބިކުރާ މީހެއް ނަމަ، ވަރަށް މޮޅު ޝެފެއް ހުންނަ ރިސޯޓެއް އިހުތިޔާރުކުރެވިދާނެ ކަމަށެވެ. އޭރުން ރާއްޖޭގައި ހޭދަކުރާ ޗުއްޓީއަކީ މީރު ކެއުމުން ހިތްހަމަޖެހުން ލިބޭ ދަތުރަކަށް ވާނެ ކަމަށް އޭނާ ލިޔުނެވެ.

"އަހަރެން ވެލާ އަށް ދަނީ ގައުޝަން ޑަ ސިލްވާގެ ކެއުންތައް ކާން. ޝެފް ޝެރޯއީ ކެރްމާނީގެ ސަބަބުން ތާޖް އެގްޒޯޓިކާ އަށް ދަނީ. ނޫނީ މޮޅެތި ޝެފުންގެ ރެސްޓޯރަންޓްތައް ހުންނަ އެހެން ރިސޯޓްތަކަށް ދަނީ،" ވިރް ލިޔުނެވެ.

އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ވިރް ސަންގްވީ.


ވިރް ލިޔުނު ގޮތުގައި، ބީޓްލްސްގެ ލަވަކިޔުންތެރިޔާ ޕައުލް މެކާޓްނީ އާއި އިނގިރޭސި ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ ވެސް ޗުއްޓީ ހޭދަކޮށްފައިވާ ރާއްޖޭގެ ސޮނޭވާފުށްޓަށް އޭނާ ދާ މައިގަނޑު ސަބަބަކީ ވެސް ކެއުން ކަމަށެވެ.

"ސޮނޭވާ ފުށީގައި އޮވޭ ފެންވަރަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ސްރީ ލަންކާގެ ޝެފް ސެނަކަ އިސްކޮށް މަސައްކަތްކުރާ ދުނިޔޭގެ އެތަން މިތަނުން ސްޓާފުން ހިމެނޭ މީހުންގެ އަމިއްލަ ވަރަށް ރަނގަޅު ކިޗެން ޓީމެއް. އެކަމަކު އެތަނުގެ އަނެއް ވަރުގަދަ ކަމަކީ ދުނިޔޭގެ މޮޅެތި ޝެފުންގެ ހުނަރުގެ ބޭނުން ކުރުން،" ވިރް ލިޔުނެވެ.

"ކެއުމަށް ލޯބިކުރާ މީހުންގެ މެދުގައި މިއީ މަޝްހޫރު ވާހަކައެއް."

ވިރް ވަނީ އިންގްލެންޑުގެ ސެލެބްރިޓީ ޝެފް ހެސްޓަން ބްލުމެންތަލް އެ ރިސޯޓުގައި ހަ މަސް ހޭދަކުރިކަން ފާހަގަކޮށްފަ އެވެ.

"ސުޝީ ކައުންޓަރު ބަލަހައްޓަނީ ޖަޕާނުގެ ތުރީ ސްޓާ ރެސްޓޯރެންޓެއްގެ ޝެފެއް. އަދި ސޮނެވާގެ އޯޕަން ކިޗަން އަދި ކައުންޓާ ރެސްޓޯރެންޓް، ވަންސް އަ ޕޮން އަ ޓޭބަލް އިން މިޝެލިން ސްޓާގެ ޝެފުން ހޯސްޓްކުރޭ،"

ސްރީ ލަންކާގެ އެންމެ މަޝްހޫރު ޝެފް ދަރްޝަން މުނިޑަސާ ވެސް ސޮނެވާގައި ރެސްޓޯރެންޓެއް ހުޅުވާފައިވާކަން ފާހަގަކޮށް ވިރް ލިޔުނު ގޮތުގައި އެ ރިސޯޓުން އިތުރަށް ވެސް އޭނާ ހައިރާންކޮށްލި ކަމަށެވެ.

"އެއް ދުވަހަކު އަހަރެން ދިޔައިރު ރިސޯޓުގެ އާ ރެސްޓޯރެންޓް، ފްލައިން ސޯސެސްގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޝެފް ހޫލިއެން ރޯޔާ ކައްކަން ހުރި،"

ސޮނޭވާ ފުށީގެ ފްލައިން ސޯސެސް ރެސްޓޯރެންޓުގެ ކެއުމެއް. --ފޮޓޯ: ސޮނޭވާ


ފްރާންސްގެ ރޯޔާ އަކީ ތުރީ މިޝެލިން ސްޓާ ހޯދާފައިވާ އަދި އޭޝިއާގެ އެއް ވަނަ ރެސްޓޯރަންޓްގެ މަގާމް ހޯދާފައިވާ ސިންގަޕޫރުގެ އޮޑެޓޭ ހިންގާ ޝެފުކަން ފާހަގަކޮށް ވިރް ލިޔުނު ގޮތުގައި، ވަރަށް ކުރިއާލާ ބުކްކޮށްގެން ނޫނީ އެ ރެސްޓޯރެންޓުން މޭޒެއް ނުލިބޭނެ ކަމަށެވެ.

"އެކަމަކު ރާއްޖޭގައި ގެސްޓުންނާ ވާހަކަދައްކައި އޭނާގެ ކެއުންތަކުގެ ތަފްސީލު ކިޔައިދެމުން އަމިއްލަ އަތުން ކައްކަމުން ދިޔައީ،" ވިރް ލިޔުނެވެ.

"ޝެފުން ރާއްޖެ ޒިޔާރަތްކުރާއިރު ހަމައެކަނި ރާއްޖޭން ލިބެން ހުރި އެއްޗިސް ބައެއް ފަހަރު ބޭނުންކުރަނީކީ އެކަންޏެއް ނޫން. އެ މީހުން ސީދާ އަމިއްލަ އަށް ކައްކަނީ އަދި ގެސްޓުން ކެއުންތައް ކިޔައިދޭ. އެކަމަކު އެކި ސިޓީތަކުގައި ހުންނަ އެ މީހުންގެ އަމިއްލަ ރެސްޓޯރެންޓަކަށް ގޮސްފި ނަމަ، އެ މީހުން އެތާ ނުވެސް ތިބެދާނެ. ސަބަބަކީ ބަދިގޭގައި ބޮޑު ޓީމެއް އޮތުން. އެހެންވެ އެ މީހުން އެތަނުގައި ވަރަށް މަދުން ވަގުތުކޮޅެއް ހޭދަކުރާނީ."

ވިރް ލިޔުނު ގޮތުގައި އިންޑިއަން/ބްރިޓިޝް ސޯނޫ އާއި އޭނާގެ އަންހެނުން ސްވިޑަންގެ އީވާގެ ސޮނެވާ އިން ވަނީ، ސްވިޑަން ނިސްބަތްވާ ސްކެންޑެނީވިއާ ސަރަހައްދަށް ވުރެ ކުރިން ސަރަހައްދުގެ މޮޅު ޝެފުންނާ ގުޅިފަ އެވެ. އެގޮތުން ސޮނެވާގެ ކުޑައިގެ ދަށުން ހިންގާ ސޮނެވާ ޖާނީގައި ސްވިޑަންގެ ނުފޫޒުގަދަ ޝެފް މެތިއަސް ޑެލްގްރެން ރެސްޓޯރެންޓެއް ހިންގައި އޭނާގެ ސިގްނޭޗާ ކެއުންތައް ކަމަށްވާ އެވޮކާޑޯ ޓޯސްޓާއި ޓޫނާ ކަރްޕަޗިއޯ އާއި ޑީޕް ފްރައިޑް ކޯން ފޯރުކޮށްދޭކަން ވިރް ފާހަގަކުރި އެވެ.

"މި ފަހަރު ސޮނެވާ ފުށީގައި މެޑްސް ރެފްސްލަންޑް ކެއްކި. ކެއުމަށް ލޯބިކުރާ މީހުންނަށް ރެފްސްލަންޑަކީ ޒާތެއްގެ ލެޖެންޑެއް. އޭނާ ފަދަ ލެޖެންޑެއް ކައްކައި، ގެސްޓުންނާ ބައްދަލުކުރަން އައުމަކީ އެއްވެސް ތާކު އާއްމު ކަމެއް ނޫން. ކޯޕެންހޭގަންގައި ވެސް ނުވާނެ އެކަމެއް،"

ވިރް އެހި ގޮތުގައި ދުނިޔޭގެ މަޝްހޫރު ޝެފުން ސޮނެވާ އަށް އައިސް ކައްކަން އެއްބަސްވަނީ ކީއްވެ ހެއްޔެވެ؟

"އަހަންނަށް ހީވަނީ އޭގެ ސަބަބަކީ އެއްވެސް މީހަކަށް ރާއްޖޭގެ ޗުއްޓީއަކަށް ނޫނެކޭ ބުނެވެން ނެތުން ހެން. އެކަމަކު އޭގެ އަނެއް ސަބަބަކީ ރެސްޓޯރެންޓުގެ ވިޔަފާރި ޕްރެޝަރުން ބޭރުގައި އަރާމު މަސަލަސް މާހައުލެއްގައި، 12 ވަރަކަށް 14 ވަރަކަށް މީހުންނަށް ކައްކާލުމަކީ ޝެފުންނަށް ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތަކަށް ވާތީހެން،" ވިރް އޭނާގެ ހިޔާލު ފާޅުކުރި އެވެ.

ސޯނޫ (ވ) އާއި އީވާ


ވިރް ދެކޭ ގޮތުގައި އޭނާ ކަހަލަ ކެއުމަށް ލޯބިކުރާ މީހުންނަށް ރާއްޖޭން މި ލިބެނީ، ވަރަށް ކުރިން ބުކްކޮށްގެން ނޫނީ މޭޒެއް ނުލިބޭ ރެސްޓޯރެންޓްތަކުގެ ޝެފުންގެ ކެއުންތައް ކާލަން ލިބޭ ވަރަށް ނާދިރު ފުރުސަތެއް ކަމަށެވެ.

"މިޝެލިން ސްޓާ ރެސްޓޯރެންޓްތަކުގެ މަތީ ފެންވަރުގެ މާހައުލުގެ ބަދަލުގައި، ހުޅުވިފައިވާ މާހައުލެއްގައި ޓީޝާޓަކާއި ސޯޓެއް ލައިގެން ރާޅުތައް ދޮންވެލިގަނޑަށް ބީއްސާލާ ނުވަތަ ކަނޑުން އަރައިގެން އަންނަ ވަޔާ ރުކުގެ ފަންތައް ހެލިލާ މަންޒަރުތައް ބަލަމުން، ޝެފުން ތިމާގެ ލޯ ކުރިމަތީގައި ކައްކާތަން ފެނި އެ ކެއުންތައް ކާލުމަކީ ބޮޑު ހިތްހަމަޖެހުމެއް،"

"މިފަދަ ފުރުސަތަކަށް ނޫނެކޭ ބުނާނީ ކާކު ހެއްޔެވެ،" ވިރް އަހާލި އެވެ.

ތެދެކެވެ. ރާއްޖޭން ލިބެނީ ހަމައެކަނި ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމުގެ އެކްސްލޫސިވް ޗުއްޓީއެއް އެކަންޏެވެ. ކެއުމުގެ ވަރަށް ތަފާތު ތަޖުރިބާތައް ވެސް މިހާރު އެބަކުރެވެ އެވެ.