Advertisement

ކޯޓު އަމުރާ ގުޅިގެން ކޮމަންޑޫ ކައިރި ރަށްތައް ރިސޯޓު ލިސްޓުން އުނިކޮށްފި

17 ފެބުރުވަރީ 2022 - 09:37 2

އަމަން ހަލީމް

އަމަން ހަލީމް

ށ. ކޮމަންޑޫ އާއި ޖެހިގެން އޮންނަ ދިގުރަށާއި މެދުރަށާއި މައިރަށް (ކ). -- ފޮޓޯ: ގޫގްލް އާތް


ކޯޓު އަމުރާ ގުޅިގެން ކޮމަންޑޫ ކައިރި ރަށްތައް ރިސޯޓު ލިސްޓުން އުނިކޮށްފި

17 ފެބުރުވަރީ 2022 - 09:37 2

ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރަން ބީލަން ހުޅުވާލި ރަށްތަކުގެ ލިސްޓުން ށ. ދިގުރަށާއި މެދުރަށާއި މައިރަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އުނިކޮށްފި އެވެ.

ރިސޯޓެއް ތަރައްގީކުރަން މި ތިން ރަށް އެކީ ކުއްޔަށް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރީ ނިމުނު ޖެނުއަރީ މަހުގެ ތެރޭގައި ކުއްލިއަކަށް ހުޅާވާލީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން ކައިރިވެފައިވަނިކޮށެވެ.

ތިން ރަށުގެ ބިމުގެ ޖާގަ އެއްކޮށްލުމުން ބޮޑު މިނުގައި 19.5 ހެކްޓަރު ހުރި މި ރަށްތަކަށް ބީލަން ހުޅުވާލީ އެކުއިޒިޝަން ކޮސްޓަށް 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ދައްކާ ގޮތަށެވެ.

މި ރަށްތައް ކުއްޔަށް ދޫކުރަން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް އާދިއްތަ ދުވަހު ނެރުނީ ޕްރިމިއާ އިކުއިޓީ ކުންފުނީގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރަނީ ކޮމަންޑޫ ކައިރިން ރިސޯޓު ހަދަން ދޫކުރަން އިއުލާނުކޮށްފައިވާ ތިން ރަށަކީ ދިވެހި ދައުލަތުން އެ ކުންފުންޏާ އެކީ ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ސަރުކާރުން ދޭން އެއްބަސްވެފައިވާ ރަށްތަކެއް ކަމަށް ބުނެ އެވެ.

ޕްރިމިއީ އިކުއިޓީން ބުނަނީ އެއީ, 2008 ވަނަ އަހަރު އެ ކުންފުންޏަށް ލ. ބޮޑުފިނޮޅާއި އެ އަތޮޅު ގަސްފިނޮޅު ރިސޯޓް ހަދަން ދޫކުރި ފަހުން އެ ތަނުގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން އެ ދެ ރަށް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް ދޫނުކުރެވުނު މައްސަލަ އެވެ.

އެ މައްސަލާގައި ބަދަލެއްގެ ގޮތުން ސަރުކާރުން މަޝްވަރާކުރީ ލ. އަތޮޅުގެ ދެ ރަށުގެ ބަދަލުގައި ށ. އަތޮޅުގެ ތިން ރަށް ދިނުމަށެވެނަމަވެސް, މިހާތަނަށް މިކަމުގައި ވަކި ގޮތެއް އޮތީ ނުނިމި އެވެ.

އެހެންވެ, ޕްރިމިއާ އިކުއިޓީ ކުންފުނިން ސިވިލް ކޯޓުގައި އެދިފައިވަނީ މައްސަލަ ނިމެންދެން ތިން ރަށް އެހެން ބަޔަކަށް ދިނުން މަޑުޖައްސައިދިނުމަށެވެ.

މި މައްސަލައިގައި ޕްރިމިއާ އިކުއިޓީ ކޮޅަށް ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ ރަށްތައް އެހެން ބަޔަަކަށް ކުއްޔަށް ދީފިނަމަ އެ ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށާއި މިކަމުގައި އެ ކުންފުންޏާއި ސަރުކާރާ ދެމެދު މަޝްވަރާކުރި ކަމުން މައްސަލާގައި ގޮތެއް ނިމެންދެން ރަށްތައް އެހެން ބަޔަކަށް ދިނުން ހުއްޓުވުމަށް ކޯޓުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ޕްރިމިއާ އިކުއިޓީއާ އެއްކޮޅަށް ވަގުތީ އަމުރެއް ނެރުނު ނަމަވެސް، ސަރުކާރުން ވަނީ މި ރަށްތަކާ ގުޅިގެން އެއްވެސް ސެޓްލްމަންޓް އެއްބަސްވުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

މި ރަށްތައް ރިސޯޓު ލިސްޓުން އުނިކުރުމާ ގުޅިގެން މިހާރު އިއުލާނުކޮށްފައިވާ ބީލަމުގެ ތެރެއިން ރަށްތައް ދޫކުރެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ރިސޯޓު ހަދަން ހުޅުވާލާފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ އަންނަ މަހު ފަހު ހަފުތާ ތެރޭގަ އެވެ.