16 ފެބުރުވަރީ 2022 - 14:40 0
ޓީ20 ކްރިކެޓް ލީގުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
16 ފެބުރުވަރީ 2022 - 14:40 0
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޓީ10 ކްރިކެޓް މުބާރާތުގައި 10 ޓީމެއް ބައިވެރިވެއްޖެ އެވެ.
އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމާފައިވާ ތާރީހީ ޓީ10 ކްރިކެޓް މުބާރާތުގައި 10 ޓީމެއް ކުޅެން ނިންމާފައިވާއިރު، ޝެޑިއުލް ރޭވިފައިވަނީ ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ.
ގްރޫޕް އެކެއްގައި އޮތީ ކްލަބް ވިޔަންސާ، މާލެ ސްޕޯޓްސް ކްލަބް، މާލެ ވެޓެރަންސް ކްލަބް، ނިއު ސްޓާ އަދި ސީބީއެލް ސްޕޯޓްސް އެވެ. ގްރޫޕް ދޭއްގައި އޮތީ ވެސްޓް ސްޕޯޓްސް ކްލަބް، އައިޒީ ކްރިކެޓް އެކެޑަމީ، ކޯމެޓްސް ކްރިކެޓް ކްލަބް، މިލާން ކްރިކެޓް ކްލަބް އަދި އޮއްފު އެފްސީ އެވެ.
ގްރޫޕް ސްޓޭޖުގެ ކުޅުން ނިމޭއިރު ކޮންމެ ގްރޫޕަކުން ކަޓާނީ އެންމެ ޓީމެކެވެ. ކޮންމެ ގްރޫޕަކުން ވެސް ގަދަ ހަތަރެއް ކުއާޓާ ފައިނަލަށް ހޮވޭއިރު، ދެން އޮންނާނީ ނޮކައުޓް ބުރެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ފޯރިގަދަކޮށް ބާއްވަމުން އަންނަ ޓީ10 ކްރިކެޓްގެ ފޯރި ފަހަކަށް އައިސް އެންމެ ގަދައީ ދެކުނު އޭޝިއާ ސަރަހައްދުގަ އެވެ. ދުނިޔޭގެ ކްރިކެޓްގެ މައި ހަބެއްގެ ގޮތުގައި އޮތް ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކުން ޓީ10 ކްރިކެޓް ފުޅާކުރަމުން އަންނައިރު، މި ފަަހަރުގެ މުބާރާތަކީ ޓީ10 ކްރިކެޓް ފޯރިގަދަ ކުރަން އެ މިސްރާބަށް ދިއުމުގެ ފެށުމެކެވެ.
ކްރިކެޓް ބޯޑްގެ ނައިބް ރައީސް އަހުމަދު ހުސެއިން (ކުޑަދޮނާ)، ޓީ10 ކްރިކެޓް ރާއްޖެ އަށް ތައާރަފްކުރުމާ ބެހޭގޮތުން މީގެ ކުރިން "އަދަދު" އަށް ވިދާޅުވީ ޓީ10 ކްރިކެޓް ރާއްޖޭގައި ވެސް ފަށައި، މުބާރާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅުންތެރިން ކުޅެން ވާދަވެރި އިތުރު މުބާރާތެއް ހޯދައިދިނުމާއި ކްރިކެޓްގެ ދުނިޔޭގައި ކުރިއަރަމުން އަންނަ ޓީ10 ކްރިކެޓް ރާއްޖޭގައި ވެސް ފޯރީގައި ކުރިއަށް ދިއުމުގެ ބޭނުމުގައި ކަމަށެވެ.
ކްރިކެޓް ބޯޑުން ވަނީ މި އަހަރުގެ ރާއްޖޭގެ ޓީ20 ކްރިކެޓް ލީގު ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ. ޓީ20 ލީގާއި ޗެމްޕިއަންޝިޕް ކާމިޔާބުކުރީ މާލެ ވެޓަރަންސް އިންނެވެ. ޓީ10ގެ ފޭވަރިޓުންގެ ތެރޭގައި ވެސް މާލެ ވެޓަރަންސް ހިމެނެ އެވެ.
Comment