Advertisement

އިންތިގެ ކެމްޕެއިން ހިންގަވަން ސާބެ ކޮމެޓީތަކުން އިސްތިއުފާ ދެއްވައިފި

14 ފެބުރުވަރީ 2022 - 09:51 2

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ސާބެ، އަނބިކަނބަލުން އީވާ އަބްދުﷲއާއެކު: އެމްޑީޕީން މަޖިލިހުގެ ސުޕަމެޖޯރިޓީ ހޯދިއިރު ކެމްޕެއިން މެނޭޖް ކުރެއްވާ ސާބެ -- ފޮޓޯ:


އިންތިގެ ކެމްޕެއިން ހިންގަވަން ސާބެ ކޮމެޓީތަކުން އިސްތިއުފާ ދެއްވައިފި

14 ފެބުރުވަރީ 2022 - 09:51 2

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ހިންގެވުމަށް ޕާޓީގެ ކެމްޕެއިނުތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މުހިންމު ފަރާތެއް ކަމަށްވާ އަހުމަދު "ސާބެ" ޝާހިދު ޕާޓީގެ ކޮމެޓީތަކުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

އެމްޑީޕީގެ ކެމްޕެއިން އަދި މެމްބާޝިޕް ކޮމެޓީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރައްވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ސާބެ ލިޔުއްވާފައި ވަނީ "އެމްޑީޕީ އެކުގައި ތިބުމަށް، މިވަގުތު ބޭނުންވަނީ [އިމްތިޔާޒް] އިންތި" ކަމަށެވެ.

"އިންތިއަކީ ޕާޓީގެ އަސާސްތައް އަބަދުވެސް ހިފަހައްޓާ، ތެދުވެރިކަމާ، ނަޒާހާތްތެރިކަމުގެ ނަމޫނާ،" ސާބެ ވިދާޅުވެފައިވެ އެވެ.

ސާބެއަކީ ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އެކުލަވާލި ފުރަތަމަ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެކެވެ. މާޗް، 2009، ގައި އިލެކްޝަންސް ކޮމިޝަނުގެ މަގާމުން އިސްތިއުފާ ދެއްވީ އަނބިކަނބަލުން އިވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.

އޭގެ ފަހުން ސާބެ ވަނީ އެމްޑީޕީން ބައިވެރި ހުރިހާ އިންތިހާބެއްގައި އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. އެގޮތުން މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށްގެން ސުޕަމެޖޯރިޓީ ހޯދިއިރު އެ ކެމްޕެެއިނުގެ މެނޭޖް ކުރެއްވީ ސާބެ އެވެ.

އެންމެފަހުން ބޭއްވި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް އެމްޑީޕީން ކުރި ކެމްޕެއިނުގެ މެނޭޖަރަކީ ވެސް ސާބެ އެވެ.

ޕާޓީގެ ކެމްޕެއިނުތަކުގައި އިސް ދައުރެއް އަދާ ކުރުމުގެ އިތުރުން އެކި ލެވެލްތަކުގައި ސާބެ ވަނީ އެމްޑީޕީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފަ އެވެ. އެގޮތުން އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުގައި ސާބެ އަބަދުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުރޮޅުނު ދުވަހު ސާބެއަކީ ފުލުހުންގެ އަނިޔާ ލިބުނު އެކަކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އެމެޖެންސީ އިއުލާނު ކުރުމަށްފަހު ހައްޔަރު ކުރި އެމްޑީޕީގެ އެކްޓިވިސްޓުންގެ ތެރޭގައި ވެސް ސާބެ ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވާދަ ކުރައްވަ އެވެ. އެ ދެ ބޭފުޅުންވެސް އެ މަގާމަށް ވާދަ ކުރައްވާކަން ހާމަ ކުރަައްވާފައި ވަނީ އިއްޔެ އެވެ.

މީގެކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފަ އެވެ. ނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަން ވެސް ކުރައްވާ އަމްރު ވާދަނުކުރައްވާނެ ކަމަށް އޭނާގެ އަރިސް ބޭފުޅަކު ވަނީ އިއްޔެ މި ނޫހަށް ކަށަވަރު ކޮށްދީފަ އެވެ.

އިމްތިޔާޒާއި ފައްޔާޒުގެ ކެމްޕެއިން އިއްޔެ ފަށާފައިވާއިރު އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ތާއިދު ކުރައްވާ ކެންޑިޑޭޓް ހާމަކުރައްވަމުންނެވެ.

މި ދެ ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާއިރު, އިމްތިޔާޒު ފާހަގަކުރެވެނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. އަނެއްކޮޅުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ އަރިސް މިނިސްޓަރެވެ.