12 ފެބުރުވަރީ 2022 - 10:35 0
އިސްމާއީލް އަޒްމީން
ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
12 ފެބުރުވަރީ 2022 - 10:35 0
ގައުމީ ވޮލީބޯޅަ ޓީމަށް ހަމަޖައްސާފައިވާ ބްރެޒިލްގެ ކޯޗު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެެރޭގައި ރާއްޖެ އައިސް ޓީމާ ގުޅޭނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމުގެ މަގުސަދުގައި ވީއޭއެމުން އަންނަނީ ޓީމަށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ހޯދައިދީ އިތުރު ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ (އެފްއައިވީބީ)ގެ އެހީތެރިކަމާ އެކު މިހާރު ވަނީ ގައުމީ ޓީމަށް ބްރެޒިލްގެ ކޯޗެއް ހަމަޖައްސައިފަ އެވެ.
މިވަގުތު ގައުމީ ބީޗްވޮލީބޯޅަ ޓީމު ވެސް ހަވާލުކޮށްފައި އޮތީ ބްރެޒިލްގެ ހުނަރުވެރި ކޯޗެއް ކަމަށްވާ ވިނީޝިއުސް މާޓިންސްއާ އެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ވިނީޝިއުސް އަކީ ވެސް އެފްއައިވީބީގެ އެހީތެރިކަމާ އެކު ހަމަޖެއްސި ކޯޗެކެވެ.
ގައުމީ ޓީމުގެ ފެންވަރު މަތިކުރުމުގެ ގޮތުން ވީއޭއެމުން އެންމެ ބޮޑު އިސްކަމެއް ދެނީ ގައުމީ ޓީމަށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ހޯދައިދިނުމަށެެެވެ. އެ ގޮތުން ފާއިތުވި ހަފްތާ ތެރޭ ރާއްޖޭން ވަނީ މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ތިން މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ 3-1 ސެޓުންނެވެ. ދެ ވަނަ މެޗުން ބަންްގްލަދޭޝް 3-1 ސެޓުން މޮޅުވި އެވެ. ރޭ ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވީ ސީދާ ތިން ސެޓުންނެވެ.
ރޭގެ މެޗަށް ފަހު ވީއޭއެމްގެ ރައީސް ރަނޭޝް ވިދާޅުވީ ގައުމީ ޓީމުގެ ކޯޗު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ޓީމާ ގުޅޭނެ ކަމަށެވެ. އަދި އެކުވެރިކަމުގެ ސިލްސިލާގެ މެޗުތަކަށް ފަހު މިއަދުން ފެށިގެން ޓީމުގެ ޕްރެކްޓިސްތައް ވެސް އަލުން ފަށަން ވެސް ވީއޭއެމް އިން ވަނީ ނިންމައިފަ އެވެ. .
"ޕްރެކްޓިސްތައް ހުއްޓާ ނުލާނެ، ހަފްތާއެއްހާ ދުވަސް ތެރޭގައި ގައުމީ ޓީމަށް ގެންނަ އާ ބްރެޒިލް ކޯޗު އަންނާނެ، ކޯޗު އައުމާ އެކު ޓީމްގެ ޕްރެކްޓިސްތައް ޕްލޭން ކުރާނީ އޭނާ. އަޅުގަނޑުމެން މިހާރު ވަނީ މި އަހަރު ކުޅޭނެ އެކުވެރިކަމުގެ މެޗުތަކާއި، ތަމްރީން ދަތުރުގެ ޕްލޭނެއް މިހާރު ތައްޔާރުކޮށްފައި" ރަނޭޝް ވިދާޅުވި އެވެ.
ބަންގްލަދޭޝް މެޗުތަކުން ރާއްޖޭގެ ގައުމީ ޓީމު ހޯދި ކުރިއެރުމާއި ގުޅޭގޮތުން ރަނޭ ވިދާޅުވީ ވިސްނުމަކީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ކުޅެ ކުރިއެރުން ޓީމަށް ހޯދައިދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ބޭނުންވާ ބައެއް ކުރިއެރުންތައް ނިމިދިޔަ މެޗުތަކުން ފެނިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ހަ އަހަރު ތެރޭގައި ބަންގްލަދޭޝް ފުރަތަމަ ފަހަރަށް ބަލިކުރުމަކީ ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެެވެ.
"ފެނުނު ޑިފެންސް ބޯޅަ އާއި ޕަވާ ސާވިސް ވެސް ކޮންޓްރޯލް ކުރުން ވެސް. މި ކުޅޭ މެޗުތަކުން އެބަފެެނޭ ތަފާތު. މިހާރު ހަމަ ސީނިއާ ކުޅުންތެރިންގެ ސްޓައިލާއި ކޮންފިޑެންސް ތަފާތުވެއްޖެ. ޕަވާ ބޯޅަތަކަށް ހޭނިއްޖެ. އެއީ މި ކުރާ މަސައްކަތަކީ. އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ،" ރަނޭޝް ވިދާޅުވި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނާ ހަވާލުވެ، ރަނޭޝްގެ ލީޑަޝިޕުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ޖޫނިއާ ކުޅުންތެރިންގެ ޕޫލެއް އެކުލަވާލައި "އެކްސެލެންސް ޕްރޮގްރާމް" ކުރިއަށް ގެންދިއުމެވެ. މި ޕްރޮގްރާމްގެ ތެރެއިން ފާހަގަކުރެވުނު ބައެއް ކުޅުންތެރިން ވަނީ ބަންގްލަދޭޝާ ދެކޮޅަށް ކުޅެފަ އެވެ.
ރަނޭޝް ވިދާޅުވީ މާ ގިނަ ދުވަހެއްގެ ޕްރެކްޓިހެއް ނެތި ޖޫނިއާ ކުޅުންތެރިން ގައުމީ ޓީމާ އެކު ދެއްކި ހީކުރި ވަރަށް ވުރެ ރަނގަޅު ކުޅުމެއް ކަމަށެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ގައުމީ ލެވަލްގެ އެއްވެސް ލޯކަލް މުބާރާތެއް ނުކުޅެ، އައިސް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ކަމަށްވާއިރު، އެ ފަދަ ހާލަތެއްގައި އޮވެ ވެސް ކުރި ހިތްވަރު ފާހަގަކުރާ ކަމަށެވެ.
"މީގަ އަޅުގަނޑުމެން އެކްސްޕެކްޓް ކޮށްގެން ނުވާނެ ހުރިހާ މެޗެއް ފުލްކޮށް އެ ކުދިން ކުޅެން ޗާންސް ދޭންވާނެއޭ. މީގަ އޮތީ ދެ ކަމެއް. އެއީ މިއީ ގައުމީ ޓީމު. ގައުމީ ޓީމް މޮޅުވާން ޖެހޭނެ. ވަކި ވިނިން ސްޕިރިޓެއް ހުންނަން ޖެހޭނެ. އެހެންވީމަ ހުރިހާ ކުދިން އެއްކޮށް އަރާނެކަމަށް އުއްމީދުކޮށްގެން ނުވާނެ. އެކަމަކު އެ ލިބުނު މަދު ފުރުސަތުގައި އެކުދިންގެ ޕޮޓެންޝަލް ހުރި މިންވަރު ފެނިއްޖެ. ގައުމީ ޓިމްގެ މުސްތަގްބަލް އޮތް ގޮތް މި ފެނުނީ،" ރަނޭޝް ވިދާޅުވި އެވެ.
ރަނޭޝް ވިދާޅުވީ އެކުވެރިކަމުގެ ސިލްސިލާ މެޗުތަކެއް ސަރަހައްދީ އެހެން ގައުމުތަކާއި ދެކޮޅަށް ވެސް ކުޅުމުގެ ޕްލޭންތަކެއް އެބައޮތް ކަމަށެވެ. ރާއްޖެއާ ވާދަކުރެވޭ ފެންވަރުގެ ޓީމުތަކާ އެކު ކުޅޭ ކޮންމެ މެޗަކީ ޓީމުގެ ކުރިއެރުމަށް ފަހިވެގެންދާ ފުރުސަތެއް ކަން ރަނޭޝް ފާހަގަކުރެއްވި އެވެ.
"ދެން އަޅުގަނޑުމެން މި އެޕްރޯޗް ކުރަނީ ނޭޕާލް ގެންނަން. މި ސީރިސް ކުރިއަށް ގެންދަން ޖެހޭ. އެއީ އަޅުގަނޑުމެން އެންމެ ބޭނުންވާ ސަރަހައްދީ ކާމިޔާބީ ލިބެން އޮތީ މި ގައުމުތައް ކޮންމެ މެޗެއްގައި ބަލިކުރެވޭނެކަމުގެ ޔަގީންކަން ލިބޭ ވަރަށް ކުޅެވިގެން. އެހެންވީމަ ހަމަ މި ކަހަލަ އެކުވެރިކަމުގެ މެޗުތައް ހުއްޓާނުލައި ކުރިއަށް ގެންދާނަން." ރަނޭޝް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ވީއޭއެމް ހިންގުމާ ހަވާލުވުމަށް ފަހު ރަނޭޝް އަންނަނީ އެސޯސިއޭޝަން ހިންގުމާއި ގައުމީ ޓީމުތަކަށް މުހިންމު ބަދަލުތަކެއް ގެންނަން ޕްލޭންތަކެއްގެ ތެރެއިން މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓަކަށް ވާނީ ފެންވަރު ރަނގަޅު ވޮލީބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމާއި ވޮލީބޯޅައިގެ ފޯރި ގަދަކުރުމުގެ ގޮތުން އަލުން ފަށަން ނިންމާފައިވާ އަތޮޅު މުބާރާތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment