Advertisement

ޓީމްގެ އެޓޭކަރުންނަށް ޕާފޯމެއް ނުކުރެވުނު، އެހެންވެ ފުރުސަތެއް ނުލިބި ބަލިވީ: ކޯޗު ކާއްޓޭ

12 ފެބުރުވަރީ 2022 - 12:24 1

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު


ޓީމްގެ އެޓޭކަރުންނަށް ޕާފޯމެއް ނުކުރެވުނު، އެހެންވެ ފުރުސަތެއް ނުލިބި ބަލިވީ: ކޯޗު ކާއްޓޭ

12 ފެބުރުވަރީ 2022 - 12:24 1

ބައިނަލްއަގްވާމީ އެކުވެރިކަމުގެ ސިލްސިލާގެ ފަހު މެޗުގައި ރޭ ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން ބަލިވި މައިގަނޑު ސަބަބަކީ ޓީމުގެ މައި އެޓޭކަރު އަދި ކެޕްޓަން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަށް ޕާފޯމް ނުކުރެވޭގޮތްވެގެން ކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ބަންގްލަދޭޝާއި ރާއްޖެ މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗުގައި ރާއްޖެ އިން ވަނީ ފަހަތުން އަރައި ބަންގްލަދޭޝް 3-1 އިން ބަލިކޮށްފަ އެވެ. އެއީ ހަ އަހަރު ތެރޭ ބަންގްލަދޭޝް އަތުން ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ. ނަމަވެސް ދެ ވަނަ މެޗުގައި ބުދަ ދުވަހުގެރޭ ބަންގްލަދޭޝް އިން ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. އެކުވެރިކަމުގެ މި ސިލްސިލާގެ ފަހު މެޗުގައި ރޭ ރާއްޖެ ސީދާ ތިން ސެޓުން ބަލިވިއިރު، މެޗުގެ ސެޓުތައް ބަންގްލަދޭޝުން ގެންދިޔައީ 25-18، 25-21 އަދި 25-18 އިންނެވެ.

ރޭގެ މެޗަށް ފަހު ކޯޗު ކާއްޓޭ ބުނީ މޮޅުވާން ފުރުސަތެއް ވެސް ނުލިބި ރާއްޖެ ބަލިވި މައިގަނޑު ސަބަބަކީ ކެޕްޓަން ކުޑަކާއްޓޭ އަށް ޕާފޯމް ނުކުރެވުން ކަމަށެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް ލިބޭ ބޯޅަތައް ނިންމާލެވޭ ގޮތް ނުވުމުން އެހެން ކުޅުންތެރިންގެ ކުޅުމަށް ވެސް އޭގެ އަސަރުކުރީ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

"ކެޕްޓަނަށް އުއްމީދު ކުރިވަރާ ގާތަށް ވެސް ނުކުޅެވުނު، ފިނިޝިން ވެސް ވަރަށް ދަށްކޮށް މި ދިޔައީ، އޭނާ (ކުޑަކާއްޓޭ) އަށް ލިބޭ ބޯޅަތައް ނިންމާނުލެވޭ ނަމަ މި ޓީމަށް މޮޅުވަން ވަރަށް އުނދަގޫ ވާނެ، އަނެއްކާ ރިސީވް ވެސް ދަށްކޮށް ދިޔައީ" ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ ބަންގްލަދޭޝް ޓީމަކީ އެއްކޮށް ގިނަ ދުވަހު ކުޅެ ވަރަށް ރަނގަޅަށް ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ފައްކާ ކޮށްފައި އޮތް ޓީމެއް ކަމަށެވެ. އެޓީމުގެ ބްލޮކާއި ޑިފެންސް ވެސް ވަރަށް ވަރުގަދަ ކަމަށް ކާއްޓޭ ބުނެފައިވެ އެވެ. އަދި ބަންގްލަދޭޝް ޓީމުގެ ސެޓަރު، އެމްޑީ އަލް-އަމީން އަކީ އެ ޓީމުގެމައި ތަނބުގެ ގޮތުގައި ފާހަގަކޮށް ކާއްޓޭ ބުނީ ފަހު ދެ މެޗު ވެސް ބަންގްލަދޭޝުން ކާމިޔާބުކުރިއިރު ސެޓަރުގެ ހުނަރާއި ގާބިލްކަން ފެނުނު ކަމަށެވެ.

ގައުމީ ޓީމު ބައިނަލްއަގްވާމީ ފެންވަރުގައި ކުޅެން ބަލާއިރު ދިވެހި ޓީމަށް އިސްކޮޅުން ދިގު ބްލޮކަރުން ބޭނުންވާ ކަމަށާއި، ޖޫނިއާ ކުޅުންތެރިންގެ ތެރެއިން އިސްކޮޅުން ދިގު ކުޅުންތެރިން ހޯދައި ދުރާލާ ތަމްރީން ކުރުން މުހިންމު ކަމަށް ކާއްޓޭ ބުނެފައިވެ އެވެ.

އޭނާ ބުނީ ޖުމްލަކޮށް ބަލާއިރު ސަރަހައްދީ ލެވެލްގައި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅު ކަމަށާއި، ނަމަވެސް މިހާރު އެހެން ގައުމުތަކުގެ ފެންވަރަށް ބަލާއިރު ރާއްޖޭގެ ޓީމަށް އިސްކޮޅުން ދިގު ބްލޮކަރުން ވަރަށް މުހިންމު ކަމަށެވެ.

ކާއްޓޭ ބުނީ ސަރަހައްދީ ގައުމުތަކާ އެކު އެކުވެރިކަމުގެ ސިލްސިލާގެ މެޗުތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ. މިއީ ޒުވާން ކުޅުންތެރިން ބޮޑެތި މުބާރާތްތަކަށް ތައްޔާރުކުރަން ވެސް ލިބޭ ބޮޑު ފުރުސަތެއް ކަމަށް ކާއްޓޭ ބުނެފައިވެ އެވެ.

ގައުމީ ޓީމަށް ބްރެޒިލްގެ ކޯޗެއް ކުރިއަށް އޮތް ހަފްތާ ތެރޭގައި ގުޅޭނެ އެވެ. އާ ކޯޗުގެ މަސައްކަތަށް ކާއްޓޭގެ އެހީތެރިކަން ހޯދާނެ އެވެ.

ރާއްޖޭގެ ޓީމުން ކުރިއެރުން އެބަފެނޭ: ބަންގްލަދޭޝްގެ އެސިސްޓަންޓް ކޯޗު

ބަންގްލަދޭޝް ވޮލީ ފުލް ޓީމު މި މެޗުތަކަށް އައި ނަަމަވެސް ހެޑް ކޯޗު އީރާންގެ ސައީދު ލަތީފް މި ފަހަރު ޓީމާ އެކު ނާދެ އެވެ. އޭނާ ހުރީ މާ ކުރިން ހަމަޖެހިފައިވާ ޗުއްޓީއަކަށް ގޮހެވެ. ރާއްޖޭގައި މި ކުޅޭ މެޗުތަކުގައި ޓީމަށް އިރުޝާދުދެނީ އެސިސްޓަންޓް ކޯޗަކަށް ހުރި އެމްޑީ އިމްދާދުލް ހަގް އެވެ.

ރޭގެ މެޗަށް ފަހު އިމްދާދުލް ބުނީ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބުރަކޮށް މަސައްކަތްކޮށް ބޭނުންވާ ފެންވަރުގެ ކުޅުމެއް ދެއްކި ކަމަށެވެ.

"އަހަރެންގެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔަން، ވަރަށް މޮޅަށް ކުޅެފި. ވަރަށް އުފާވެފައި މިހިރީ، މިއީ އެންމެންގެ ބުރަ މަސައްކަތް،" އިމްދާދުލް ބުންޏެވެ.

"ދެ ޓީމު ވެސް މޮޅަށް ކުޅުނު، އަހަރެން ފާހަގަ ކުރަން ބަލިވިޔަސް ރާއްޖެއިން ދެއްކި ކުޅުމަށް، ވަރަށް ބޮޑަށް ކުރިއެރުން އެބަފެނޭ، ރާއްޖެ ޓީމުގައި އަހަންނަށް އެބަ ފެނޭ އާ ކުޅުންތެރިން ކުރިއަރަމުން އަންނަ މިންވަރު ވެސް. މިއީ ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހޭ ކަމެއް،" އިމްދާދުލް ބުންޏެވެ.

އޭނާ ބުނީ ސަރަހައްދީ ގައުމުތަކާ އެކު އެކުވެރިކަމުގެ މެޗުތައް މިގޮތަށް ކުޅެން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި ކަމުގެ ސަބަބުން އާ ކުޅުންތެރިން ކުރިއަރަން ހިތްވަރު ލިބޭނެ ކަމަށެވެ. އަދި ރާއްޖެއާ އެކު މި ފެށުނު އެކުވެރިކަމުގެ ސިލްސިލާގެ މެޗުތައް ހުއްޓާނުލައި ކުރިއަށް ދާނެކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެމެންނަށް ދިވެހިން ދިން މެހުމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ. އުއްމީދުކުރަނީ މި ސިލްސިލާ (މެޗުތައް) ކުރިއަށްދާނެ ކަމަށް،" އޭނާ ބުންޏެވެ.

ރޭގެ މެޗު ޝަރަފްވެރި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއާއި މިނިސްޓަރު މަހުލޫފާއި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން ހުންނެވި، ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުހައްމަދު އަތީގުލް އިސްލާމް ވަޑައިގެންނެވި އެވެ. އަދި ރޭގެ މެޗަށްފަހު މަހުލޫފާއި އަތީގުލް ރަހްމާން ވަނީ ދެ ޓީމާ ވެސް ވަކިން ބައްދަލުކުރައްވައި މެޗުގައި ދެއްކި ކުޅިވަރުގެ ރީތި ނަމޫނާ އާއި ދެއްކި ހިތްވަރަށް ދެ ޓީމަށް ވެސް ހިތްވަރުދީފަ އެވެ.