12 ފެބުރުވަރީ 2022 - 12:58 2
އާއިޝަތު މިހުނާ ނާސިހް
12 ފެބުރުވަރީ 2022 - 12:58 2
ރަސްމީ ގަޑީގައި މުނާ ރިލްވާން 28, އާންމުކޮށް ފެންނާނީ ކެމެރާއެއް ކޮނޑުގައި އަޅުވައިގެން އުޅޭ ތަނެވެ. އޭނާއަކީ ވިލާ ކޮލުޖުގެ ފުލް ޓައިމް ސީނިއާ ގްރެފިކް ޑިޒައިނާ އެވެ. ޒުވާން, ފަންނުވެރި އަދި ހުނަރުވެރި މި ހަޔާތުގެ ވާހަކަ ތަފާތު އެކި ރޮނގުރޮގުން ދެއްކިދާނެ އެވެ. އެހެނަސް, ލަންކާގެ އެކެޑަމީ އޮފް ޑިޒައިން އިން އިންޓީރިއާ ޑިޒައިނިން ފުރިހަމަކުރި މުނާގެ ކާމިޔާބީގެ ލިސްޓުގެ އެންމެ ކުރީގައި ރަން އަކުރުން ފަވާލެވޭނީ އޭނާގެ އަމިއްލަ ބްރޭންޑް "ހިލްޓޮޕް ބައި މުނާ" އިން 2020 ޑިސެމްބަރުގައި ލޯންޗްކުރި ރާއްޖޭގެ ފުރަތަމަ އެކްޓިވް ވެއާ ލައިން ކަން ޔަގީނެވެ.
ދުވެލަން ވެސް, ޖިމަށްވެސް ނޫނީ ކަސްރަތުގެ ކޮންމެ ދާއިރާއަކަށްވެސް މިއީ ހަމަ "ބެސްޓް ފިޓެވެ." އެތައް ދުވަހެއްގެ އުންމީދާއި މަސައްކަތާއި ހިތްވަރުގެ ފޮނި މީރު މޭވާ އެވެ.
އަމިއްލަ ބްރޭންޑެއް ސުމަކުން ފަށާ ފައްކާކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ވަސީލަތްތައް މަދު, ހިޔާލުތައް ތަނަަވަސް އަދި ވާދަވެރި މާހައުލެއްގައި, ނުވިތާކަށް ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް މުޅި ދުނިޔެ ގެނބިފައިވަނިކޮށް, އުފަންކުރި މި ހިޔާލަކީ އޭގެ މާ ކުރީއްސުރެވެސް މުނާގެ ސިކުނޑީގައި ކުރެހި ކުލަޖެއްސެމުން ދިޔަ މަންޒަރެކެވެ. މަންމަގެ ފެހުމާއި ބައްޕަގެ އިންޖިނިއަރިން އިން "އިންސްޕަޔާ" ވެގެން އައި ބޮޑު ޕެޝަން އެއްވެސް މެ އެވެ.
"އަމިއްލަ ބްރޭންޑެއް ވެއްޖިއްޔާ އެ ޖެހޭނެ ތިމާ ރެޕްރެޒެންޓްކޮށްދޭން. އަޅުގަނޑަކީ އާންމު ދިރިއުޅުމުގައި ވެސް ވަރަށް ސިމްޕަލް އެއްޗިއްސަށް ލޯބިކުރާ މީހެއް. އެހެންވެ ބޭނުންވީ ވަރަށް ސިމްޕަލް, ޕްލެއިން ދެން އެންމެންނާވެސް ގުޅޭ އެއްޗެއް ހަދަން. އެގޮތަށް ވިސްނާފައި އެކްޓިވް ވެއާ ޗޫޒްކުރީ،" މުނާ ބުންޏެވެ.
ބްރޭންޑްގެ މަސައްކަތް ފުރަތަމަ ފެށިއިރަށް ބިންދާލީ ކޮވިޑްގެ ފުރަތަމަ ރާޅެވެ. ދަތުރުފަތުރުކުރުން ހުއްޓި ރާއްޖޭގެ ބޯޑަރުވެސް ބަންދުވެގެން ދިޔުމުން ކުރިން ޕްލޭންކުރެވި ތާވަލުކުރެވުނު މަސައްކަތްތަށް މުޅިން އެހެން ގޮތަކަށް ރާވާލަން ޖެހުނެވެ. އާ މަސައްކަތަކަށްވުމާއެކު, އަތުފުނާއަޅައިން އެކި މެޓީރިއަލްތައް ހޯދާ ބަލާ ޓެސްޓުކުރުމަށް ޖެހުނީ ކޮންމެ ފަހަރަކު ބޮޑު އަގުގައި އެ ތަކެތި ރާއްޖެއަށް ޝިޕްކުރާށެވެ. ކޮވިޑްގެ ބިރު އެންމެ ބޮޑުވި ދުވަސްވަރު މިއީ ގިނަ ވަގުތުތަކެއް ހޭދަވި އަދި ބޮޑެތި ހަރަދުތަކެއް ހިނގި ކަމެކެވެ. އެހެންކަމުން އެ ވަގުތުކޮޅުގެ ބޭނުން ހިފުމަށްޓަކައި މުނާ އެންމެ ފުރަތަމަ ލޯންޗްކުރީ "ބްރީތަބަލްސް" ގެ ނަމުގައި މާސްކް ކަލެކްޝަން އެކެވެ.
ޖުމްލަ ހަ ކުލައަކުން ދެ ފުށަށް އެޅޭހެން އަތުން ދޮވެ ދެވަނަ ފަހަރަށް ބޭނުންކުރަން ރައްކާތެރިކޮށް ފަރުމާކޮށްފައިވާ މި މާސްކްތައް ވެގެންދިޔައީ ބޮޑު ހިޓަކަށެވެ.
އެއަށްފަހު އަންހެނުންނާއި ފިރިހެނުންނަށްވެސް ވަކި ހާއްސަ ޕްރޮޑަކްޓްތަކަކާއެކު މުނާގެ ޑްރީމް ކަލެކްޝަން ކަމުގައިވާ "ޕަވާ ކަލެކްޝަން" ނެރެވުނީ އެ އަަހަރުގެ ޑިސެމްބަރުގަ އެވެ.
"އެކްޓިވް ވެއާ ލައިންއެއް ހެދުމަކީ ބްރޭންޑެއްގެ ގޮތުގައި އެންމެ ބޮޑު އެއް ގޯލް. އެއީ މި ލައިންގެ ފަހަތުގައި ވަރަށް ބައިވަރު މުހިންމު ވާހަކަތަކެއް އެބަހުރި. މެސުޖުތަކެއް އެބަހުރި. އެންމެ މުހިންމީ ސެލްފް އެމްޕަވާމަންޓް" މުނާ ބުންޏެވެ.
ތަފާތު އަށް ޕްރޮޑަކްޓެއް މި ކަލެކްޝަންގައި ހިމެނެ އެވެ. އެއީ އަންހެނުންނަށް އަތް ކުރު އަދި އަތް ދިގު ޓޮޕާއި, ބުރުގާ އަޅާ ފަރާތްތަކަށް ހާއްސަ ޓޮޕަކާއި, ހައި ވެއިސްޓް ލެގިންއާ ސްޕޯޓްސް ބްރާގެ އިތުރުން, ފިރިހެނުންނަށް އަތް ކުރު ޓީޝާޓްއަކާއި, ސޯޓަކާއި އަދި ބޭސް ލޭޔާ ލެގިން އެކެވެ.
"ހުރިހާ އެއްޗަކީވެސް ވަރަށް ލައިޓް ވެއިޓް, ކުއިކް ޑްރައި އަދި އެންޓި އޮޑާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ މެޓީރިއަލް އެއް. ދެން އަރިމަތީގައި މި ހުންނަނީ ސްވެޓް ޕިކިން ފެބްރިކް. ދާހިތްލިޔަސް މާ ބޮޑަށް ގަޔަށް ތަތްވެ ބަރެއް ނުވާނެ،" އޭނާ ބުންޏެވެ.
މުޅި ކަލެކްޝަނުންވެސް އެންމެ ތަފާތު އަދި އެންމެ ގިނަބައެއްގެ ތަރުހީބާއި ތައުރީފު ލިބިގެންދިޔަ ޕްރޮޑަކްޓަކީ ލޯންގް ސްލީވް ލޫޒް ޓޮޕެވެ. ކަސްރަތަށް ނުކުންނަ ވަގުތުތަކުގައި ގަޔަށް ދޫކޮށް ދިގުކޮށް ހުންނަ ހެދުމެއް މާލެއިން ހޯދުމަކީ މި ފަހަކާ ޖެހެންދެން "އިމްޕޮސިބަލް" ކަމެއްގައި އޮތްއޮތުން ދިވެހި މި ބްރޭންޑުން މިވަނީ "ޕޮސިބަލް" ކޮށްފަ އެވެ.
ޕަވާއަޕް ކަލެކްޝަންގެ ކާމިޔާބީއަށް ފަހު ސިމްޕްލީ އާތުގެ ނަމުގައި ދެ ފުށަށްވެސް އަޅާލެވޭ "އީކޯ މީ ޓޯޓް" ދަބަހެއްވެސް މުނާ ވަނީ ނެރެފަ އެވެ.
ހަމަ އަސްލަށްވެސް ހިލްޓޮޕް، ހިލް-ޓޮޕް އަކަށް ވެެއްޖެ އެވެ. މުނާ ބުނާގޮތުން މި ނަމުގެ ފަހަތުގައިވަނީ ހަމަ އެންމެ ކަމެކެވެ. އަބަދުވެސް ދެވެން އޮތް އެންމެ ކުރިއަކަށް އެންމެ އުހަށް ދިއުމެވެ. ފެށުން ހަމަ ގައިމުވެސް ވަރަށް ކާމިޔާބެވެ. ކުރިއަށްއޮތީވެސް އުންމީދީ ދުވަސްތަކެކެވެ.
Comment