Advertisement

ފުޓްބޯޅަ އަށް އެނބުރި މި އައީ އެތައް ޑޮކްޓަރުންގެ ރުހުމާ އެކު: އެރިކްސަން

9 ފެބުރުވަރީ 2022 - 08:55 0

އެރިކްސަން ބްރެންޓްފޯޑްގެ ޖޯޒީގައި: އޭނާ މެޗުތަކުން ފެންނާނީ ހަފްތާއެއްހާ ދުވަސް ފަހުން.


ފުޓްބޯޅަ އަށް އެނބުރި މި އައީ އެތައް ޑޮކްޓަރުންގެ ރުހުމާ އެކު: އެރިކްސަން

9 ފެބުރުވަރީ 2022 - 08:55 0

ލަންޑަން (ފެބްރުއަރީ 9) - މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ދަނޑުންބޭލި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް މަސް ދުވަސް ފަހުން އެނބުރި ފުޓްބޯޅަ އަށް އާދެވޭގޮތްވީ އެތައް ޑޮކްޓަރުންނަށް ދައްކައި ހުއްދަ ހޯދުމަށް ފަހު ކަމަށް އޭނާ ބުނެފި އެވެ.

އެރިކްސަން ވަނީ މިދިޔަ މަހުގެ ޓްރާންސްފާގައި ހަ މަހުގެ ކޮންޓްރެކްޓެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ސޮއިކޮށްފަ އެވެ.

ޔޫރޯގައި ޑެންމާކުން ކޯޕެންހާގެންގައި ފިންލެންޑާ ދެކޮޅަށް ކުޅެނިކޮށް އެރިކްސަން ،29، އަށް ހިތުގެ މައްސަލަ ދިމާވި ފަހުން އޭނަ އަދި ވާދަވެރި މެޗެއް ނުކުޅެ އެވެ. ހިތުގެ މައްސަލަ އަށް ހައްލެއް ހޯދަން، އެރިކްސަން ވަނީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިފަ އެވެ. އައިސީޑީ ލައްވައިގެން އެރިކްސަން އަށް އިޓަލީގައި ނުކުޅެވޭނެތީ އެ ކްލަބުން އޭނާ ކޮންޓްރެކްޓް އުވާލީ އެވެ. އޭގެ ފަހުން އެރިކްސަން އައީ އެކި ޑޮކްޓަރުންނަށް ދައްކައި، އޭނާ އަށް އަލުން ފުޓްބޯޅަ ކުޅެން ނުކުމެވޭނެ ކަމުގެ ޔަގީންކަން ހޯދަމުންނެވެ.

ބްރެންޓްފޯޑްގެ ރަސްމީ މީޑިއާ ޗެނަލަށް ދިން އިންޓަވިއުއެއްގައި އެރިކްސަަން ބުނީ ޔޫރޯގެ މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާގެ އަންހެނުން ސަބްރީނާ ގާތުގައި ދެން ފުޓްބޯޅަ ނުކުޅެވޭނެކަމަށް ބުނި ކަމަށެވެ.

އެކަމަކު، އޭގެ ދެތިން ދުވަސް ފަހުން ކަންކަން ބަދަލުވާން ފެށި ކަމަށް އެރިކްސަން އަށް ގަބޫލުކުރެވެން ފެށި އެވެ.

"އަހަންނަށް ޔޫރޯގައި އެހެން ދިމާވިތާ ދެތިން ދުވަސް ފަހުން އަމިއްލަ ނަފްސަށް ވިސްނައިދެވުނު ފުޓްބޯޅަ ދަނޑަށް އެނބުރި އާދެވޭނެކަން. އެ އުންމީދު އެ ހިސާބުން ވެސް ފެށުނު. އެކަމަކު، އެކަން ކުރެވޭނެ އޮތީ ދިގު މަގަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަން ވެސް އެނގޭ. އެހެންވެ، އެތައް ޑޮކްޓަރުންނަށް ދައްކައި، އެތައް ޓެސްޓްތަކެއް ހަދައިގެން މި ހުރީ އެނބުރި އައިސް،" އެރިކްސަން ބުންޏެވެ.

ބްރެންޓްފޯޑްގެ ޕްރެކްޓިހެއްގެ ތެރެއިން އެރިކްސަން.


އެރިކްސަން އަށް ކުޅުމުގެ ހުއްދަ ލިބުނީ ހާއްސަ މެޑިކަލް ޓެސްޓްތަކަކުން ފާސްވެގެންނެވެ. އެރިކްސަންގެ މެޑިކަލް ޓެސްޓްތައް ޕްރިމިއާ ލީގުން ވެސް ވަނީ ގިނަ ޑޮކްޓަރުންނަށް ދައްކައި ލަފާ ހޯދައިފަ އެވެ. މިހާރު އޮތްގޮތުން، އެރިކްސަން އަކީ އައިސީޑީ ލައްވައިގެން ޕްރިމިއާ ލީގުގައި ކުޅޭނެ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ފާއިތުވި އަށް މަހެއްހާ ދުވަހު ޕްރޮފެޝަނަލް ފުޓްބޯޅަ އަށް އޭނާ އަށް އެނބުރި އާދެވިދާނެތޯ އަމިއްލަ ސިކުނޑީގައި އުފެދިފައިވާ ސުވާލާ ހެދި އެރިކްސަން އަށް ގިނަ ނަފްސާނީ އުނދަގޫތަކެއް ކުރިމަތިވި އެވެ. އެހެންވެ، ހިތްހަމަޖެހިގެން ފުޓްބޯޅަ މެޗެއް ވެސް ބަލައިނުލެވޭ ކަމަށް ވެސް އެރިކްސަން ވަނީ ބުނެފަ އެވެ.

އެކަމަކު، ބްރެންޓްފޯޑަށް ސޮއިކޮށް އެ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވެވޭތީ މިހާރު މަޑުމަޑުން ކުރިން އެ ލިބެމުން އައި ހިތްހަމަޖެހޭ ކަންކަމުގެ އިހުސާސް ކުރެވެމުން އަންނަ ކަމަށް އެރިކްސަން ވަނީ ބުނެފަ އެވެ.

ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ބުނީ އެރިކްސަން ވެގެންދާނީ އެ ކްލަބްގެ ތާރީހުގައި އެ ޓީމާ ގުޅުނު އެންމެ މަޝްހޫރު ކުޅުންތެރިޔާ ކަމަށެވެ. ބްރެންޓްފޯޑުން މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭއިރު، މިއީ ފާއިތުވި 74 އަހަރު ތެރޭ އެ ޓީމުން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި އެރިކްސަން، ބްރެންޓްފޯޑާ ގުޅުނު ނަމަވެސް ފްރޭންކް ބުނީ އަވަސް އަރުވާލައިގެން މެޗުތަކަށް އެރިކްސަން ނުނެރޭނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ ދަނޑުގައި ބްރެންޓްފޯޑުން ކުޅޭ މެޗުގައި އެރިކްސަން ފެނުމުގެ ފުރުސަތު ނެތެވެ. އެއީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެރިކްސަންގެ ޕްރެކްޓިސްތައް ބަލާފައި އޭނާ މެޗަށް ނެރުމުގެ ވިސްނުމުގަ އެވެ.

ކްލަބް ލެވަލްގައި ރަނގަޅު ކުޅުމެއް ދައްކައި، އެރިކްސަން ހުރީ މި އަހަރު ނޮވެމްބަރާއި ޑިސެމްބަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ޑެންމާކް ޓީމަށް ކުޅުމުގެ އުންމީދުގަ އެވެ.