Advertisement

ތައްޓާ އެކު އައި ގައުމީ ބަތަލުންނަށް ސެނެގާލުން ރަތްދޫލައިގެ މަރުހަބާއެއް

8 ފެބުރުވަރީ 2022 - 08:27 0

ސެނެގާލުން އިއްޔެ ބޭއްވި ޓްރޮފީ ޕެރޭޑުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ


ތައްޓާ އެކު އައި ގައުމީ ބަތަލުންނަށް ސެނެގާލުން ރަތްދޫލައިގެ މަރުހަބާއެއް

8 ފެބުރުވަރީ 2022 - 08:27 0

ޑަކާ، ސެނެގާލް (ފެބްރުއަރީ 8) - ޕެނަލްޓީ ޖަހައިގެން 4-2 އިން މިސްރު ބަލިކޮށް ފުރަތަމަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދި ސެނެގާލް ޓީމު އެނބުރި ގައުމަށް ދިޔުމުން، އެ ގައުމުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެފްރިކާގެ އެންމެ ކާމިޔާބު ޓީމު މިސްރު ބަލިކޮށް، ސެނެގާލުން ސަރަހައްދީ ތަށި ފުރަތަމަ ފަހަރަށް އުފުލާލިއިރު، މުބާރާތުގެ މުހިންމު އިންޑިވިޖުއަލް މަގާމުތައް ވެސް ހޯދީ އެ ޓީމުގެ ކުޅުންތެރިންނެވެ. އެ ގޮތުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ސަޑިއޯ މާނޭ ހޯދިއިރު، އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދީ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ އެވެ.

ސެނެގާލުން ފުރަތަމަ ފަހަރަށް ފުޓްބޯޅައިގައި ހޯދި ބޮޑު ކާމިޔާބީއާ އެކު އެ ގައުމަށް އުފާވެރިކަމުގެ ބޮޑު އީދެއް އަައިސްފައިވާއިރު، މި ކާމިޔާބީ ފާހަގަކުރަން މިދިޔަ ހޯމަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެގައުމުގެ ސަރުކާރުންވަނީ ނިންމައިފަ އެެވެ.

ސެނެގާލްގެ ގައުމީ ޓީމުން މި ހޯދި ކާމިޔާބީ ފާހަގަކުރުމުގެ އެންމެ ކުރީ ސަފުގައި އުޅުއްވަނީ އެގައުމުގެ ރައީސް މެކީ ސޯލް އެވެ. އެ ގޮތުން ގައުމީ ޓީމުގެ ޝަރަފްގައި އޮންނަ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ސޯލް ވަނީ ގައުމުން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކުރުކޮށްލައްވައި އެނބުރި ގައުމަށް ވަޑައިގަންނަވައިފަ އެވެ.

ސެނެގާލްގެ ކެޕްޓަން ކުލިބާލީ (ކ) ސެނެގާ؛ްގެ ރައީސް ސާލް (މ) އަދި ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ.


ސެނެގާލްގެ ރައްޔިތުންގެ އުފާފާޅުކުރުންތައް ފެށުނީ މިދިޔަ އާދިއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ނިމުމާ އެކުގަ އެވެ. އެ ގޮތުން އެ ގައުމުގެ އެކި ސަރަހައްދުތަކުގެ ބޮޑެތި މަގުތަކަށް ރައްޔިތުން ނުކުމެވަނީ އުފާފާޅުކުރުންތައް ފަށައިފަ އެވެ. މަގުމަތީގައި ނެށުމާއި ބެރު ޖެހުމުގެ އިތުރުން ބަޑިބޭހުގެ ކުޅިވަރުތައް ވެސް ވެރިރަށް ޑަކާގައި ކުރިއަށްދިޔަ އެވެ.

ސަރަހައްދީ ތައްޓާ އެކު އެނބުރި ގައުމަށް ޓީމު އަންނަން ހަމަޖެހިފައިވާ ވަގުތުގެ ކުރިން އެތައް ބަޔަކުވަނީ އެއާޕޯޓް ކައިރިއަށް އެއްވެފަ އެވެ. އަދި ފްލައިޓް ޖެއްސުމާ އެކު ސަޕޯޓަރުން ވަނީ ބެރުޖަހައި އުފާފާޅުކުރުންތައް ފަށައިފަ އެވެ.

އިއްޔެ އަކީ ރަސްމީ ބަންދު ދުވަހަކަށް ސެނެގާލް ސަރުކާރުން ނިންމުމާ އެކު މަގުތަކަށް ނިކުމެ ގިނަ ބަޔަކު ވަނީ ލަވަޖަހައި ބޮޑު "ސްޓްރީޓް ޕާޓީ"އެއް މުޅި ދުވަހު ބާއްވައިފަ އެވެ. އަދި ސެނެގާލްގެ ޓީމުގެ ބަސް ދަތުރުކުރި ހުރިހާ މަގެއް ވެސް ވަނީ ފުރާލައިފަ އެވެ.

މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޓީމަށް ސަޕޯޓް ދިނުމަށްޓަކައި 10،000 އަށް ވުރެ ގިނަ މީހުން ވަނީ ޑަކާގެ މަގުތަކަށް ނުކުމެފަ އެވެ.

ސެނެގާލްގެ ގައުމީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ކަންކަން ސެނެގާލްގެ ގިނަ ރައްޔިތުން އުޅޭ އެހެން ގައުމުތަކުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ސެނެގާލްގެ ބޮޑު އާބާދީއެއް ދިރިއުޅޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ވެސް އުފާފާޅުކުރުންތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.