Advertisement

އައިވަރީ ކޯސްޓުން އެފްރިކާގެ ތަށި އުފުލާލައިފި، ތަރިއަކީ އަލެއާ

12 ފެބުރުވަރީ 2024 - 11:32 0

އަލެއާ (މ)، އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީ، އޫޓާރާއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.


އައިވަރީ ކޯސްޓުން އެފްރިކާގެ ތަށި އުފުލާލައިފި، ތަރިއަކީ އަލެއާ

12 ފެބުރުވަރީ 2024 - 11:32 0

އަބީޖާން، އައިވަރީ ކޯސްޓް (ފެބްރުއަރީ 12) - ނައިޖީރިއާގެ މައްޗަށް 2-1 އިން ކުރިހޯދައި، އައިވަރީ ކޯސްޓުން، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މެޗުގައި ވެސް އައިވަރީ ކޯސްޓް މޮޅުކޮށްދިން ލަނޑު ޖެހީ ސަބެސްޓިއަން އަލެއާ އެވެ. މީގެ އަހަރެއްހާ ދުވަސްކުރިން، ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށް ފަހު ކުޅުމަށް އެނބުރި އައި، އަލެއާ ވަނީ ސެމީ ފައިނަލުގައި އައިވަރީ ކޯސްޓުން ކޮންގޯ އަތުން ބަލިކުރި މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

ރޭގެ ފައިނަލުގައި ލީޑުނެގީ، ނައިޖީރިއާ އިންނެވެ. އެ ޓީމުގެ ފަހަތަށް ކުޅޭ، ވިލިއަމް ޓްރޫސްޓް އެކޮންގް ކޯނަރަކަށް އަރައި، މެޗުގެ 38 ވަނަ މިނިޓްގައި ބޮލުން ޖެހި ގޯލުން، ނައިޖީރިއާ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ.

މި ފަހަރުގެ އެފްރިކަން ކަޕް އަމިއްލަ ގައުމުގައި ހޯސްޓްކުރި ނަމަވެސް އައިވަރީ ކޯސްޓަށް ކުރަން ޖެހުނީ ފަސޭހަ ދަތުރެއް ނޫނެވެ. އެ ޓީމުން މި ފަަހަރުގެ މުބާރާތުގައި ފެށުން ދަށްކޮށް ދިއުމުން ވަނީ ކޯޗު ވެސް ބަދަލުކޮށްފަ އެވެ. އައިވަރީ ކޯސްޓްގެ ކޯޗުކަމުން، ޖީން ލުއިސް-ގަސޭ ވަނީ ވަކިކޮށް، އިންޓަރިމް ކޯޗެއްގެ ގޮތު ހަވާލުވެހުރީ، އެމާސް ފައޭ އެވެ. އެފްރިކަން ކަޕްގެ 2015 ވަނަ އަހަރުގެ ޗެމްޕިއަން، އައިވަރީ ކޯސްޓުން ވަނީ ނޮކައުޓް ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލްގެ އިތުރުން ވަރުގަދަކޮށް ފެނުނު މާލީ ވެސް ބަލިކޮށްފަ އެވެ.

ފައިނަލުގައި ފަހަތުން އަރައި ނައިޖީރިއާގެ މައްޗަށް އައިވަރީ ކޯސްޓުން ކުރިހޯދިއިރު، އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހީ، 62 ވަނަ މިނިޓްގައި ފްރޭންކް ކެސިއޭ އެވެ. އަދި މޮޅުވި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް، އަލެއާ އެވެ. ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އަޑިންގްރާ އެވެ.

އެއް ބިލިއަން ޑޮލަރު ހަރަދުކޮށްގެން، އައިވަރީ ކޯސްޓުން މި ހޯސްޓްކުރި އެފްރިކަން ކަޕްގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިއިރު، މިއީ އެފްރިކާގެ ތަށި އެ ޓީމުން އުފުލާލި ތިން ވަަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ޗެމްޕިއަންކަން ހޯދީ 1992 އާއި 2015 އެވެ. އައިވަރީ ކޯސްޓަކީ، 2006 ވަނަ އަހަރު މިސްރުގެ ފަހުން، މުބާރާތް ހޯސްޓްކޮށްގެން ތަށި ހޯދި ފުރަތަމަ ޓީމެވެ.