8 ފެބުރުވަރީ 2022 - 09:12 0
އިސްމާއީލް އަޒްމީން
ރޭގެ މެޗުގެ ތެރެއިން ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
8 ފެބުރުވަރީ 2022 - 09:12 0
ފާއިތުވި ހަ އަހަރު ތެރޭ ބަންގްލަދޭޝް އަތުން ރާއްޖޭގެ ގައުމީ ވޮލީ ޓީމުން ހޯދި މޮޅަކީ ފާހަގަކުރަންޖެހޭ ވަރުގެ ކާމިޔާބެއް ކަމަށް ގައުމީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުން ފަހަތުން އަރައި ރާއްޖޭގެ ވޮލީ ޓީމުން ބަންގްލަދޭޝް ބަލިކުރީ ތިން ސެޓު އެއް ސެޓުންނެވެ. މިއީ 2016 ގައި އިންޑިއާގެ ގުވަހާޓީގައި ކުޅުނު ސައުތު އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އަތުން މޮޅުވި ފަހުން ރާއްޖޭން ބަންގްލަދޭޝް އަތުން މޮޅުވި ފުރަތަމަ މެޗެވެ. ތައިލެންޑްގެ ކޯޗު ސުންޓޮން ފޮސީޓާގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކުރި ފަހުން ދެން 2016، 2018 އަދި 2021 ގައި ކުޅުނު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ މެޗުތަކުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.
ބަންގްލަދޭޝް އަތުން ހޯދި ތާރީޚީ މޮޅަށް ފަހު ކޯޗު ކާއްޓޭ ބުނީ މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވެސް ބަންގްލަދޭޝް ފެނުނީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެހެންވެ، އެ ވަރުގެ ޓީމެއް އަތުން މޮޅުވެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.
އަދި ފުރަތަމަ ސެޓު އަތުން ގޮސްފައި ވަނިކޮށް ފަހަތުން އަރައި މޮޅުވެވުނީ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކުޅެގެން ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ. އަދި، މެޗު ރާއްޖެ ކޮޅަށް އަނބުރާލުމުގައި ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ހިއްސާ ބޮޑުކަމަށް ކާއްޓެ ވަނީ ފާހަގަކޮށްފަ އެވެ.
"ބަންގްލަދޭޝް ކަހަލަ ވަރުގަދަ ޓީމެއް އަތުން މޮޅުވުމަކީ ބޮޑު ކާމިޔާބެއް. ފަހަކަށް އައިސް އަހަރުމެން ނެތް ބަންގްލަދޭޝް އަތުން މޮޅުވެފައެއް. އެގޮތަށް ބަލާއިރު، މިއީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް. މުޅި ޓީމު ވެސް މި މެޗުގައި ވަރަށް ރަނގަޅަށް ކުޅެފި،" ކާއްޓޭ ބުންޏެވެ.
ކޯޗު ކާއްޓޭ ބުނީ ކުޑަކާއްޓެގެ އިތުރުން އާދަމް ނަސީމް (އެޑަމާ)ގެ ކުޅުން ވެސް މި މެޗުގައި ވަރަށް ފާހަގަކޮށްލެވޭ ކަމަށެވެ. މި ދެ ކުޅުންތެރިންގެ ނަން ކާއްޓޭ ފާހަގަކުރި އެންމެ ބޮޑު ސަބަބަކީ ދެ ކުޅުންތެރިން ވެސް ގައުމީ ޓީމުގެ ޕްރެކްޓިހާ ގުޅުނީ ދެ ދުވަސް ކުރިން ކަމަށްވާތީ އެވެ. އެ ދެ ކުޅުންތެރިން ތިބީ ބީޗްވޮލީބޯޅަ ޓީމަށް ދޫކޮށްފަ އެވެ. އެއީ ބްރެޒިލްގެ ކޯޗު ވިނީޝިއުސްގެ ބެލުމުގެ ދަށުން ޓްރެއިނިން ހަދާށެވެ.
ކޯޗު ކާއްޓޭ ބުނީ އެޑަމް އާއި ކުޑަކާއްޓެ ބީޗްވޮލީ ޓީމާ އެކު ފަރިތަކުރި ކަމުގައިވިޔަސް އެހާ ބޮޑަށް އެކަމުން ޓީމަށް ގެއްލުން ނުދައްކާ ކަމަށެވެ. ސަބަބަކީ ދެ ކުޅުންތެރިންނަކީ ވެސް ގައުމީ ޓީމުގައި ދެން ތިބި ކުޅުންތެރިންނާ އެކު ކުރިން ކުޅެފައިވާ ދެ ކުޅުންތެރިންނަށް ވެފައި، ކޮންބިނޭޝަން ވެސް ރަނގަޅު ވުމެވެ. އަދި މީގެ އިތުރުން ކުޑަކާއްޓެ އާއި އެޑަމްގެ ފިޓްނަސް ރަނގަޅުވުމަކީ ވެސް ލިބުނު އެޑްވާންޓޭޖެއްގެ ގޮތުގައި ކާއްޓޭ ސިފަކުރި އެވެ.
"ޝާހު (ކުޑަކާއްޓޭ) އާއި އެޑަމް އަކީ މިއީ ކޮންމެ ގަޑިއަކު ޓީމަށް ލިޔަސް ރާއްޖޭގެ ޓީމާއި ވަރަށް ގުޅޭނެ ކުޅުންތެރިން. އަނެއްހެން ފިޒިކަލީ ވަރަށް ފިޓްކޮށް ދެ މީހުންވެސް ތިބީ. ހާއްސަކޮށް އެޑަމް މިރޭ (ރޭ) ވަރަށް ރަނގަޅަށް ކުޅެފި. އެހެންވީމަ އެއީ ލިބުނު ވަރަށް ބޮޑު އެޑްވާންޓޭޖެއް. ދެ ކުޅުންތެރިންވެސް ވަރަށް ޓޮޕްގަ ކުޅެފި،" ކާއްޓޭ ބުންޏެވެ.
ގައުމީ ވޮލީ ޓީމުން މިރޭގެ މެޗު ކުޅުނީ އާއިލީ ކަމެއްގައި މި ވަގުތު ޓީމާ ދުރުގައި ތިބި ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އާއި ސްޕައިކަރު، ހަސަން ނިލާމް (ޕާޓޭ) ނެތި އެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި ޓީމްގައި ތިބީ މުޅިން އާ ދެ ކުޅުންތެރިންނެވެ.
ބެންޗުގައި ސީނިއާ ކުޅުންތެރިއެއް ނެތުމާއި ގުޅޭގޮތުން ކޯޗު ކާއްޓޭ ބުނީ ބުޅިކެ އަދި ޕާޓޭގެ ބަދަލުގައި ޒުވާން ދެ ކުޅުންތެރިން ހިމަނަން ނިންމީ މުސްތަގްބަލަށް ބަލާފައި ކަމަށެވެ، ބޭނުންވަނީ ވީހާ ވެސް ގިނަ ޒުވާން ކުޅުންތެރިންނަށް އެ ފުރުސަތުދޭން ކަމަށް ކާއްޓޭ ވަނީ. ބުނެފަ އެވެ.
"މިއީ ބޮޑު މުބާރާތެއްވެސް ނޫން. އެހެންވީމަ ހަމަ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދެން ބަލާއިރު މިއީ ރަނގަޅު ދަނޑިވަޅެއް. އެހެންވެ އެގޮތަށް ބަލާފައި އަޅުގަނޑުމެން ގިނައިން ޒުވާން ކުޅުންތެރިން މި ލީވެސް. ފުރަތަމަ ހައެއް ފިޔަވައި ދެން ތިބީ މުޅިން ޒުވާން ކުޅުންތެރިން. މިއީ މި ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ފުރުސަތެއް" ކާއްޓޭ ބުންޏެވެ.
ކޯޗު ކާއްޓޭ ބުނީ ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން މޮޅުވި ކަމުގައިވިޔަސް އަދިވެސް ޓީމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ސިލްސިލާ މެޗުތަކުގައި ބާކީ އޮތް ދެ މެޗުގައި އެކަން ކަމަށް އިސްކަންދޭނެ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ. ރަނގަޅު ކުރަން ޖެހޭ ކަންކަމަށް ބަލާއިރު، ކާއްޓޭ އަށް ފާހަގަކުރެވުނީ ޑިފެންސާއި ބްލޮކްގެ ކަންކަމެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާ އެކު ލިބުނު ފުރުސަތެއްގައި ބަންގްލަދޭޝް ޓީމާ ދެކޮޅަށް ރާއްޖޭން ދެން ކުޅޭ ދެ މެޗު އޮންނާނީ މާދަމާރެޔާއި އަންނަ ހުކުރު ދުވަހުގެރޭގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment