Advertisement

ކްލައިމެޓް ފަންޑިއަންއަށް އެންމެ އަވަސް ހައްލަކީ ދަރަނި ރިސްޓްރަކްޗާކުރުން: ޖީސީއޭ

6 ފެބުރުވަރީ 2022 - 14:11 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޖީސީއޭގެ ސީއީއޯ ޕެޓްރިކް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ރާއްޖޭގެ ފަރެއް އޮތް ހާލަތު ފެނިވަޑައިގެން ވަރަށް ބޮޑު ހިތާމަލިބިވަޑައިގެންނެވި ކަމަށް.


ކްލައިމެޓް ފަންޑިއަންއަށް އެންމެ އަވަސް ހައްލަކީ ދަރަނި ރިސްޓްރަކްޗާކުރުން: ޖީސީއޭ

6 ފެބުރުވަރީ 2022 - 14:11 0

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް ގިނަ އަދަދެއްގެ ފައިސާ ހޯދަން ޖެހޭ ކަމަށާއި އެކަމަށް އޮތް އެންމެ އަވަސް ހައްލަކީ ދަރަނި ރިސްޓްރަކްޗާކުރުން ކަމަށް ގްލޯބަލް ސެންޓަ ފޯ އެޑަޕްޓޭޝަން (ޖީސީއޭ) ގެ ސީއީއޯ ޑރ.ޕެޓްރިކް ވަރްކޫޖަން މިއަދު ވިދާޅުވެއްޖެ އެވެ.

ނެދަލޭންޑްސްގައި މަރުކަޒުކޮށްފައިވާ ޖީސީއޭއަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްތަށް ފައިސާ ހޯދައިދޭން މަސައްކަތްކުރާ ބައިނަލް އަގުވާމީ ޖަމާއަތެކެވެ. ރާއްޖޭގެ އެފަދަ މަޝްރޫއުތަކަށް ހަރަދުކުރަން 200 މިލިޔަން ޑޮލަރު ހޯދައިދޭން މަސައްކަތް ކުރަން އެޖަމާއަތުން މިދިޔަ އަހަރު ވަނީ އެއްބަސްވެފަ އެވެ. ޕެޓްރިކް ރާއްޖެއަށް ވަޑައިގެންނެވީ އެ މަސައްކަތް ފެށުމަށް ޓަކައި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށެވެެ.

ރައްޔިތުންގެ މަޖިލީހުގެ އެެންވަޔަރްމެންޓް ކޮމިޓީއާ ޕެޓްރިކް މުހާތަބުކުރެއްުވުމަށް ޓަކައި އެކޮމިޓީން މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރެއިން ދަރަނީގެ މައްސަލަތައް ކުރިމަތިވެފައިވާ ގައުމުތައް އެކުވެގެން މަސައްކަތްކޮށް ދަރަނިތައް ރިސްޓްރަކްޗާ ކުރުމަކީ އެންމެ ރަނގަޅު އެއް ހައްލު ކަމަށެވެ.

ޖީސީއޭގެ ސީއީއޯއާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި ވަފުދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވަނީ.


"އެކަމަށް ޓަކައި [ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމަށް ޓަކައި] އަޅުގަނޑުމެން ފުރަތަމަ ބަލަންވީ ކްލައިމެޓް ވުލްނަރަބުލް ގައުމުތަކަށް މައްސަލައަކަށް ވެފައިވާ އެތައް ޓްރިލިއަން ޑޮލަރެއްގެ ދަރަންޏަށް. މި ހުރިހާ ދަރަންޏެއް ނުވަތަ މި ދަރަނީގެ ބޮޑު ބައެއް ރިސްޓްރަކްޗާ ކޮށް، އެ ޕޭމަންޓްތައް ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓްތަކަށް އިންވެސްޓް ކޮށްފި ނަމަ އެއީ އިގުތިސާދަށް ވާނެ ރަނގަޅެއް. އެއީ ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ރަނގަޅުވާނެ ކަމެއް," އޭނާ ވިދާޅުވި އެވެ.

އެކަމަކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ގާއިމްކުރަން މަސައްކަތްކުރާ ފައިނޭންޝަލް ފެސިލިޓީ "888ޕީ ޕްރޮގްރާމް" އިން ރާއްޖެއަށް ފައިސާ ހޯދައިދޭން ވެސް ޖީސީއޭއިން މަސައްކަތްކުރާނެ ކަން ވެސް އޭނާ ހާމަކުރެއްވި އެވެ.

ކްލައިމެޓް އެެޑަޕްޓޭޝަން ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖައްސަން ޖީސީއޭއިން ކުރާ މައްސައްކަތުގެ ކާމިޔާބުކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ އެފްރިކާގައި މިހާރު ރާވާފައިވާ އެޑަޕްޓޭޝަން ޕްރޮގްރާމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހައިތަނަށް ހިންގާ އެފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ.

"އެ ޕްރޮގްރާމްގައި ފަސް އަހަރު ދުވަހުގެ ތެރޭގައި 25 ބިލިޔަން ޑޮލަރު ހަރަދުކުރާނެ. އޭގެ ތެރެއިން 12 ބިލިޔަން ޑޮލަރު މިހާރުވެސް ވަނީ މޮބިލައިޒްކުރެވިފައި، އެންމެ އަހަރެއްގެ ތެރޭގައި،" ޕެޓްރިކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމް ރޭވީ އެފްރިކަން ޔޫނިއަން އާއި އެފްރިކަން ޑިވެލޮޕްމެންޓް ބޭންކާ އެކު ޖީސީއޭއިން ވަރަށް ގާތުން މަސައްކަތްކޮށްގެންނެވެ.

މިހާރު ގާއިމްކުރަން މަސައްކަތްކުރާ 888ޕީ ޕްރޮގްރާމަކީ ހަމަ އެ ވަރުގެ ޕްރޮގްރާމަކަށް ނުހެދެންވީ ކީއްވެތޯ އޭނާ ސުވާލުކުރެއްވި އެވެ. އެއީ އޭޝިއާގެ ގައުމުތަކުގެ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓްތަކަށް ފައިސާ ދޫކުރާ ޕްރޮގްރާމަކަށް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ޕްރިޖެކްޓްތަކަށް ހަރަދުކުރާ ޕްރޮގްރާމަކަށް ހެދިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމުން ރާއްޖެއަށް އެހީތެރިކަން ހޯދަން މަސައްކަތް ކުރަން އޭނާ ރައްޔިތުންގެ މަޖިލީހަށް ވެސް ގޮވައިލެއްވި އެވެ.