Advertisement

ކޮމަންޑޫ ބައި-އިލެކްޝަނާ ގުޅިގެން ދިހަ ޝަކުވާ، އެކަމަކު އެއްވެސް ހެއްކެއް ހުށަނާޅާ

5 ފެބުރުވަރީ 2022 - 22:06 0

އަމަން ހަލީމް

އަމަން ހަލީމް

އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ކޮމަންޑޫ ފޮއްޓަކަށް މީހާކު ވޯޓު ލަނީ: މި އިންތިހާބާ ގުޅިގެން ހުށަހެޅި ގިނަ ޝަކުވާތަކަކީ ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ހުށަހެޅިފައިވާ ޝަކުވާތައް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ކޮމަންޑޫ ބައި-އިލެކްޝަނާ ގުޅިގެން ދިހަ ޝަކުވާ، އެކަމަކު އެއްވެސް ހެއްކެއް ހުށަނާޅާ

5 ފެބުރުވަރީ 2022 - 22:06 0

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ދިހަ ޝަކުވާއެއް ހުށަހަޅާފައިވީ ނަމަވެސް މިއިން އެއްވެސް ޝަކުވާއަކާ ގުޅިގެން އެއްވެސް ހެއްކެއް ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެން މިއަދު ބޭއްވި އިންތިހާބުގައި ވާދަކުރީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީންނެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 48.56 ޕަސެންޓު ވޯޓާއެކު މި އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު ރާޝިދު (ރާޑޯ) އެވެ.

އިންތިހާބާ ގުޅިގެން ލިބުނު ޝަކުވާތަކާ ގުޅިގެން އީސީގެ ކޮމްޕްލެއިންސް ބިޔުރޯގެ ޗެއާ އަދި އެ ކޮމިޝަނުގެ ލީގަލް ޑިރެކްޓަރު އިބްރާހިމް ހާފިޒު މި ނޫހަށް ވިދާޅުވީ، އިންތިހާބު ފެށުމުގެ ކުރިންނާއި ވޯޓުލުން ކުރިޔަށް ދިޔަ ވަގުތު ވެސް ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

އީސީއަށް ހުށަހަޅާފައިވާ 10 ޝަކުވާގެ ތެރެއިން ތިން ޝަކުވާ ހުށަހެޅީ ރޭ 10:00 ކުރިންނެވެ. ބާކީ ހަތް ޝަކުވާއަކީ އެެފަހުން މިއަދު ވޯޓު ފޮށިތައް ބަންދުކުރުމާ ހަމައަށް ލިބުނު ޝަކުވާތަކެވެ. މިހާތަނަށް ޖަވާބު ދިނީ މީގެ ތެރެެއިން ތިން ޝަކުވާއަށެވެ.

ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ހާފިޒް ވިދާޅުވީ، އޭގެ ތެރޭގައި އެ ކޮމިޝަނަށް ސީދާ ނުބެލޭ ޝަކުވާތައް ހިމެނުނު ނަމަވެސް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އީސީ މެދުވެރިކޮށް އަޅާފައިވާ ކަމަށެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ ވަރަކުން ކޮމްޕްލެއިންސް ބިޔުރޯގައި އެ މައްސަލަތަކާ ގުޅިގެން މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ޝަކުވާއަކަށް މާދަމާގެ ކުރިން ޖަވާބުދޭނެ ކަމަށް ހާފިޒް ވިދާޅުވި އެވެ.

ކޮމިޝަނަށް ހުށަހެޅިފައިވާ ސީރިއަސް ބައެއް ޝަކުވާތައް

  • އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތިބި ތަނާ ގުޅިގެން
  • ވޯޓުލާ މަރުކަޒު ކައިރީގައި ކެނޑިޑޭޓަކު ކެމްޕެއިން ކުރުން
  • މާލޭ ވޯޓުލާ މަރުކަޒު އިސްކަންދަރު ސްކޫލުގައި ޖަގަހައެއް ހެދުން
  • ވޯޓުލާން ތިބި މީހުންނަށް ރިޝްވަތު ހުށަހެޅުން

މީގެ ތެރެއިން ބައެއް ޝަކުވާތަކަކީ އެހެން މުއައްސަސާތަކާ ގުޅުން ހުރި ޝަކުވާތަކެއް ނަމަވެސް އީސީ މެދުވެރިކޮށް އެޅެންހުރި ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ހާފިޒު ވިދާޅުވި އެވެ. ރިޝްވަތު ހުށަހެޅުމާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާ މިސާލަކަށް ނަންގަވަމުން އޭނާ ވިދާޅުވީ އެއީ އޭސީސީއަށް ބެލޭނެ ޝަކުވާއެއް ނަމަވެސް، ކޮމިޝަނުގެ ވަސީލަތްތައް ހުރި ވަރަކުން އެކަން ބަލާފައި ވާނެ ކަމަށެވެ.

"މިއަދުން މިއަދަށް އެޓެންޑު ކުރަން ޖެހޭ ކަންކަމަށް އެޓެންޑު ކޮށްފަ ވާނީ. އަޅުގަނޑުމެން ކޮމިޝަނާ އެކަންކަން ހިއްސާކޮށްފައި ވާނީ." ހާފިޒު ވިދާޅުވި އެވެ.

އެކަމަކު ހުށަހެޅިފައިވާ އެއްވެސް ސީރިއަސް ޝަކުވާއަކާ ގުޅިގެން ހެކި ބަސް ދޭނެ މީހެއް ނޫނީ އެހެން ހެއްކެއް ހުށަހަޅާފައިވާ ނުވާ ކަމަށް ހާފިޒު ފާހަގަކުރެއްވި އެވެ.

"މިއިން އެއްވެސް ޝަކުވާއެއްގެ ހުށަހަޅާފައެއް ނެތް. އެއް ޝަކުވާއާ ގުޅިގެން ވީޑިއޯތަކެއް ހުށަހަޅާފައިވޭ. ކޮމިޝަނަށް އިންފޯމް ކޮށްގެން މިސާލަކަށް ކެމްޕެއިން ކުރުން ހުއްޓާލާ މަރުކަޒުން ދުރަށް ދާން އަންގާފައި ވާނީ." އޭނާ ވިދާޅުވި އެވެ.

ޖުމްލަކޮށް ބަލާއިރު މިއަދުގެ އިންތިހާބުގެ ވޯޓު ލުން ސުލްހަވެރިކަމާ އެކީ ކުރިޔަށް ދިޔަ ނަމަވެސް މާލޭގައި ފޮށި ބަހައްޓާފައި ހުރި އިސްކަންދަރު ސްކޫލު ކައިރީގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި އެވެ. އެ ސަަރަހައްދުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.